ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންނަށް ހެޔޮއެދޭ ސަރުކާރެއް އަންނާނެ ކަމަށް ޤާބޫލުކޮށްގެން ނުވާނެ: މައުރޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންނަށް ހެޔޮއެދޭ އެއްވެސް ސަރުކާރެއް އަތުވެދާނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކެޓްރީ މައުރޫފް ޒާކިރް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރާއްޖޭގެ ނިޒާމުތައް ހިނގާގޮތުން މަސައްކަތްތެރިންނަށްވުރެ ބޮޑަށް ސަރުކާރަށް މުހިތްމުވަނީ ވިޔަފާރިވެރިން ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަކީ ކޮންމެވެސް ވިޔަފާރިވެރިއަކު ފަންޑުކުރާ ޕާޓީއެއް ކަމަށާއި ސިޔާސީ ޕާޓީތަކަށް ވިޔަފާރިވެރިން ފަންޑުކުރާހާ ދުވަހަކު ޕާޓީތަކުން މަސައްކަތްކުރާނީ އެ ވިޔަފާރިވެރިން ބުނާހާ ގޮތަކަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ނުހޯދިގެން އުޅެނީ ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ އިސްފަރާތްތައް ވިޔަފާރިވެރިންގެ އަތްދަށުވެފައިވާތީ ކަމަށެވެ. އެކަމަކު މަސައްކަތްތެރިން ބާރުވެރިވެ، ވިޔަފާރިވެރިންގެ އަތުގައި އޮތްބާރު ހޯދައިފިނަމަ، އެ ހައްގުތައްވެސް ހޯދޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ސިޔާސީ ފަރާތްތަކަށް މަސައްކަތްތެރިންނާއި މެދު ބޭނުންގޮތަކަށް ކަންތައްތައް ކުރެވެނީ އެފުރުސަތުދޭތީ ކަމަށާއި މަސައްކަތްތެރިން އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނަމަ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތައް ބޭނުންވާހާ ގޮތަށް ކަންތައްތަކެއް ނުކުރެވޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މަސައްކަތްތެރިން ނުކުމެ އެމީހުންގެ ހައްގުތައް ހޯދުމަށް ވަރަށް ގިނަ މަސައްކަތްކުރާ ކަމަށާއި ރާއްޖޭގައިވެސް މިހާރަށްވުރެ ފުޅާކޮށް އެކަންކަން ކުރާނަމަ އެކަމުގެ ނަތީޖާ ހާސިލްވާނެ ކަމަށެވެ.

“ދުނިޔޭގެ ގައުމުތަކުގައި މަސައްކަތްތެރިން ނުކުމެ އެމީހުންގެ ހައްގުތައް ހޯދަނީ، އަޅުގަނޑުމެން ޤަބޫލުކޮށްގެން ނުވާނެ މި ރާއްޖޭގައި މަސައްކަތްތެރިންނަށް ހެޔޮއެދޭ ސަރުކާރެއް އަތުވެދާނެ ކަމަށް، އެއަށްވުރެ ބޮޑަށް ރާއްޖޭގެ މި ނިޒާމް އަންނަނީ ވިޔަފާރިވެރިންގެ އަތްދަށުވެފައި” މައުރޫފް

މީގެ އިތުރުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކާއި ގުޅޭގޮތުން މައުރޫފް ވިދާޅުވީ ކޮވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކަށް ބައެއް ރިސޯޓްތަކުން ފުރިހަމައަށް އަމަލުކޮށް ތަންފީޒް ކުރަމުން ނުދާ ކަމަށެވެ.

މައުރޫފް ވިދާޅުވީ އެކަށީގެންވާ މިންވަރަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިންނަށް ބަލި ޖެހޭ މިންވަރު އިތުރުވަމުންދާތީއާއި ކަންބޮޑުވުމާއި މުވައްޒަފުންގެ ސިއްޙަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭއާއި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރ ބަންދު ކުރުމާއި، ފަތުރުވެރިން އައުން ވަގުތީގޮތުން ހުއްޓާލުމާއި ގުޅިގެން، ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުޑަކުރި މުސާރަ މިހާތަނަށްވެސް ގިނަ ރިސޯތް ތަކަކުން  އަނބުރާ އިޔާދަކޮށްދިނުމަކާއި ނުލައި 8 ގަޑިއިރު ނުވަތަ އެއަށްވުރެއް އިތުރަށް މުވައްޒަފުންލައްވައި މަސައްކަތް ކުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ޓޫރިސްޓް ރިސޯޓްތަށް އޮޕަރޭޓް ކުރަމުންދަނީ އެކަށީގެންވާ މިންވަރަށްވުރެ މަދު މުވައްޒަފުން ލައިގެން ގިނަ ވަގުތު މަސައްކަތްކުރުވައިގެން ކަމަށާއި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މަސައްކަތުގެ ބުރަ ބޮޑުވުމާއި، އެކަށީގެންވާވަރަށް ހުސްވަގުތު ނުދިނުމާއި، އިތުރުގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުންދާ ކަމަށެވެ.

“ރިސޯޓް ތަކުގައާއި އެއާޕޯޓްތަކާއި ޓޫރިސްޓުން އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ކޮވިޑް-19 ގެ މިހާލަތުގައި އެންމެ ކުރީސަފުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް، ފްރޮންޓްލައިން އެލަވަންސްވެސް ޙައްޤުބައެއް، އިނާޔަތްތަކާއި ރައްކާތެރިކަން އިސްކުރުމުގައި އެފަރާތްތަށް ހިމެނޭގޮތަށް ސިޔާސަތުތަށް ކަނޑައެޅަންޖެހޭ” މައުރޫފް

ރިސޯޓް ތަކުގައި އެތައް މަސްތަކެއް ވަންދެން އާއިލާއާއި އަނބިދަރިންނާއި ދުރުގައި ގައުމަށްޓަކައި އިޤްތިސާދަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާއި ދަރީންނާއި ބައްދަލުވުމަށް، އެޗްޕީއޭ އަދި ސަރުކާރާއި މަދު ވިޔަފާރިވެރިން ގުޅިގެން އަޅާފައިވާ ހުރަސްތަކުގެ ނައްތާލަންޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ޖަލުތަކުގައި ބަންދު ކުރެވިފައިވާ ކުއްވެރީންނަށްވެސް މަހަކު އެއްފަހަރު އާއިލީ ބައްދަލުވުމާއި، އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭއިރު، މިފަދަ ހައްޤުތަކުން ރިސޯޓް މުވައްޒަފުން މަހްރޫކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ގެންނަންޖެހޭ ކަމަށެވެ.

އެގޮތުން ރިސޯޓް މުވައްޒަފުން ނެގެޓިވް ނަތީޖާއަކާއި އެކު ކަރަންޓީން ވާންޖެހޭ މުއްދަތު ކުޑަކުރެވިދާނެއެވެ. ނުވަތަ ނެގެޓިވް ނަތީޖާއަކާއި އެކު ކަނޑައެޅޭ އުސޫލަކާއި އެއްގޮތަށް ރަށްރަށަށް ދިއުމުގެ ހުއްދައެއް ދެވިދާނެ ކަމަށާއި ނުވަތަ ރިސޯޓްގައި އާއިލާއާއި އެކު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދުވަސްކޮޅެއް ހޭދަކުރެވިދާނެ އުސޫލެއްވެސް ކަނޑައެޅިދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: