ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑަރ މިނިސްޓްރީގެ އޮޑިޓް 2018: ދައުލަތަށް ގެއްލުންވާ ގޮތަށް ގިނަ ކަންތައްތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑަރ މިނިސްޓްރީން 2018 ވަނަ އަހަރުކޮށްފައިވާ ބައެއް މަސައްކަތްތަކުގައި ބޮޑެތި ގޯސްތަކެއް ހަދައި ދައުލަތަށް ގެއްލުންވާ ގޮތަށް ފައިސާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ، ޖެންޑަރ މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފއިވާ ގޮތުން އިއުލާން ނުކޮށް ތަކެތި ގަތުމާއި، ކޮއްތު ފައިސާ އާއި ހަރު މުދަލުގެ ހިސާބުތައް ބަލަހައްޓާފައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން މިނިސްޓްރީގެ އެކި ބޭނުންތަކަށް އޯޑަރު ކުރި ތަކެތި ލިބުނުތޯ ކަށަވަރު ނުކޮށް އެތަކެއްޗަށް އަދި ހިދުމަތަށް ފައިސާ ދެއްކުމާއި، މިނިސްޓްރީގެ ބޭނުމަކަށް އިމާރާތެއް އެޅުމަށް ޚަރަދުކޮށްފައިވާ ގޮތުން ދައުލަތަށް ލިބުނު މާލީ ގެއްލުމާއި ގޯސްތައް އޮޑިޓްރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

  • ލާމު އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު އިމާރާތް ކުރުމުގައި ދައުލަތަށް ލިބުނު ގެއްލުން

ޕްރޮކިއުމަންޓެއްގެ އަގު 2,500,000 (ދެ މިލިއަން ފަސް ސަތޭކަ ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، އެކަމެއް ކުރުމަށް ހުއްދަދޭނީ، ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުމާ އެއްގޮތަށް އެ އޮފީހުގެ އެންމެ އިސްވެރިޔާކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ޖަދުވަލު ބަޔާންކޮށްފައިވިޔަސް ޖެންޑަރ މިނިސްޓްރީން ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ އޮފީހާއި އެކޮމޮޑޭޝަން ބްލޮކް އިމާރާތްކުރުމުގެ މަސައްކަތް، އެބޯޑުގެ ނިންމުމާ އެއްގޮތަށް، އޮގަސްޓް 2016 ގައި  ހަތް މިލިއަން އެއް ސަތޭކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ ނަވާރަ ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލު ކުރުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސުން އެނގުމާއި ގުޅިގެން، ޖަނަވަރީ 2017 ގައި، އެ އެއްބަސްވުން ބާތިލު ކޮށް، ހަމަ އެއަހަރު، އެއަށްވުރެ ތިން މިލިއަން ދުއިސައްތަ ސާޅީސް ހަތަރު ހާސް ހަތް ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ އަގުބޮޑުކޮށް، ސިފައިންގެ ވެލްފެއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އެ މަސައްކަތް ހަވާލުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

  • ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވުން

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.69 ވަނަ މާއްދާގެ (ނ) ގައި ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު ދެ މިލިއަން ފަސް ލައްކަ ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމަ މަސައްކަތަށް އަގުދެވޭނީ އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންޝަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތުގެ ޕްރޮގްރެސް ޕޭމަންޓް 1 އަދި 2 ކަށް ޖުމްލަ ތިން މިލިއަން ހަތަރު ސަތޭކަ ސާޅީސް ފަސް ހާސް ހަތް ސަތޭކަ ހަތާވީސް ރުފިޔާ ދައްކާފައިވާއިރު، މި ދެ ބިޑުން އެޑްވާންސް އަދި ރިޓެންޝަން ފައިސާ އުނިކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

  • އިއުލާން ނުކޮށް ތަކެތި ގަތުން

ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ޚިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35,000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އާންމުކޮށް އިޢުލާނުކުރަންވާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ސުކޫލު ބޫޓާއި ސްޕޯޓްސް ބޫޓު އަދި ސުކޫލަށް ބޭނުންވާ މިފަދަ ތަކެއްޗަކީ ވިލިމާލެ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތި ހިޔާ ގައި ދިރިއުޅޭ ސުކޫލު ކުދިންނަށް ކޮންމެ އަހަރަކު ގަންނަން ޖެހޭ ތަކެއްޗަށް ވެފައި މިއީ ދުރާލާ އިޢުލާނުކޮށްގެން ގަނެވޭނެ ތަކެއްޗަށް ވީނަމަވެސް، އިޢުލާނު ނުކޮށް، ބައި ބަޔަށް ބަހާލައިގެން އަދި ގުޅުންހުރި ފަރާތްތަކުން ކޮޓޭޝަން ހޯދައިގެން ޖުމުލަ އެއް ލައްކަ ނަވާވީސް ހާސް ދުއިސައްތަ ސަތާރަ ރުފިޔާ، ސުކޫލު ކުދިންނަށް ބޭނުންވާނެ ތަކެތި ގަތުމަށް ޚަރަދުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ކުދިންނަން ކޮއްތު ހަމަޖެއްސުމަށް ގަނެފައިވާ ތަކެތީގެ ސްޓޮކް ހިސާބުތަށް ބަލަހައްޓާފައިނުވުމާއި، ކޮއްތު ހަމަޖެއްސުމަށް ނެގި ފައިސާގެ ތެރެއިން ޖުމުލަ ހަތަރު ލައްކަ ސާޅީސް ތިން ހާސް ހަތް ސަތޭކަ ނުވަދިހަ ހަތް ރުފިޔާއިން ކޮށްފައިވާ ޚަރަދުތަކުގެ ބިލު ނެތުމުގެ ސަބަބުން، އެ ޚަރަދުކޮށްފައިވަނީ ކޮންބޭނުމަކަށްކަން ޔަޤީންކުރެވިފައެއް ނުވެއެވެ. އެކަމަކު ޖުމްލަ ނަމަވެސް ކޮއްތަށް ގަނެފައިވާ ތަކެތީގެ ބިލްތަކުން ދައްކަނީ 1 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ދެން ފާހަގަކޮށްފައިވާ ގޮތުގައި ޖެންޑަރ މިނިސްޓްރީއާ އެމިނިސްޓްރީގެ ދަށުން ހިންގާ ބައެއް މުއައްސަސާތަކުން ހޯދައިފައިވާ ބައެއް ތަކެއްޗާއި ޚިދުމަތް ލިބުނުކަން ލިޔެކިޔުމުން ކަށަވަރު ނުކޮށް، ހަތަރު ލައްކަ ހަތްދިހަ ހަތް ހާސް ތިރީސް ހަތަރު ރުފިޔާ ދައްކާފައިވެއެވެ.

މި މައްސަލަތަކީ އޭގެ ކުރީ އަހަރުތަކުގެ އޮޑިޓްތަކުން ވެސް ފާހަގަކޮށް ޖެންޑާ މިނިސްޓްރީގެ އިސްވެރިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަންތައްތައް ނަމަވެސް އެކަންކަން ހައްލުކޮށްފައި ނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

  • އިޞްލާޙުކުރަން އޮޑިޓާ ޖެނެރަލް ދެއްވި ލަފާ

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮކިއުމަންޓެއްގެ އަގު 5,000,000 (ފަސް މިލިއަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުމާ އެއްގޮތަށް ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މަގްސަދުތައް ހާސިލްވާނެ ގޮތަށް ޕްރޮކިމަންޓްގެ ކަންކަން ރާވައި ހިންގުމަށް ވަނީ ލަފާ ދެއްވާފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 500,000 (ފަސް ސަތޭކަ ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑު މަސައްކަތަކުން ނުވަތަ ޙިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހަޅައިފިނަމަ، އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންޝަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށް ފަހު ފައިސާ ދެއްކުމަށް ވަނީ ދަންނަވާފައެވެ.

މިއީ އެނގިހުރެ ދައުލަތަށް ގެންލުންވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، ފިޔަވަޅުތައް އެޅުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް “މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ” އަށް ހުށަހެޅުމަށް ވަނީ ލަފާ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: