ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ބައްދަލުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެދިފައިވާ ބައްދަލުވުން ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް އެ ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.
އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 19 އޮކްޓޯބަރު 2020 ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ޖެންޑަރ މިނިސްޓަރާ ބައްދަލުކުރުމަށް ސިޓީ ފޮނުވާފައިވަނީ އެކި ފަރާތްތަކުން އެ ކޯލިޝަނަށް ލިބެމުންދާ ޝަކުވާތަކާއި، ރޭޕްއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި އިންސާފު ނުލިބި ލަސްވަމުންދާތީ މިކަންކަމާ ގުޅޭގޮތުންނާއި އަދިވެސް އަންހެނުންނާ ގުޅުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކަމަށެވެ.
އެ ސިޓީއާ ގުޅިގެން އެ މިނިސްޓްރީން އީމެއިލް މެދުވެރިކޮށް ޖެންޑަރ މިނިސްޓަރ ރާއްޖެއިން ބޭރުގައި އުޅުއްވާތީ މަސްދުވަހެއްގެ ކުރިން ބައްދަލުކުރެވެން ނެތް ކަމަށާއި މިނިސްޓަރ އެނބުރި ވަޑައިގެންނެވުމުން ބައްދަލުވުމާގުޅޭ ގޮތުން ޖަވާބެއް ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. ނަމަވެސް ސިޓީ ފޮނުވިތާ ތިންމަސް ދުވަސް ފާއިތުވީއިރުވެސް މި ބައްދަލުވުން ހަމަޖެހޭނެ ތާރީޚެއް އަދި މިކަމާގުޅޭ އެއްވެސް ޖަބާވެއް ލިބިފައެއް ނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
”މިކޯލިޝަނުން ދެކޭގޮތުގައި އެހާ ދިގު މުއްދަތަކަށް މިނިސްޓަރަކު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު ދެން ޙަވާލުވާ މިނިސްޓަރަކުވެސް މިފަދަ ކަންކަމަށް ޖަވާބު ދެއްވަން ޖެހެއެވެ. އަދި މިފަދަ މުހިއްމު ވުޒާރާއެއް ވަގުތީ ގޮތުން އެހެން މިނިސްޓަރަކާ ޙަވާލު ނުކުރައްވާނަމަ އެއީ މިސަރުކާރުން ރައްޔިތުންނާއި އެތައް ބައެއްގެ ހައްޤުތައް ރައްކާތެރިކުރުމަށް ވެފައިވާ ބޮޑު އިހުމާލެކެވެ“ އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ވަނީ މިފަދަކަންކަމުން މިސަރުކާރުގެ ދޯހަޅި ކަމާއި ހިންގުމުގެ އެއްވެސް ކަހަލަ ފުރިހަމަ ނިޒާމެއް ނެތްކަން ސާފުވެ އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެއްވެސް އަޅާލުމެއް ނެތްކަން ޔަޤީންކުރެވޭ ކަމަށް ބުނެފައެވެ.

