ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާމިދު ސޭޓު މައްސަލައިގައި ހެއްކެއްގެ ގޮތުގައި އަދީބު ބަޔާން ބަލައެއް ނުގަތް!

ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހުކުމް ކުރި ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ އިސްތިއުނާފު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނެއް ހެއްކެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ހާމިދު ސޭޓުގެ މައްސަލައިގައި ދައުލަތުން އަދީބުގެ ބަޔާނެއް ހުށަހަޅާފައިވަނީ އާ ހެއްކެއްގެ ގޮތުގައެވެ. އަދި އެ ދައުވާއަކީ ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްގީކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދައްކާފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަރަށް އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ހާމިދު ސޭޓު  ގުޅިގެން ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައެވެ.

ހާމިދު ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި “ފިނިފެންމާ” ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ހިންގި އޮޕަރޭޝަނެއްގައި 2015 ގެ ފަހުކޮޅު މެލޭޝިއާގައި ހުއްޓަ އެވެ. އޭރު އޭނާ ހައްޔަރުކުރި ފަހުން ހުކުމް ކުރުމާ ހަމައަށް ވެސް ހުރީ ބަންދުގަ އެވެ.

އެ މައްސަލައިގައި ހާމިދުގެ މައްޗަށް ކުށްސާބިތުވާ ކަމަށް ނިންމާ އޭނާ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އަދި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ހާމިދުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، 2018 ގެ އޮގަސްޓް މަހުގެ ތެރޭގައި ހުކުމްވަނީ ތަންފީޒުކޮށް ނިމިފައެވެ.

އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި އެއާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ސުޕްރީމް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ދައުލަތުގެ ފަރާތުން އަދީބު ދީފައިވާ ބަޔާނެއް އާ ހެއްކެއްގެ ގޮތުގައި ހުށަހަޅަން އެދުނެވެ. ނަމަވެސް ހާމިދުގެ ވަކީލުން އެދުނީ އަދީބަކީ، ހާމިދާއެކު އެ މައްސަލައިގައި ދައުވާ ލިބުނު އެއް ފަރާތް ކަމަށްވާތީ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ.

ހާމިދުގެ ވަކީލުންގެ އެ ހު ނުކުތާއާއެކު އެކަމަށް މެދު ގޮތެއް ނިންމެވުމަށް، ކުޑަ ވަގުތުކޮޅަކަށް އަޑުއެހުން މެދުކަނޑާލުމަށް ފަނޑިޔާރުންގެ ބެންޗުން ނިންމެވިއެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އިތުރުން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.

އަޑު މެދު ކަނޑާލުމަށް އަލުން ފެށުމާއެކު އަދީބަކީ ހާމިދާއެކު އެ މައްސަލައިގައި ހިމެނޭ ފަރާތެއްކަން ފާހަގަކުރެއްވާ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ވިދާޅުވީ، އަދީބުގެ ބަޔާނަކީ އަލަށް ލިބުނު ހެއްކެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށެވެ. އެހެންވެ އެބަޔާން ބަލައިނުގަތުމަށް ނިންމިއެވެ.

ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުން އެ މައްސަލައިގައި ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ދެކޭ ކަމަށެވެ. އެހެންވެ، އެ ހުކުމްތަކަށް ސުޕްރީމް ކޯޓުން ތާއީދުކުރަން މިއަދު ދައުލަތުން އެދުނެވެ.

އަދީބުގެ ބޮޑު ބޭބެއެއް ކަމަށްވާ ހާމިދު މައްޗަށް އެންމެ ފުރަތަމަ އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއެއް ނަމަވެސް ދައުލަތުން އެ ދައުވާ ފަހުން އަނބުރާ ގެންދިޔައެވެ.

އަދި އެ ދައުވާ އަނބުރާ ގެންގޮސް، ހިޔާނާތުގައި ބައިވެރިވިކަމުގެ ދައުވާ ހާމިދުގެ މައްޗަށް އުފުލިއެވެ. އެ މައްސަލައިގައި ހުކުމް އިއްވަން އޮތް ޝަރީއަތުގެ މަޖިލިސް، ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށްބުނެ ސިއްރުވެސް ކުރިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: