ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލު އިންތިޚާބު އިތުރަށް ލަސްކުރުން ރަނގަޅެއް ނޫން: އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނަށް ބަދަލު ގެނެސްގެންވިޔަސް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަންޖެހޭ ކަމަށާއި ކައުންސިލު އިންތިޚާބު އިތުރަށް ލަސްކުރުމަކީ އެކަމުން ނުކުންނާނެ ރަނގަޅަށްވުރެ ނުކުންނާނެ ނުބައި ބޮޑުވެގެން ހިނގައިދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ކައުންސިލް އިންތިޚާބު އިތުރަށް ލަސްކުރުމަކީ އެ އެއިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށްވެސް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ކެންޑިޑޭޓުންނަކީ ވަރަށް ބޮޑު ގުރުބާނީތަކެއްވެފައިވާ ބައެއް ކަމަށާއި، ކައުންސިލު އިންތިޚާބުގެ އިންތިޒާރުގައި އަހަރެއްހާ ދުވަސް އެމީހުން މަޑުކޮށްފި ކަމަށެވެ.

އަހުމަދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ޚާއްސަ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހުނީ ޚާއްސަ ހާލަތަކާއި ގުޅިގެން ކަމަށެވެ. އެ ހާލަތު ނެތްނަމަ މިހާރު އިންތިޚާބު ބާއްވާ ނިމޭނެ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވަން ތައްޔާރުވެފައިވަނިކޮށް ކަމަށާއި ޚާއްސަ ޤާނޫނު ފާސްކުރިއިރު މެންބަރުންގެ ވިސްނުން ހުރީ އެއް އަހަރު ދުވަހުގެ ތެރޭގައި މި ބަލިމަޑުކަމުން އަރައިގަނެ، ގައުމު ހަމައަކަށް އެޅި އިންތިޚާބު ބާއްވާނެ މާހައުލެއް ލިބިގެންދާނެ ކަމަށެވެ.

އަހުމަދު ވިދާޅުވީ ކަންތައްތައް ދިމާވި ގޮތުން އިންތިޚާބު ވަރަށް ބޮޑަށް ފަސްވެއްޖެ ކަމަށާއި އެކަމަކު އިންތިޚާބު ބޭއްވޭނީވެސް ޤާނޫނުގައި ބުނާ މުއްދަތުތައް އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުންނަށްވެސް ލިބިގެން ކަމަށެވެ. އެގޮތުން ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ލިބުމާއި އިންތިޚާބަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ކޮމިޝަނަށްވެސް ލިބެންޖެހޭ ކަމަށް އަހުމަދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުންވެސް ދެން ކުރަންވީ ކަމަކީ ޤާނޫނަށް އިސްލާހެއް ގެންނަންޖެހޭ ނަމަ އެކަންވެސް ކޮށްގެން އިންތިޚާބު ބޭއްވުން ކަމަށް އަހުމަދު ވިދާޅުވިއެވެ. މިހާރު އޮތް ކައުންސިލުތަކަށް، ލާމަރުކަޒީ ޤާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތައް ތަންފީޒް ކުރުމަށްވެސް ގޮންޖެހުންތަކެއް ދިމާވާނެ ކަމަށާއި އެހެންވެ، އަވަހަށް އިންތިޚާބު ބާއްވާ އާ ކައުންސިލަރުން އިންތިޚާބުކޮށް، ޤާނޫނު ތަންފީޒްކުރުމުގެ ދޮރު ހުޅުވާލަންޖެހޭ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

“ޤައުމީ ވިސްނުމަކުން ވިސްނާ ކަމުގައިވާނަމަ މިހާރު ކޮންމެހެންވެސް އިންތިޚާބު ބާއްވާ، ކައުންސިލަރުން އިންތިޚާބު ކުރަންއެބަޖެހޭ، އަނެއްކާ އާ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ދީފައިވާ ބާރުތައް އޭގެ ރަނގަޅު ގޮތުގައި މިހާރު އޮތް ކައުންސިލުތަތަކަށް ބޭނުންކުރެވޭކަށްވެސް ނެތް، ދާއިރާތަކުގެ ތަރައްޤީއަށް ކަންކަން ހިންގުމަށް ކައުންސިލުތަކަށް އޮތް ފުރުސަތު މިހާރު އޮތް ގޮތުން ވަރަށް ބޮޑަށް ހުއްޓުމަކަށް އާދޭ، އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިންތިޚާބު ބޭއްވޭނެ މަގެއް ހޯދުން” އަހުމަދު

މީގެ އިތުރުން އަހުމަދު ވިދާޅުވީ ހަމައެކަނި މާލޭގެ މަގުތަކަށް ބަލާލުމުންވެސް އިންތިޚާބު ބޭއްވޭނެ މާހައުލެއް އޮތްކަން އެނގިގެންދާނެ ކަމަށެވެ. އަދި މިކަމުގައި ބޭނުންވަނީ ކަމާގުޅުންހުރި އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަންކުރުން ކަމަށް އަހުމަދު ވިދާޅުވިއެވެ.

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށް، ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް ބޭއްވޭ ކަމަށްވާނަމަ އިންތިޚާބުވެސް ގައިޑްލައިންތަކެއް އެކުލަވާލައިގެންވިޔަސް ބާއްވާނެ ޖާގަ ހޯދައިދޭންޖެހޭ ކަމަށް އަހުމަދު ވިދާޅުވިއެވެ. ކޮވިޑްގެ މިހާލަތުގައިވެސް ދުނިޔޭގެ ގައުމުތަކުގައި އިންތިޚާބުތައް ބާއްވާފައިވާ ކަމަށާއި ރާއްޖޭގައިވެސް މިހާރު މިއޮތް ހާލަތުގައި އިންތިޚާބު ބޭއްވެންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވި ގޮތުގައި އިންތިޚާބު އިތުރަށް ދަންމާނަމަ، ރަނގަޅަށްވުރެ ބޮޑަށް ނުކުންނާނީ ނުބައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައެޅުމާއި އުސޫލުތައް އެކުލަވާލުމުގެ ބާރު ވަކި ފަރާތަކަށް ދެވިފައިއޮތަސް ގައުމު ހުއްޓާލައިގެން ތިބެވޭކަށް ނޯންނާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.

ގައުމު ހުއްޓާލައިގެން ތިބުމުގެ ބަދަލުގައި ހުރިހާ ފަރާތަކުންވެސް އަމަލުކުރަންވީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށްފަހު، ގައުމާއިގެން ކުރިއަށް ދިޔުން ކަމަށް އަހުމަދު ވިދާޅުވިއެވެ.

“ގައުމު ހުއްޓުމަކަށް ގެނެސްގެން އަބަދަކު ނުތިބެވޭނެ، ހުރިހާ ކަމެއްވެސް އެބަޖެހޭ ހިނގަން، ވިޔަފާރިތައްވެސް، މަދަރުސާތައްވެސް އެބަޖެހޭ ހުޅުވެން، ވަޒީފާތަކަށްވެސް ނުކުމެވޭނެ ގޮތް އެބަޖެހޭ ހޯދަން. އަޅުގަނޑުމެން ކުރަންވީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން، އެކަންކަން ކޮށްފައިވެސް ގައުމު ހިނގަން އެބަޖެހޭ، ކަންކަން ކުރެވެންޖެހޭ” އަހުމަދު

މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ޚާއްސަ ގާނޫނެއް ފާސް ކޮށްފައެވެ. އެ ގާނޫނު ބުނާ ގޮތުން، ތަސްދީގު ކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހެއެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

އެކަމަކު އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި (ހ) ގައި ބުނާ ގޮތުން އިންތިހާބުގެ މަސައްކަތް އިލެކްޝަނުން މަސައްކަތް ފަށަން ޖެހޭނީ މިދިއަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ދިއުމުންނެވެ. އިންތިހާބާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅުމުން ނޫނީ އަލުން އެ އިންތިހާބު ނުބޭއްވޭނެ ކަމަށް އެ ގާނޫނުގައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، އިންތިހާބުތަކާބެހޭ ހާއްސަ ގާނޫނަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: