ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޑިއުކޭޝަން އޮޑިޓް 2017: ބައެއް މަޝްރޫޢުތައް ހިންގާފައިވަނީ ދައުލަތަށް ގެއްލުންވާގޮތަށް!

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިއުކޭޝަން މިނިސްޓްރީން 2017 ވަނަ އަހަރު ބައެއް މަޝްރޫޢުތައް ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ދައުލަތަށް ގެއްލުންވާ ގޮތަށް ބައެއް މަޝްރޫޢުތައް ހިންގުމުގެ އިތުރުން އެ މިނިސްޓްރީގެ 2017 ވަނަ އަހަރުގެ މާލީ ހިސާބުތަކުގައިވެސް އެތައް މައްސަލައެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި، އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި، ހާމަކަންބޮޑު ގޮތެއްގެމަތިންކަން ޔަގީންކުރަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ބަޔާންކޮށްފައި ވީނަމަވެސް، ބައެއް މަޝްރޫޢުތައް ހިންގުމުގައި އެ އުސޫލާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް މ.ކޮޅުފުށީ ސްކޫލްގައި ކްލާސްރޫމް ހަދަން ސްވިފްޓް އިންޖިނިއަރިންއާ ޙަވާލުކުރި 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެއް ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން އެއެއްބަސް އުވާލުމުގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި އިތުރު 5 މަޝްރޫޢެއް އެކުންފުންޏާ ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމަށް އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން (އޭ.ޑީ.އާރް) ކޮމިޓީންވަނީ ނިންމާފައިކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން އެމައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާގޮތް ހާމަކޮށް އޭޑީއާރް ކޮމިޓީއަށް ހުށަހަޅައި އެކޮމިޓީއަށް ފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށް ރައިސް އޮފީހުން ލަފާ ދިންނަމަވެސް އެކޮމިޓީގެ ލަފަޔާނުލައި މަސައްކަތުގެ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުގައި މަސައްކަތްކޮށްފައިވެއެވެ.

މީގެ އިތުރުން ފ. އަތޮޅު ތައުލީމީ މަރުކަޒާއި ޅ. ނައިފަރު މަދްރަސަތުން އިފްތިތާހާއި ލ. މާވަށު ސްކޫލުގެ އިތުރުން ދ. ކުޑަހުވަދޫ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް، 2016 ވަނަ އަހަރު ސްވިފްޓް އިންޖިނިއަރިންއާ ހަވާލު ކުރުމަށްފަހު، އެ މަޝްރޫޢުތަކުގެ އަގު ބޮޑުކަން ފާހަގަކޮށް، 2017 ވަނަ އަހަރު އެ އެއްބަސްވުންތައް ބާތިލުކޮށްފައިވާއިރު، އަގު ބޮޑުވުމަކީ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމެއްކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ އެ ނިންމުމަކީ ޒިންމާދާރު ނިންމުމެއް ނޫންކަމަށެވެ. އަދި ކޮންޓްރެކްޓް ބާތިލުކުރި ތާރީޚާ ހަމައަށް، މަސައްކަތުގެ އަގާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އެ ކުންފުންޏަށް، 4,508,049 (ހަތަރު މިލިޔަން ފަސް ސަތޭކަ އަށް ހާސް ސާޅީސް ނުވަ) ރުފިޔާ ދައްކާފައިވާކަން ވެސް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މ.ކޮޅުފުށީ ސްކޫލްގައި 8 ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރުމަށް ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކޮށްފައިވަނީ 14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އެކަމަކު އެ މަޝްރޫޢަށް ބިޑު ކުރި ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން 7.6 މިލިއަނަށް މިމަސައްކަތްކޮށްދޭން ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށައެޅުމުން އެކަންކަންވެސް އެކުންފުންޏާ ޙަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާކަންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެކަށީގެންވާ ޕްލޭނެއް ނެތި ބައެއް މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާކަންވެސް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޅ. ނައިފަރު މަދުރަސަތުލް އިފްތިތާހުގައި 10 ކްލާސްރޫމާއި ސްޓާފްރޫމެއްގެ އިތުރުން އޭވީ ރޫމެއް އިމާރާތްކުރުމުގެ މަސައްކަތާއި، ލ. މާވަށު ސްކޫލްގައި 15 ކުލާސްރޫމާއި އަދި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކުރިއިރު އިމާރާތުގެ ސްޓްރަކްޗަރ ތައްޔާރުކުރުމަށް ނިންމާފައިވަނީ ކޮންކްރީޓް ކޮށްގެން ކަމަށްވިޔަސް 2017 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށް، ޕްރީ ފެބްރިކް ސްޓަރަކްޗަރ ބޭނުންކޮށްގެން އިމާރާތުގެ ސްޓްރަކްޗަރ ތައްޔާރުކުރުމަށް ނިންމައި، ހަމަ އެއަހަރު އެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) އާ ހަވާލުކޮށް، އެޑްވާންސް ފައިސާގެ ގޮތުގައި 2,789,699 (ދެ މިލިޔަން ހަތް ސަތޭކަ އައްޑިހަ ނުވަ ހާސް ހަ ސަތޭކަ ނުވަދިހަ ނުވައެއް) ރުފިޔާ އެކުންފުންޏަށް ދައްކާފައިވާކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) އުވާލަން ސަރުކާރުން ނިންމުމުން، ފ. އަތޮޅު ތައުލީމީ މަރުކަޒުގެ މަސައްކަތް އޭ.އައި.އެމް ކޮންސްޓްރަކްޝަންއަށް، އަދި މަދްރަސަތުލް އިފްތިތާހުގެ މަސައްކަތާއި ލ. މާވަށު ސްކޫލުގެ މަސައްކަތް ވިލުކޮޅު މޯލްޑިވްސް އާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް، އެމް.އާރު.ޑީ.ސީ އަށް ދޫކުރި އެޑްވާންސް ފައިސާ އަނބުރާ ހޯދާފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: