ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ޤާނޫނަށް އިސްލާހުތަކެއް!

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިގުލައިގެންގޮސްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވޭނެ މަގެއް ހޯދުމަށްޓަކައި ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، މިދިޔަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު މަޖިލީހުން ފާސްކުރި އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނަކުން އެއް އަހަރަށް ކުރިން އޮތީ ފަސްކޮށްފަ އެވެ. އެ ގާނޫނު އޮންނަ ގޮތުން އިންތިޚާބު ބޭއްވޭނީ ސިއްހީ ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުންނެވެ. އެކަމަކު އަނެއްކާވެސް އިތުރު އެއް މަހަށް އެ ހާލަތު ވަނީ އިތުރުކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިތުރަށް ފަސްނުކޮށް، އެ އިންތިޚާބު ބޭއްވޭނެ މަގެއް ފަހިކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމާފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތަސް، އިންތިޚާބު ބޭއްވޭނެ ގޮތް ގާނޫނު އިސްލާހުކުރަން މަޖިލީހަށް ބިލެެއް ހުުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް ނިޔާޒް ހުށަހަޅުއްވާފައިވަނީ ލޯކަލްކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތު ކުރުކުރުމަށެވެ. އެގޮތަށް އިސްލާހު ހުށަހަޅާފައިވަނީ އިންތިޚާބު އަވަސްކުރުމުގެ ގޮތުން ބައެއް ކަންކަމުގައި ހިނގާ މުއްދަތު ކުރުކުމަށްޓަކައެވެ.

އެގޮތުން ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ އިންތިޚާބު އަވަސްކުރުމަށް އަލަށް އިސްލާހު ކުރެވޭ ގާނޫނު، ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސްތެރޭގައި އަލުން އިންތިހާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ.

މިފަހަރު ގެންނަ އިސްލާހުގައި އިންތިޚާބު ބޭއްވޭނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވާލައި، އާންމު ސިއްހަތަށް ނުރައްކަލެއް ނެތް ކަން ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރުމުން ކަމަށް އޮތުމުގެ ބަދަލުގައި ހިމަނަން ނިންމާފައިވަނީ އިންތިޚާބުގެ މަސައްކަތް ފަށަންވާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސުލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

މީގެ އިތުރުން އެންތިޚާބު އަވަސް ކުރުމަށްޓަކައި އިންތިޚާބާއި ގުޅޭ ހަ ކަމެއްގެ މުއްދަތު ކުރުކުރަން ވަނީ ނިންމާފައެވެ. އެގޮތުން އިންތިހާބު ބޭއްވުމުގެ ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު 45 ދުވަސް ކުރިން އާންމު ކުރަންވާނެ ކަމަށް ގާނޫނުގައި އޮތް އޮތުން ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ.

އިސްލާހުގައިވާ ގޮތުން ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް ޤާނޫނުގައި އޮތް 10 ދުވަސް ފަސް ދުވަހަށް ކުޑަ ކުރުމާއި އަދި އެ ހުށަހެޅޭ ޝަކުވާއަކާ މެދު ފަސް ދުވަސް ތެރޭ ގޮތެއް ނިންމުމުގެ ބަދަލުގައި ތިން ދުވަހަށް އެ މުއްދަތު ކުޑަ ކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.

ދެން އިސްލާހު ހުށަހަޅާފައިވަނީ ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިމުމެއްގެ މައްސަލަ ހައި ކޯޓަށް ފަސް ދުވަސްތެރޭ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން ތިން ދުވަހަށް ކުޑަކޮށް، ހައިކޯޓުން މައްސަލަ ނިންމަން އޮންނަ 15 ދުވަހުގެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށް އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާއިރު. އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި އެ މައްސަލައަކާ ގުޅިގެން މިހާރު އޮތް ގޮތުން 30 ދުވަސް ތެރޭ ހައިކޯޓުން ގޮތެއް ނިންމަން ޖެހޭއިރު އަލަށް ހުށަހަޅާ ބިލުގައި 15 ދުވަސް ތެރޭ ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަށް ބުނެފައިވެއެވެ.

އިންތިޚާބު އިތުރަށް ލަސްނުކޮށް، ވީހާ ވެސް އަވަހަކަށް ބޭއްވުމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅު ޕާޓީތަކުން ވެސް އަންނަނީ އިންތިޚާބު ފަސް ނުކުރުމަށް ގޮވައިލަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާބެހޭ ހާއްސަ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް އަންނަ ބުދަ ދުވަހަށް ބޭއްވުމަށްވަނީ ނިންމާފައެވެ.

މަޖިލީހުގެ އިދާރާއިން ވަނީ އަންނަ ބުދަ ދުވަހުގެ ރޭގަނޑު 8:30 ގައި ޖަލްސާއެއް ތާވަލުކޮށްފަ އެވެ. އަދި އެޖެންޑާގައި ހިމަނާފައިވަނީ އަލީ ނިޔާޒް ގާނޫނަށް ހުށަހެޅުއްވި އިސްލާހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: