ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ތިންމައްސަލައަކީ މިދިޔަ ސެޕްޓެމްބަރު 8 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި މިދިޔަ އޮކްޓޯބަރު 1 ވަނަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާޙީމް އާއި އިތުރުބަޔަކު ބައިވެރިގެން ރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެއްޗާއި މިދިޔަ އޮކްޓޯބަރ 12 ވަނަ ދުވަހު ގއ.ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރުބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެއްޗެެވެ.
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މި ޑިސެމްބަރު 27 ވަނަ ދުވަހުގެ 12:00 އާ ހަމަށްވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު ޕޮލިސް މީޑިއާ މެއިލްmedia@police.gov.mv އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވާ އަންގާރަ ދުވަހު ދޫނިދޫގައެވެ.

