ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ ފޭސްބުކްގައި އާންމުކުރެއްވި އާބާދީއާ ގުޅޭ ލިސްޓެއްގެ މައްސަލަ ބަލައިދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެއެވެ.
އެގޮތުން ތިނަދޫ ސިޓީ ކައުންސިލުން ކޮމިޝަނަރ އޮފް ޕޮލިހަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވަނީ، މެންބަރު ސައުދުﷲ ހިލްމީ 23 ނޮވެމްބަރ 2024 ގައި ފޭސްބުކްގައި ހިއްސާކޮށްފައިވާ ތިނަދޫގެ ރަޖިސްޓްރީގައި ނެތް ކަމަށް ބުނާ ފަރާތްތައް ހިމެނޭ ކަމަށް ބުނާ ލިސްޓުގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންވެސް ހިމަނާފައިވާ ކަމަށެވެ.
އެ ލިސްޓަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހިއްސާކޮށްފައިވާ ޕޯސްޓެއް ކަމަށް ބެލެވޭ ކަމަށާއި އެކަން އެގޮތަށް ހިނގާފައިވާނަމަ އެ އޮތޯރިޓީން ކޮށްފައިވަނީ ގާނޫނީ ބޮޑު ކުށެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުޑަކުދިންނާއި ގުޅޭ ޒާތީ މައުލޫމާތަކީ ކޯޓުގެ އަމުރަކުން ދޫކުރެވޭ އެއްޗަކަށް ވެފައި މައުލޫމާތު ހިއްސާކުރެވޭނެ މިންވަރުވެސް ބަޔާންކޮށްފަވާނެ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، އެ މައްސަލައަކީ ޖިނާއީ ކުށަކަށް ވެފައި، ތަހުގީގުކޮށް، އެ ލިސްޓުތައް މެމްބަރު ސައުދުﷲ ހިލްމީއަށް ލިބުނު ގޮތަކާއި ކޯޓުގެ އަމުރެއް ނެތި އެފަދަ ލިސްޓެއް ދިން ފަރާތެއް ހޯދުމަށް ޓަކައި ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
އެ މައްސަލައަކީ ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުން ވެސް ކުށެއް ކަމުގައިވާތީ މެމްބަރު ސައުދުﷲ ގެ މައްޗަށާއި އެފަދަ ލިސްޓެއް ދޫކުރި އިދާރާގެ މުވައްޒަފުންނަށާއި، ވެރިންނަށް ޖިނާއީ ތަހުގީގެއް ހިންގާ ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި އެލްޖީއޭއަށް ވެސް މައްސަލަ ހުށަހަޅުއްވާފައެވެ.
ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދެ ދައުވާއެއް ކޮށްފައެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިއުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ސައުދަށް ގިނަވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

