ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނު ނުހުރެވޭނެ ހާލަތްތަކާއި އޭގެ ސަބަބުން ނިކުންނަ ނަތީޖާ ބުނެދޭން ޕީޖީ އަންގަވައިފި

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ތުހުމަތުގައިވާ މީހުންނާއި ތަހުގީގުގައި ސުވާލު ކުރާއިރު، ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން، ހަނު ނުހުރެވޭނެ ހާލަތްތަކާއި އޭގެ ނަތީޖާ ބުނެދޭން ޕްރޮޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަންގަވައިފި އެވެ.

ހަނު ހުރުމުގެ ހައްގާއި ގުޅޭގޮތުން، ޖިނާއީ އިޖުރާއަތު ގާނޫނުގެ 47 ވަނަ މާއްދާގެ ގެ (ހ) ގައި ބުނެފައި ވަނީ ހަނު ހުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އޭގެ ފަހަތުން އެ މައްދާގެ (ބ) ގައި ބުނެފައިވަނީއެ މީހެއްގެ ފަރާތުން އެދެވޭ މައުލޫމާތަކީ، އޭނާއާއި ދެކޮޅަށް ހެކީގެ ގޮތުގައޮ ބޭނުން ކުރެވޭނެ މައުލޫމާތެއްކަމުގައި ނުވާނަމަ، ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ހާމަކުރަންވާނެ ކަމަށެވެ. އަދި އެ ހާލަތުގައި ހަނު ހުރުމުގެ ހައްގުގެ ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ހަނުހުރުމުގެ މާނައަކީ، ތިމާގެ އަމިއްލަ ނަފުސާ ދެކޮޅަށް ހުރި ހެކި ހާމަނުކޮށް ހަނުހުރުމެވެ. އަދި ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަ ނުކުރުމެއް ނޫނެވެ.

މިދިޔަ ހަފްތާގައި ޕީޖީ ނެރުއްވާފައިވާ އިރުޝާދުގައި ވަނީ، ކުށުގެ ތުހުމަތުވާ މީހުންނާއި، ހަނު ހުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވީ ނަމަވެސް، އެ މީހަކާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ މައުލޫމާތެއް ދިނުމުގައި ހަނު ނުހުރެވޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ހަނު ހުރުމުގެ ހައްގު އޮތްކަން ތަހުގީގީ އިދާރާތަކުން އެންގިޔަސް، އޭގެ ނަތީޖާއަކީ ކޮބައިކަން ތަހުގީގީ އިދާރާތަކުން ބުނެ ނުދިނުމުން އެ މީހަކާ އެއްކޮޅަށް ހުުންނަ މައުލޫމާތު ހާމަ ނުވެ، އިންސާފު ގާއިމްކުރަން ދަތިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޕީޖީގެ އިރުޝާދުގައި ވެއެވެ.

އެ އިރުޝާދުގައި ބުނެފައިވަނީ ޖިނާއީ ކުށްތަކާއި ގުޅިގެން ސުވާލު ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދާއިރު، އެ މީހަކާއި ދެކޮޅަށް ބޭނުން ނުކުރެވޭނެ ފަދަ މައުލޫމާތެއް ދޭން ޖެހޭނެ ކަމަށާއި، އެއީ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަން ސާފުކޮށް ބުނެދޭން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އެ މީހަކާއި އެއްކޮޅަށް ހުންނަ މައުލޫމާތުތައް، ތައްހުގީގުގައި ހާމަނުކޮށް، މާ ފަހުން އެކަން ހާމަކުރުމުގެ ސަބަބުން ހެކި ބަލައި ނުގަތުން ނުވަތަ، އޭގެ ބުރަދަނަށް އަސަރު ކުރާނެކަން އެ މީހަކަށް ބުނެދޭން ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ތަހުގީގު ކުރިޔަށްދާއިރު، ނަގާ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންއިން އެކަން އެނގެން އޮންނަން ވާނެކަމަށް ޕީޖީގެ އިރުޝާދުގައި ވަނީ ބުނެފައެވެ. އޭގެ ސަބަބަބުން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާއިރު، ހަނު ހުންނަ މީހާއަށް ލިބިދޭ ހައްގުތަކާއި އިލްތިޒާމުތައް ސާފުކޮށް ކިޔައިދީފައިވާކަން ޕްރޮސެކިއުޓާރަށް ވެސް ޔަގީން ކުރެވޭނެ ކަަމަށް ޕީޖީ ވިދާޅުވިއެވެ.

އިރުޝާދުގައި ބުނެފައިވަނީ ތަހުގީގު ކުރާ މީހާއަށް ދެވޭނީ ފުރުސަތެއް ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފުމަކީ އެއީ ކުށުގެ ތުހުމަތު ކުރެވޭ މީހާގެ އަތް މަތީގައި ވާކަމެއް ކަމަށެވެ. އަދި ބުނެފައިވަނީ އަމާޒަކީ އިންސާފު ގާއިމްކުރުން ކަމުގައިވާއިރު، މި އިރުޝާދުގެ ސަބަބުން ނިޒާމު އިތުރަށް ހަރުދަނާވެ، އާއްމުންގެ އިތުބާރު ލިބިގެންދާނެ ކަމަށެވެ.

”ނިޒާމު ހަރުދަނާ ކުރަން، އިންޞާފު ޤާއިމުކުރަން، މީހުންގެ ޙައްޤުތައް ކަށަވަރުކުރަން، މީހަކަށް ނުޙައްޤުން އަދަބެއް ލިބުނަނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެއެވެ.“ އިރުޝާދުގައި ވެއެވެ.

މި އިރުޝާދު ނެރުއްވަން ޖެހުނު ސަބަބު، ޝަމީމް ވަނީ އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައެވެ. އެ ލިޔުމުގައި ބުނެފައިވަނީ، ފޯނުގައި ހުރި ފޮޓޯތަކަކާއި ގުޅިގެން ތުހުމަތުތަކެއް ކުރެވުނު ޓީޗަރަކާއި ބައްދަލުވި ކަމަށެވެ. މައްސަލައިގައި އޭނާގެ ދިފާއީ ވަކީލާއި، ފުލުހުން ވެސް ލަފާދީފައި ވަނީ މައްސަލައިގައި ހަނު ހުރުމަށެވެ. ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވަން ތައްޔާރުވެފައި އޮތް އެ މައްސަލައިގައި ވާ ގޮތުން އޭނާގެ ފޯނުގައި ހުރި ފޮޓޯތަައް ވަނީ ޑިލިޓްކޮށްފައެވެ.

ޝަމީމް ލިޔުއްވާފައިވަނީ، ފޯނަށް އެ ފޮޓޯތައް އައި ގޮތާއި، ފޮޓޯތައް ޑިލިޓު ކުރި ގޮތް އަދި އެ ފޮޓޯތައް ފެނުނު ގޮތް އޭނާ ކިޔައިދިން ކަމަށެވެ. އަދި ފޮޓޯތަކާއި ގުޅޭ ވަރަށް ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރިއިރު، އޭނާ އޭގެއިން އެއްވެސް ވާހަކައެއް ތަހުގީގަށް ކިޔައިދިނުމުގެ ބަދަލުގައި އިހުތިޔާރު ކުރީ ހަނު ހުރުން ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ތަހުގީގުގަށް ކިޔައިދިންނަމަ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ވެސް ނުކުރެވުނީސް ކަމަށާއި، ހަނު ހުރީތީ މައްސަލައިގައި ލިބުނު އެއްވެސް މައުލޫމާތެއް ނެތް ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ.

ހަނުހުރުމުގެ ސަބަބުން އޭނާއާ އެއްކޮޅަށް ހުރި ހެކިވެސް ނުދެއްކި، ނިޒާމުގެ ތެރެއިން ތުހުމަތުތަކެއް ކުރެވުނު އެ މީހާއާއި، ބޮޑު ކަންތައްގަނޑެއް ލައިނުގަނެ ސަލާމަތްވީ އެކަން ޕީޖީގެ ސަމާލުކަމަށް އައުމުގެ ސަބަބުން ކަމަށް ޝަމީމް ވިދާޅުވިއެވެ. ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރާ އެ މީހާގެ މައްސަލަ ދައުވާކުރުމަށް ފޮނުވިނަމަ، އޭނާގެ ވަޒީފާ ވެސް ގެއްލުނީސް ކަމަށް ޝަމީމް ލިޔުއްވިއެވެ.

”މި ހާދިސާއާ ގުޅިގެން އަޅުގަނޑުގެ ކުރިމަތީގައި އޮތް ސުވާލަކީ، މިކަން ހައްލުކުރުމަށް އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއްތޯއެވެ. ކަމެއް ކުރަން ޖެހޭތޯއެވެ؟ ޖިނާއީ އިޖުރާއަތުގެ 47 ވަނަ މާއްދާގެ (ބ) ގައި އޮތް ވާހަކައަކީ އެންމެންނަށްވެސް އެނގޭ ވާހަކައެކެވެ. ނަމަވެސް، އެކަން ހަނދާންކޮށް ނުދެވެނީއެވެ. ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން، ތަޙުޤީޤާ ގުޅޭ ކަންކަން ބެލުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް އޮތުމުގެ މާނައެއްކަމަށް އަޅުގަނޑަށް ފެނުނީ މީހުންގެ ހައްގުތަކާ ގުޅޭ ކަންކަމުގައި ކޮންވެސް ފިޔަވަޅެއް އެޅުމެވެ.“ ޝަމީމްގެ ބްލޮގުގައި ލިޔުއްވިއެވެ.

ހަނު ހުރުމުގެ ހައްގާއި ބެހޭ ގާނޫނު ތަސްދީގު ކުރިފަހުން ހަތަރު އަހަރުވެފައިވާއިރު، އެ ހައްގު ތަންފީޒު ކުރާނެގޮތާއި ބެހޭ ގިނަ ސުވާލުތަކެއްގެ ޖަވާބު ނުލިބިވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. ނިޒާމު ފުރިހަމަ ވަމުންދާވަރަކުން، އެ ފަދަ މައްސަލަތައް ހައްލުވަމުންދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: