ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް އަމިއްލަ ކުންފުނިތަކުން ކަންނެލި މަސްވެރިންނަށް ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައި އެބަހުރި: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް އަމިއްލަ ކުންފުނިތަކުން ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކަށް ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައި އެބަހުރި ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބުރައީސް އިމްރާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވަމުން އަންނަ ސިނާއަތެއް ކަމަށާއި އެކަން އެގޮތަށް އޮއްވާ ބައެއް އަމިއްލަ ކުންފުނިތަކުންވެސް ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކަށް ވަރަށް އިހާނެތިކޮށް ކަންކަން ކޮށްފައި އެބަހުރި ކަމަށެވެ.

އިމްރާން ވިދާޅުވީ ބޮޑު ކަންނެލި ކިރުވޭނެ ސަރުކާރު ކުންފުންޏެއް ނެތް އިރު، ބައެއް އާއްމު ކުނިފުނިތަކުން ނުއަގުގައި މަސްކިރުވާ ކަމަށެވެ. އަދި މި ކޮވިޑްގެ ހާލަތުގައި އިކޮނޮމިކް ރިލީފްގެ ދަށުން ވިޔަފާރިތަކަށް ފައިސާ ދޫކުރިއިރުވެސް ޝަރުތު ހަމަނުވާ ކަމަށްބުނެ ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކަށް އެފަދަކަމެއްވެސް ހަމަނުޖެހުނު ކަމަށެވެ.

ކޮވިޑްގެ ތެރޭގައިވެސް ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން މަސްކިރަމުން އައީ 25 ރުފިޔާއަށް ކަމަށާއި އެކަމަކު ކުންފުނިތަކަށް ލޯނު ދޫކުރިނަމަވެސް އޭގެން މަސްވެރިންނަށްވީ ފައިދާއެއް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އިންކަމް ސަޕޯޓެއްވެސް ނުލިބުނީ ކުންފުނިތަކަށް ދޫކުރި ފައިސާއަކީ މަސްވެރިންނަށް ދިން އެއްޗަކަށް ސަރުކާރުން ހެނދުމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި 25 ރުފިޔާއަށް ވުރެ ކުޑަނުވާ އަގެއްގައި ކަންނެލި ކިލޯއެއް ކިރަން ސަރުކާރުން އަންގާފައި އޮތްއިރު، ކޮވިޑުގެ ހާލަތުގައި ސަރުކާރުން ލާރި ނަގައިގެންވެސް ބައެއް ކުންފުނިތަކުންވަނީ 15 ރުފިޔާއަށް މަސް ކިރުވާފައެވެ.

“ސަރުކާރުން ވިދާޅުވަނީ ކުންފުނިތަކަށް ދިން ފައިސާއަކީ ކަންނެލި މަސްވެރިންނަށް ރަނގަޅު ގޮތް ހަދައިދޭން ދޫކުރި އެއްޗެކޭ، އެކަމަކު އޭރުން ކަންނެލި ކިލޯއެއް ކިރުވަނީ 25 ރުފިޔާއަށް، ކަންނެލި މަސްވެރިން އިންކަމް ސަޕޯޓަށްވެސް ނުވަދެވި ދިޔައީ އެ ސަތޭކަ މިލިއަން ރުފިޔާގެ ސަބަބުން، އެކަމަކު ކުންފުނިތަކުން ބުނަނީ ލިބުނީ ވަރަށް ކުޑަ އެއްޗެކޭ، އެހެން ކިޔާފައި 25 ރުފިޔާއަށް ކިރަންބުނެފައި އޮއްވާވެސް އެބަހުރި 15 ރުފިޔާއަށްވެސް ކިލޯއެއް ކިރުވާފައި” އިމްރާން

މީގެ އިތުރުން އިމްރާން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ތަކެތިން ޑިއުޓީ ކަނޑާލާފައިވިޔަސް، މީގެ ކުރިން 200 ރުފިޔާއަށް ހުރި ކަންވާރު ބޮޅެއް، މިހާރު ލިބެނީ 500 ރުފިޔާއަށްވެސް ބޮޑުކޮށް ކަމަށެވެ. ސަބަބެއް ކަމަށް ފިހާރަތަކުން ބުނަނީ ޑޮލަރުގެ އަގުބޮޑުވާތީ ވާކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މަސް ގަންނަ އަމިއްލަ ކުންފުނިތަކުން މަހުގެ އަގުވައްޓާލަނީ މިހާރު އެކްސްޕޯޓު ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އެމީހުންގެ އަތުން އިތުރު އެއްޗެއް ދައްކަންޖެހޭތީ ކަމަށް ބުނާ ކަމަށާއި އެފަދަ ކަމެއްވެސް ހައްލު ކުރުމަށްދާނެ ދިމާލެއް ނެތް ކަމަށެވެ.

ކަންނެލީގެ މަސްވެރިކަމަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީއާ، މަސްގަންނަ ކުންފުނިތަކާއި އެކުވެސް މަޝްވަރާކޮށް ވާހަކަ ދެއްކުނު ނަމަވެސް ދިމާވެގެން އުޅޭ ކަންކަމަށް ހައްލެއް އަންނާނެ މަގެއް ހޯދިފައިނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކެއް ހަދައި މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ނިންމި ނަމަވެސް އަދި މަސްވެރިންނަށް އެކަމުގެ ފައިދާ ފެންނަ ގޮތެއްނުވާ ކަމަށެވެ. އަދި ޤާނޫނެއް ހެދިޔަސް އެކަންކަން ހަމައަކަށް އެޅުވޭނީ އެ ޤާނޫނުތައް ހަދައި ތަންފީޒްކުރަން ތިއްބެވި ފަރާތްތަކުން، އިޚްލާސްތެރި ނިޔަތަކާއެކު އެ މަސައްކަތް ކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: