މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުން ބިއްލޫރި ޕެލެޓެއް ވެއްޓި އޭގެ ދަށުވެ ތާށިވި މީހާ ސަލާމާތްކޮށް އައިޖީއެމްއެޗްއަށް ގެންސްގޮސްފިއެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި އޭނާއަށް ވަނީ ވަރަށް ބޮޑެތި، ސީރިއަސް އަނިޔާތަކެއް ވެފައެވެ. އަދި އެކަމާއި ބެހޭ މައުލޫމާތެއް އެމްއެންޑީއެފް މެދުވެރިކޮށް ނުލިބެއެވެ.
ސޯޝަލް މީޑިއާގައި ދަނީ އަނިޔާވި މީހާގެ ފޮޓޯއެއް ދައުރުވަމުންނެވެ. އަދި އޭގެއިން ފެންނަ ގޮތުން އޭނާ އޮތީ ޕެލެޓު ދޭތެރޭގައި ވަރަށް ބޮޑަށް ތާށިވެފައެވެ. އަދި ބިއްލޫރީގެ ސަބަބުން އޭނާގެ އެއް އަތަށް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.
މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެވެފައެވެ. އެމްއެންޑީއެފްގެ އެހީގައި އެކު ސަލާމަތްކޮށް މީގެ ކުރިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ދެވަނަ މީހާ ސަލާމަތް ކުރަން ވަގުތު ދިޔައީ އޭނާ ވަރަށް ބޮޑަށް ތާށިވެފައި އޮތުމުންނެވެ.
ބިއްލޫރި ޕެލެޓު އެ ދެ މީހުންގެ ގައިމައްޗަށް ވެއްޓިފައި ވަނީ، ކޮންޓެއިނަރެއްގައި އޮތް ޕެލެޓެއް ފޯކްލިފްޓެއްގެ އެހީގައި ބޭލުމުގެ މަސައްކަތް ކުރަނިކޮށެވެ. އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް، ޕެލޓު ވެއްޓުނީ ކޮންޓެއިނަރުގެ ތެރޭގައި ތިބި ދެ މީހުންގެ ގައި މައްޗަށެވެ. އެމްއެންޑީއެފްއިން އެ ދެ މީހުން ސަލާމަތް ކުރީ ކޮންޓެއިނަރު ކަފާލައިގެންނެވެ.

