މިސަރުކާރަކީ ރައްޔިތުންނަށް އޯގާތެރިކަމާއެކު ޚިދުމަތްކޮށްދެމުންދާ ސަރުކާރެއް ކަމަށާއި މިސަރުކާރަކުން ރައްޔިތުންގެ މޫނަށް ކުޅުޖަހާފައެއް ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނުގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ގައުމެއް ތަރައްޤީ ވެގެންދާނީ ރައްޔިތުންނަށް ބަސްބުނުމުގެ ފުރިހަމަ މިނިވަންކަން އޮވެގެން ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ.
ހަސަން ވިދާޅުވީ ގައުމަށާއި ގައުމުގެ ތަރައްޤީއަށްވެސް ކުރިއެރުން ލިބެގެން އަންނަނީ ރައްޔިތުންނަށް ބަސްބުނުމުގެ ޙައްގު އޮވެގެން ކަމަށާއި، އިހުއޮތް ސަރުކާރުގައި ބަސްބުނާ މީހާގެ މޫނަށް ކުޅުޖަހާ ހައްޔަރުކުރިޔަސް މިސަރުކާރަކުން ރައްޔިތެއްގެ މޫނަކަށް ކުޅެއް ނުޖަހާނެ ކަމަށެވެ.
ރާއްޖެ އޮތް ގޮތާއި ރާއްޖޭގައި ކަންކަން ހިނގަމުން އައިގޮތް އެންމެވެސް ދަސްކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ގައުމެއްގެ ހަޔާތުގައި ދަތި އުނދަގޫ ދުވަސްތަކެއްވެސް އަތުވެދާނެ ކަމަށާއި އެކަންކަމުން އަރައިގަތުމަކީ ކުއްލިއަކަށް ކުރެވޭނެ ކަންކަމެއް ނޫންކަންވެސް ދަންނަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މިއަދު މުޅި ދުނިޔެވެސް އޮތީ، ދުވަހަކުވެސް ނުދެކޭވަރުގެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި އެކަމަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަނީ އެއްވެސް ރައްޔިތަކު ބާކީނުކޮށް ކަމަށެވެ. ކަންކަމަށް ފާޑުކިޔާއިރު، ކޮންމެ މީހަކުވެސް އަމިއްލަ ނަގަންޖެހޭ ޒިންމާތަކެއްވެސް އޮންނަކަން ހަދާންކުރަންޖެހޭ ކަމަށާއި، ސައިހޮޓާއި ތަކާއި ކެފޭ ރެސްޓޯރަންޓުތަކުގައި މޭޒުކައިރީގައި ތިބިގެން ދައްކާލާ ވާހަކައަކުން ގައުމީ ބޮޑެތި މައްސަލަތަކަށް ޙައްލެއް ނާންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
މިސަރުކާރަކީ ވައްކަމާއި ޚިޔާނާތަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވައްކަންކުރާކަން އެނގިޖެއްނަމަ، ވަގުތުން އެކަމަށް ފިޔަވަޅުއަޅާ ކަމާއިބެހޭ މުއައްސަސާތަކުން އެކަމެއް ބަލާނެ ކަމަށް ހަސަން ވިދާޅުވިއެވެ. މި ސަރުކާރަކީ ކޯޓުތަކަށްވެސް ނުފޫޒް ފޯރުވާނެ ސަރުކާރެއް ނޫން ކަމަށާއި ކޯޓެއްގެ ފަނޑިޔާރަކަށް ގުޅައިގެން ވަކި ގޮތަކަށް ހުކުމެއް ނެރޭކަށްވެސް ނާންގަވާނެ ކަމަށެވެ.
”މިސަރުކާރަކުންނެއް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާއެއް، އަޅުގަނޑަށް ހަމަ ކަށަވަރަށް އެނގޭ މިރާއްޖޭގެ ފަނޑީޔާރު މަނިކުފާނަކަށް ގުޅުއްވާފައެއް ވިދާޅެއްނުވާނެ ވަކިގޮތަކަށް ކަންކަން ނިންމަވާކަށެއް، ޤާނޫނު އަސާސީއާ ޤާނޫނުތަކާއި އެއްގޮތަށް ކަންކުރީމަ ގައުމަށް ހަމަޖެހުންވެސް އަންނާނެ، އިންސާފު ގާއިމްކުރާނީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާފައެއް ނޫން“ ހަސަން
މީގެ އިތުރުން ހަސަން ވިދާޅުވީ މިސަރުކާރުން، ރާއްޖޭގެ ވެރިކަމާއި ޙަވާލުވެފައިވަނީ ވައްކަމާއި ކޮރަޕްޝަނާއި، ލާއިންސާނީ އަނިޔާތައް ހައްދުފަހަނަ އަޅާގޮސްފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެކަންކަން ހަމައަކަށް އަޅުވަން ދުވަސްތަކެއް ނަގާނެ ކަމަށެވެ. އަދި އެއީ އެއް ދުވަހުންވާނެ ކަންކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ހެޔޮލަފާ ގައުމިއްޔަތެއް ބިނާކުރުމަށްޓަކައި އެންމެންވެސް ތެދުވެރިކަމާއި އިޚުލާސްތެރިކަން ބަހައްޓަންވީ ގައުމަށް ކަމަށާއި ދަތި ހާލުގައި އުޅެންޖެހޭ ފަހަރުވެސް އަންނާނެ ކަމަށެވެ. އެކަމަކު އެ ދަތި ހާލުގައި އުޅެންޖެހޭ ދަނޑިވަޅުގައި އިޚްލާސްތެރިކަން ގެއްލުވާލާ ފައިސާގައި ޖެހުމަކީ، އެކަމުގެ ސަބަބުން ގައުމަށް ފޫ ނުބެއްދޭވަރުގެ ގެއްލުންތައް ކުރިމަތިކުރުވާނެ ކަމެއް ކަމަށެވެ.
ގައުމުގައި ހުންނަ މައްސަލަތައް ހައްލުކޮށް ރަނގަޅުކުރެވޭނީ، ވުޒާރާތައް ހަރުދަނާވެފައި އެތަންތަނުގައި ތިބޭ މުވައްޒަފުން އިޚްލާސްތެރިވެގެން ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ސަރުކާރަކުން ކުރިއަށްދާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ހަސަން ވިދާޅުވިއެވެ.

