އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެހޮސްޕިޓަލުން ގަވާއިދާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާކަމަށް ފާހަގަކޮށްފައިވާ ކަންކަން ބަލާ ދިރާސާ ކުރަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ ހޮސްޕިޓަލުން ދައުލަތުގެ މާލިއްޔަތު ގަވައިދާ ޚިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ، އެގޮތުން އެ ހޮސްޕިޓަލުގައި ރެސްޕިރޭޓަރީ ޑިޕާޓްމެންޓު ހެދުމުގެ މަސައްކަތާއި، ސްޓޮކް ބަލަހައްޓާފައިނުވުމާއި ފައިސާ އާއި ގުޅުން ހުރި ލިޔެކިއުންތައް ބަލަހައްޓާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި މަސައްކަތް ކުރުވުމާއި، ތަކެތި ގަތުމުގައިވެސް އެ ގަވައިދަށް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
އައިޖީއެމްއެޗުން ނެރު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ވެރިކަމާއި 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި މިހާރުގެ ސަރުކާރުން ހަވާލުވުމާއި އެކު 2018 ޑިސެމްބަރު 3 ގައި މިހާރުގެ އެޑްމިނިސްޓްރޭޝަނުން ހޮސްޕިޓަލާއި ހަވާލުވެ، ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ހުރިހާ ޕްރޮޖެކްޓެއްވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ އައިޖީއެމްއެޗަކީ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދާ، ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ މައި ނާރެސް ކަމަށްވުމުން ހޮސްޕިޓަލުން ކުރިއަށްގެންދަންޖެހޭ ބައެއް ޕްރޮޖެކްޓުތަކަކީ ނުހަނު ހަލުވި ދުވެލީގައި ކުރިއަށް ގެންދަންޖެހޭ ޕްރޮޖެކްޓުތަކެއް ކަމަށެވެ.
އެ ހޮސްޕިޓަލުން އިސްލާހު ކުރަންޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރާ ކަންކަމުގައި ދައުލަތުގެ އިދާރާތަކުން ދެއްވާ އިރުޝާދުތަކަކީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބަލައިގަންނަ އަދި އެއާއި އެއްގޮތަށް އަމަލުކުރަމުންދާ އިރުޝާދުތަކެއް ކަމަށް ބުނެފައިވެއެވެ.
އޮޑިޓު ރިޕޯޓުން ދައްކާ ގޮތުން އައިޖީއެމްއެޗްއިން އެޑްވާންސްއަށް ފައިސާ ދިނުމުގައި ގަވައިދާއި ހިލާފަށް ފައިސާ ދައްކާފައި ވެއެވެ. އެގޮތުން ރެސްޕިރޭޓަރީ ޑިޕާޓްމެންޓާއި، އިމަޖެންސީ ޑިޕާޓްމެންޓާއި ގުޅުން ހުރި މަސައްކަތްތަކަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ އިންސައްތައަށް ވުރެ އިތުރަށް 13.1 މިލިއަން ރުފިޔާ ދައްކާފައި ވެއެވެ.
މާލިއްޔަތު ގަވައިދުގައި، ތަކެތި ގަތުމާއި، މަސައްކަތްތައް ކުރުވުމާއި ހިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓުތަކުގެ އަގު 35،000 ރުފިޔާއިން ފެށިގެން 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނަމަ އާއްމުކޮށް އިއުލާކޮށް އަންދާޒީ ހިސާބުތައް ހޯދަން ޖެހޭނެއެވެ. އެހެން ނަމަވެސް އައިޖީއެމްއެޗުން ގަވައިދާއި ހިލާފަށް ތަކެތި ގަނެ، އިއުލާނު ނުކޮށް ބައިބަޔަށް ބަހާލައިގެން 2018 ގައި އެކި ފަހަރުމަތިން 217،278 (ދެ ލައްކަ ސަތާރަ ހާސް، ދުއިސައްތަ ހަތްދިހަ އަށެއް) ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އައިޖީއެމްއެޗްއިން މަސައްކަތް ކުރުވުމާއި، ތަކެތި ގަތުމުގައި އެ ގަވައިދަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމެންޓު ހެދުމާއި، އެތަނަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް އެއްބަސްވުމުގައި ރިޓެންޝަން ފައިސާ ކަނޑާނެ ގޮތާއި ބަހައްޓާނެ މުއްދަތު ބަޔާންކޮށްފައި ނުވާ ކަމަށެވެ. އައިޖީއެމްއެޗުން ވަނީ، ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމެންޓު ހެދުމުގެ ޕްރޮޖެކްޓުގެ ތެރޭ ހިމެނޭ މަސައްކަތްތަކަށް ފައިސާ ކަނޑާނެ ގޮތާއި، ބަހައްޓާނެ ގޮތް ބަޔާންކޮށްފައި ނުވެއެވެ.
އެ ޕްރޮޖެކްޓަށް 51.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓަންޖެހޭ 2.5 މިލިއަން ރުފިޔާ އުނިކޮށްފައި ނުވެއެވެ.
މާލިއްޔަތު ގަވައިދާއި އެއްގޮތަށް ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ އާއި، ހަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލު ނުކުރެވި ހުންނަ ފައިސާ އާއި އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާ ބަހައްޓަންވާނީ ތިޖޫރީއެއްގައެވެ. ނަމަވެސް، އައިޖީއެމްއެޗްއިން ތިޖޫރީގައި ހުރި ފައިސާ އަދާހަމަކޮށްފައި ނުވެއެވެ. އަދި ތިޖޫރީއިން ނަގާ ފައިސާގެ އަދަދުތައް ރެކޯޑުކޮށް ތިޖޫރީގައި ދެން ބާކީ ހުރި ބައި، ޝީޓުގައި ލިޔެފައި ނުވާކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
ލިބެންޖެހޭ ފައިސާ އާއި، އަދި ދައްކާފައިވާ ފައިސާތަކުގެ ތަފްސީލުތައް އައިޖީއެމްއެޗްއިން ބަލަހައްޓާފައި ނެތެވެ. އަދި ނުލިބިވާ ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމެއް ނެތުމުގެ ސަބަބުން، އައިޖީއެމްއެޗަށް ލިބެންޖެހޭ ކަމަށް ބުނެފައިވަނީ 2.2 ބިލިއަން ރުފިޔާއަކީ އެއީ ސައްހަ އަދަދެއްކަން އޮޑިޓު އޮފީހަށް ކަށަވަރު ކުރެވިފައި ނުވެއެވެ.
އައިޖީއެމްއެޗްއިން ތަނުގެ ހަރުމުދަލުގައި، ކޯޑު ޖަހާފައި ނުވެއެވެ. އޭގެ ތެރޭގައި މެޑިސިން ޑިޕާޓްމެންޓަށް 25 މިލިއަން ރުފިޔާ ހޭދަކޮށް ގަނެފައިވާ އިކުއިޕްމެންޓުތަކާއި، އިމަޖެންސީ ޑިޕާޓްމެންޓަށް 6.7 މިލިއަން ރުފިޔާ ހޭދަކޮށްގެން ގެނެފައިވާ، އިކުއިޕްމެންޓުގެ މައުލޫމާތު ރެޖިސްޓްރީގައި ނެތެވެ.
މީގެ އިތުރުން ގަވައިދާ ހިލާފަށް އެޑްވާސްގެ ގޮތުގައި ފައިސާ ދޫކޮށްފައިވުމާއި، ބައިބަޔަށް ބަހާލައިގެން ތަކެއްޗާއި ހިދުމަތް ހޯދާފައިވުމާއި، ބިންތަކާއި އިމާރާތްތައް ކުއްޔަށްދިނުމުގެ އެއްބަސްވުންތައް ހެދުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ދައުލަތަށް ނުލިބޭގޮތަށް އެއްބަސްވުން ހަދާފައިވުމާއި، ތިޖޫރީ ބާކީ ގަވައިދާ އެއްގޮތަށް ހަދާފައިނުވުމާއި، ހަރުމުދަލުގެ ރަޖިސްޓްރީ، ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.