ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ޚާއްސަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް ”ގަރލްސްޓުކޯޑު – ތިނަދޫ“ ގދ ތިނަދޫގައި ފަށައިފިއެވެ.
މިއީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރަމެކެވެ. މިޕްރޮގްރާމް ތިނަދޫގައި ފަށާފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެެވެ.
މި ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ވަނީ އިއްޔެ ހަވީރު ވަރޗުއަލް އިވެންޓެއް މެދުވެރިކޮށް ބާއްވާފައިއެވެ. މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސް ގެ އިތުރުން މި ޕްރޮގުރާމްގެ ބައިވެރިން ބައިވެރިވިއެވެ.
އޮންލައިންކޮށް ގެންދެވޭ މި ޕްރޮގްރާމް ކުރިއަށް ދާނީ 2 މަސް ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮގްރާމް ކުރިއްދާނެ ގޮތުގެ އިތުރު މައުލޫމާތު އިއްޔެގެ ހަފުލާގައި ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ހިއްސާކޮށްފައިއެވެ. މި ޕްރޮގްރާމްގައި ކުދިންނަށް އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެއެވެ. މިޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓް އާއި ގުޅޭ ގޮތުން މައުލޫމާތު ޙިއްސާކުރުމަށް މެންޓަރސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ބައިވެރިވާނެއެވެ.
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވަރިންނަށް މަރުހަބާ ދަންނަވަމުން ދިރާގު ޑިރެކްޓަރ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ މި ޕްރޮގްރާމް އަށް ދިރާގުން އެއްބާރުލުން ދޭން ނިންމި އެންމެ މުހިންމު ސަބަބަކީ، ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގައި އަންހެނުން ބާރުވެރިކުރުމަކީ ވަކިން ހާއްސަ އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއަކަށް ވާތީކަމަށެވެ. އަދި އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރުކުރުމަށް ހިއްވަރު ދިނުމަކީ ޚާއްސަ އަހައްމިއްޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި ގަލްސް ޓު ކޯޑް ފުވައްމުލަށް އަދި ޖެންގޯ ގަލްސް މާލެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުމަކީ މަސައްކަތް އިތުރަށް ކުރިޔަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއްކަމަށް ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމް ތިނަދޫގައި ބޭއްވުމަށް ތިނަދޫއިން ލިބުނު ތަރުޙީބު އަދި އެކި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ވިމެން އިންޓެކް މޯލްޑިވްސް އިން ޝުކުރުދެންނެވިއެވެ. ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ނިއުމާ ފާއިޒް ވަނީ ހުރިހާ ބައިވެރިންވެސް ޕްރޮގްރާމްގައި ދެމިތިބެ ޕްރޮގްރާމް ނިންމުމަށް އިސްކަންދިނުމަށް ގޮވާލާފައެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން 21 ވަނަ ގަރުނުގެ އެންމެ މުހިންމު ހުނަރު ދަސްކުރުމަކީ އަމާޒު ކަމުގައި ހިފުމަށްވެސް ވަނީ ގޮވާލާފައެވެ.

