ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަހަމަކަން ގެއްލޭފަދަ އިސްލާހެއް ޤާނޫނަށް ގެނެސްފާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ގެއްލިދާނެ ފަދަ އިސްލާހެއް ގާނޫނަށް ގެންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް މިދިޔަ އަހަރުވަނީ ޚާއްސަ ގާނޫނެއް ފާސްކޮށްފައެވެ. އެކަމަކު އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ރަސްމީކޮށް ފެށޭނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.

ޚާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން، އަންނަ މާޗު 6 ނުވަތަ 13 ގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަމުން އަޔަސް އެ ތާރީޚުގައި އިންތިޚާބު ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ގާނޫނުގައިވާ ތަރުތީބާ އެއްގޮތަށް އިންތިޚާބު އިންތިޒާމްކުރެވޭނީ އެންމެ ލަސްވެގެން ޖެނުއަރީ 5 ގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެންނެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތު މިހާރުވަނީ ދަންމާފައެވެ.

އިންތިޚާބު ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވެ ދިގުލައިގެންދާތީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހުން ފަށާފައިވާއިރު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ސިއްޙީކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތައް ޤާނޫން އިސްލާހު ކުރުމަށްވަނީ ހުށަހަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް “ސަންގު” އަށް ވިދާޅުވީ އިންތިޚާބު ބާއްވާނީ ވާދަވެރި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް އޮވެއްޖެނަމަ ކަމަށެވެ. އަދި ކޮމިޝަނުން މަސައްކަތްކުރާނީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެންނަ ބަދަލަކާއި ގުޅިގެން އެ ހަމަހަމަ ފުރުސަތު ގެއްލިދާނެ ނޫންތޯ ސަންގު ސުވާލުކުރުމުން ޝަރީފް ވިދާޅުވީ މަޖިލީހުން، އެއްވެސް ކެނޑިޑޭޓެއްގެ ޙައްޤެއް ގެއްލި، ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ގެއްލޭފަދަ ޤާނޫނެއް ފާސްކޮށްފާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާރު މިއޮތް ޕެންޑެމިކްގެ ހާލަތުގައި އިންތިޚާބު ބާއްވާނަމަވެސް ކެމްޕެއިން ކުރުމަށް ދޭން އޮންނަ މުއްދަތު ކަމަށްވާ، އިންތިހާބު އޮންނަ ދުވަހުގެ ކުރިއަށް 28 ދުވަހުގެ މުއްދަތު ލިބެންޖެހޭނެ ކަމަށެވެ. އެކަމަކު މި ފަދަ ދުވަސްވަރެއްގައި ދަތިތަކެއް ހުންނާނެ ކަމަށާއި އެކަމަކު އިންތިޚާބު ބާއްވާނީ ހަމަހަމަ ނުގެއްލޭ ގޮތަށް ކަންކަން ކުރެވޭނަމަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މި ވަގުތު އެކޮމިޝަނުގެ މެންބަރުން ތިއްބެވީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނާ މައްސަލަ ކޮމްޕްރިމައިޒް ކުރާ ގޮތަކަށް ނޫނެވެ.

ޤާނޫނަށް އިސްލާހު ގެންނައިރު، ހަމަހަމަ ނުގެއްލޭ ގޮތަށް ކަންތައްތައް ކުރައްވާނެ ކަމަށް ވިދާޅުވަނީ އީސީން ހުށަހަޅާފައިވާ ކަންތައްތަކާއި އޭޖީ އޮފީހުން ހުށަހަޅާފައިވާ ކަންތައްތަކުގައި ތަފާތު ހުރުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމަށް އީސީން ހުށަހަޅާފައި ވާނީ، އިންތިހާބު ބޭއްވުމަށް އީސީއަށް މި ހާލަތުގައި ފަސޭހަވާނެ ގޮތްތަކަށް ބަލައިގެން ކަމަށާއި އެހެވެ އިސްލާހު ގެނައުމަށް މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި އީސީން ބޭނުންވާ ކަންތައްތައް ހުށަހަޅައި އެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ފާސްކުރި ޚާއްސަ ގާނޫނާ އެއްގޮތަށް އަންނަ މާޗް މަހު އިންތިޚާބު ބޭއްވުމަށް ހުރަސްއެޅި، މަރުތަޅު އެޅުވިފައިވާ މައްސަލަ ސަރުކާރުން ހައްލުނުކުރަނީ އިންތިޚާބު ލަސްކުރަން ބޭނުންވާތީ ކަމަށް އިދިކޮޅުންވަނީ ބުނެފައެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ބޭނުން ނަމަ މަޖިލީހުގެ ސުޕަ މެޖޯރިޓީ މެމްބަރުން ލައްވައި މައްސަލައަށް ހައްލު ހޯދިދާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އިތުރަށް ފަސްނުކޮށް ބޭއްވޭނެ މަގު ފަހިކުރުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ފޮނުއްވާފައިވާތީ، އެބިލަކީ ވީހާވެސް އަވަހަކަށް ނިންމުން މުހިންމު ބިލެއްކަމުން، އެބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި އެމްޑީޕީންވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ގާނޫނީ ގޮންޖެހުންތަކެއް ހުއްޓަސް ލޯކަލް ކައުންސިލް އިންތިހާބު މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. އަދި ކައުންސިލް އިންތިހާބު ބާއްވަން 65 މިލިއަނާއި، 70 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: