ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ، އެމްއެމްޕީއާރްސީގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވައިފި އެވެ.
ނިހާންގެ މައްޗަށް ކުރާ ހަ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދަޢުވާ, މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ, ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެވެ.
މި މައްސަލަ ދައުވާ ކުރުމަށް ޕޮރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވާފައި ވަނީ މިއަދުއެވެ. އަދި މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަން އާއި، ފުލުހުން ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގުގައި ފާހަގަކުރެވުނު ކަންތަކުގެ މައްޗަށް ކުރާ ދައުވާއެކެވެ.
މައްސަލައިގައި ބުނެފައިވަނީ ނިހާން ވިލިމާލެ ދައިރާގެ މެމްބަރުކަމުގައި ހުންނެވިއިރާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު، މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ރިޝްވަތަށް އެދިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިހާން، މަޖިލީހުގެ މެމްބަރުކަމާއި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުން ރިޝްވަތަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެއާއެކު، އަދީބު ދެއްވި ރިޝްވަތު ގަބޫލުކޮށް، ކުށްކޮށް ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ބުންޏެވެ.
އެކަމަކު ނިހާނަށް އެފަދަ އެއްވެސް ފައިސާއެއް ލިބުނުކަން 2014-2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ފާހަގަކުރި އެވެ.

