އިމިގްރޭޝަނާއި ގުޅުންހުރި ދާއިރާތަކުން ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ކޯސްތައް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަންސް މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވެއްޖެއެވެ.
2020 ވަނަ އަހަރު އިމިގްރޭޝަނުން ހާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ”ކަށަވަރު 2020″ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ވިދާޅުވީ އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އިމިގްރޭޝަން އުފައްދައި ކުރު މުއްދަތެއްގެ ތެރޭގައި އިމއިގްރޭޝަނާއި ގުޅުންހުރި ޑިޕްލޮމާ ކޯހެއް ތައާރަފް ކުރެވިގެން ދިޔުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އިމިގްރޭޝަނާއި އިސްސްޓިޓިއުޓް މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގެ ޑިގްރީ އަދި މާސްޓަރސް ކޯސްތައް ފެށިގެންދާނެ ކަމަށެވެ.
ފާއިތުވި ދެއަހަރުތެރޭގައި ކުރެވުނު މަސައްކަތާއި ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި އާންމު ރައްޔިތުންވެސް އެމަސައްކަތް ބަލައިގަންނަކަމަށް ވިދާޅުވިއެވެ. އަދި ފަނަރަ އަހަރުގެ ތެރޭގައި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމެއް އައިސްފައިނުވި ނަމަވެސް، ކޮށްދެއްވަމުންދާ މަސައްކަތްތަކަށް ކޮންޓްރޯލަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިހަފްލާގައި 2020 ވަނަ އަހަރު އިމިގްރޭޝަނުން ހާސިލްކުރި ކާމިޔާބީތައް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވަނީ ޙިއްސާކޮށްފައެވެ. މި ޕްރެޒެންޓޭޝަންގައި އިމިގްރޭޝަންގެ ސްޓްރެޓެޖިކް ޕްލޭން 2024-2020 އާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2023 – 2019 އާއި އެއްގޮތްވާ ގޮތުގެމަތިން ހާސިލްކޮށްފައިވާ ކަންތައްތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޖަޒީރާ ދިރިއުޅުމާއި، ޒިންމާދާރުކޮށް ދައުލަތް ހިންގުމާއި، އޯގާތެރި ސަރުކާރެއް ބިނާކުރުމާއި އަދި ނޫ އިގްތިސާދުގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް މުއައްސަސާއެއްގެ ގޮތުން އިމިގްރޭޝަނުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.
އިމިގްރޭޝަންގެ ސްޓްރެޓެޖިކް ޕްލޭން 2020 – 2020 ގައި ހިމެނޭ ގޮތަށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، މުވައްސަސާގެ ހިންގުން ހަރުދަނާ ކުރުމަށާއި، ބޯޑަރު އިތުރަށް ހަރުދަނާކޮށް މައިގްރޭޝަން ނިޒާމް ހަރުދަނާ ކުރުމަށް މިއަހަރު މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެތެރޭގައި އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެގޮތުން ’އިމުގާ‘ ޕޯޓަލް ތަޢާރަފްކުރުމާއި ދިވެހި ޕާސްޕޯޓް، ވީޒާ، ސީޕޯޓް އަދި އިދާރީ ގިނަ ޚިދުމަތްތަކެއް ވަނީ އޮންލައިންކޮށް ދޭން ފަށާފައެވެ. އަދި ވީޒާގެ ހުރިހާ ޚިދުމަތްތަކެއް އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީ އިމިގްރޭޝަން އޮފީހުން ދޭން ފަށާފައިވާއިރު، ހިތަދޫ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓު ކާޑަށް އެދި ހުށަހެޅުމުގެ ޚިދުމަތް ވެސް ވަނީ ފަށާފައެވެ.
މުވައްސަސާގެ ހިންގުން ހަރުދަނާކުރުމުގެގޮތުން ކުރެވުނު އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، މޯލްޑިވްސް އިމިގްރޭޝަންގެ ސްޓްރެޓެޖިކް ޕްލޭން 2020-2024′ އިފްތިތާހުކުރުމާއި އިމިގްރޭޝަން އޮފިސަރުންނަށް ދެވޭ ޝަރަފުގެ ކުލައާއ މެޑަލް ތަޢާރަފްކުރުމާއި ރާއްޖޭގައި އަލަށް ކިޔަވައިދޭން ފަށާ ޑިޕްލޮމާ އިން އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒް އިފްތިތާހުކުރުމެވެ. އަދި ހަމައެއާއެކު އެމް. އެމް. އޭ. ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއެކު މަޢުލޫމާތު ބަދަލުކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމާއި، ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށާއި ކައުންޓަރ ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ކަމާއި ގުޅުންހުރި ބައިނަލްއަގްވާމީ އިދާރާތަކާއި ގުޅިގެން ޤައުމީ މަސައްކަތު ބައްދަލުވުމެއް ބޭއްވުމާއި، އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅުންހުރި 11 ދާއިރާއަކުން ޖުމްލަ 102 އިމިގްރޭޝަން އޮފިސަރުންނަށާއި، އިމިގްރޭޝަނާއި ގުޅުންހުރި މަސައްކަތްތައް ކުރާ މުވައްސަސާތަކުގެ 18 ބޭފުޅުންނަށް ތަމްރީނު ދިނުން ހިމެނެއެވެ.
ބޯޑަރ ކޮންޓްރޯލް ހަރުދަނާ ކުރުމުގެ ގޮތުން ދަތުރުވެރިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ފަތުރުވެރިންނަށް ޙާއްސަ ދުނިޔޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ލޯޔަލްޓީ ޕްރޮގްރާމް، މޯލްޑިވްސް ބޯޑަރ މައިލްސް، އިފްތިތާހުކުރެވިފައިވުމަކީވެސް އިމިގްރޭޝަނަށް ލިބިފައިވާ ކާމިޔާބީއެއްގެ ގޮތުގައި އިމިގްރޭޝަނުން ފާހަގަކުރެއެވެ.

