ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާނުން ފިދާވެ ހަމަލާ ދޭން ރޭވި ކަމަށް ބުނާ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި!

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ ތުހުމަތާއި އެކު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖާނުން ފިދާވެގެން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އެ މީހުންގެ މައްޗަށް ސާބިތުނުވެ، މިނިވަން ވެއްޖެއެވެ.

ރ. މަޑުއްވަރީ ވިލުދޮޅި، އިސްހާގު އަލީ އާއި ޏ. ފުވައްމުލަކު އަލުވިމާގޭ، ހުސައިން އަފީފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރީ އޮގަސްޓް، 2017 ގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނުކަމަށް ތުހުމަތުކޮށެވެ. މި މައްސަލައިގައި އަފީފްގެ މައްޗަށް ކުރީ ޓެރަރިޒަމް ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އަދި އިސްހާގުގެ މައްޗަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެވެ.

މައްސަލައިގައި ދައުވާ ކުރި، އަފީފަކީ މީގެ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރި މީހެކެވެ. ދައުލަތުން އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރި ނަމަވެސް، އެ މީހުން ހަމަލާދޭން ރާވާފައިވަނީ ކޮން ސަރަހައްދަކަށް ކަމެއް ބުނެދެވިފައި ނުވެއެވެ. އަފީފުގެ މައްސަލައިގައި ކުރި ހުކުމުގައި ކްރިމިނަލް ކޯޓުން ވަނީ ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނު ކަމަށް ދައުލަތުން ބުނާއިރު، އެފަދަ އަމަލެއް ތަންފީޒު ކުރަން ފެށިކަން ނުވަތަ ފުރިހަމަ ކޮށްފައި ވަނީ ކުށުގެ އުންސުރުތަކުގެ ތެރެއިން ކޮން އުންސުރެއް ކަން ބުނެދެވިފައި ނުވާ ކަމަށެވެ.

ފުލުހުން ގިނަ ހެކިތަކެއް ހުށަހެޅީ އަފީފް އާއި ދެކޮޅަށެވެ. ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުގައި ވާ ގޮތުން އޭނާއަކީ ރާއްޖެއިން ބޭރު ތިން ގައުމަކަށް ޓެރަރިޒަމް ފައިނޭންސްކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުގެ ފިކުރުގެ ގެންގުޅޭ މީހެކެވެ. އޭގައި ބުނެފައިވާ ގޮތުން ސިފައިންގޭގައި އުޅެމުން، އޭނާގެ ފިކުރު ބަދަލުވެ، ފަހުން ވަޒީފާއަށް ނިކުމެފައި ނުވެއެވެ. އަދި ވަޒީފާއަށް ނުނިކުންނަން ދެކޮޅު ހެދި ބައެއް ސަބަބުތަކުގެ ތެރޭގައި، ތުނބުޅި ދިގު ނުކުރެވުން ހިމެނެއެވެ. ފުލުހުން ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި އަފީފް އޭނާގެ އަމިއްލަ ރަށުގައި ވަކި ޖަމާއަތެއް ހަދައިގެން، ނަމާދުކުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޖާނުން ފިދާވެ، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި އަފީފާއި، އިސްހާގު ހައްޔަރު ކުރީ2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި ދެ މީހުންގެ ދައުވާ އުފުލާފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އެމީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން 2018 ގައި ކުރި ހުކުމް، 2019 ގައި ހައިކޯޓުން ބާތިލު ކުރުމުން މިއަދާއި ހަމައަށް ދެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ޓެރަރިޒަމްގެ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިއުމާ، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށެކެވެ.

މީގެ އިތުރުން ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ވަރަށް ގަދަ
23%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 46%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 8%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: