ގއ. ދެއްވަދޫގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކު މާލެ ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީޤު ވިދާޅުވެއްޖެއެވެ.
ދެއްވަދޫގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން، ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ތައުފީގު ވިދާޅުވީ ރަށުގެ އާއްމު ހާލަތު މިވަގުތު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، ކަލަސްޓާއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާކަން، އޭނާ ފާހަގަކުރިއެވެ.
ހުކުރު ދުވަހު ދެއްވަދޫއިން އިތުރު 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ އަތޮޅު ވިލިގިނލީގައި ފެސިލިޓީގައި ފަރުވާދެމުން ދާ މީހުންގެ ތެރެއިން، އުމުރުން ދުވަސްވީ ދެ މީހަކު މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ތައުފީގު ވިދާޅުވިއެވެ.
ކޮވިޑު ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ ހާލަތު ރަނގަޅު ކަމަށާއި، ބައްޔަށް ޕޮޒިޓިވް ދެ މީހަކު ވިލިނގިލި ފެސިލިޓީއަށް ބަދަލުކޮށްފައިވަނީ ސިއްހީ އެހެން މައްސަލަތަކެއްގެ ސަބަބުން ކަމަށް ތައުފީގު ވިދާޅުވިއެވެ. ތައުފީގު ވިދާޅުވީ ފެސިލިޓީއަށް ބަދަލުކޮށްފައިވަނީ، ހަކުރު ބަލި ހުރި މީހަކާއި އޭނާގެ ދަރިފުޅު ކަމަށެވެ.
ކައިރި އަތޮޅުތަކުން ދެއްވަދޫއަށް އެކި ގޮތްގޮތުން އެހީތެރިކަން ލިބެމުންދާކަން ފާހަގަކޮށް ތައުފީގު ވިދާޅުވީ، ރަށަށް ބޭނުންވާ ވަރަށް ކާބޯތަކެތި ލިބިފައިވާ ކަމަށެވެ. އަދި މަސްވެރިނަނަށް ފުރުމުގެ ހުއްދަ ދީފައި ނުވުމުގެ ސަބަބުން، އެހެން ރަށްތަކުން، ދެއްވަދޫއަށް މަސް ފޯރުކޮށްދެމުން ދާ ކަމަށް ތައުފީގު ވިދާޅުވިއެވެ.
ރަށުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 55 އަށް އަރާފައެވެ. އޭގެ އިތުރުން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްތައް އަދިވެސް ކުރިޔަށްދާއިރު، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވާ ގޮތުން، އެ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް ފާހަގަކުރެވުނު ކޮންޓެކްޓުންގެ އަދަދު 300 އިން މައްޗަށް އަރައެވެ. އަދި އެއާއި ގުޅުން ހުރި 750 ސާމްޕަލް ނަގާފައިވާކަމަށް އެޗްއީއޯސީއިން ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

