ލާމަރުކަޒީ ނިޒާމަށް އިތުރު ގޮންޖެހުންތައް ކުރިމަތި ކުރުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް ހިތްވަރުދެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ކަމަށާއި އެއީ މިހާރުން މިހާރަށްވެސް އުވާލަންޖެހޭ ތަނެއް ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައުދު ވިދާޅުވީ، އެލްޖީއޭއިން އަންނަނީ ކައުންސިލުތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމުގެ ބަދަލުގައި ކައުުންސިލުތަކަށް ޖެއްސުންކުރަމުން ކަމަށެވެ.
”ލާމަރުކަޒީ ނިޒާމަށް އިތުރު ގޮންޖެހުންތައް ކުރިމަތި ކުރުވުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތަށް ހިތްވަރުދެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެއީ މިހާރުން މިހާރަށްވެސް އުވާލަންޖެހޭ ތަނެއް،“ ސައުދު
ސައުދު ވިދާޅުވީ އެލްޖީއޭއިން ކައުންސިލުތަކަށް ޖެއްސުންކުރާ ކަމަށެވެ. އަދި އެލްޖީއޭއަކީ ސިޔާސީ ފަރާތްތަކާއި އެއްބައިވެގެން ކައުންސިލުތަކާއި ދޭތެރޭ ޤާނޫނާ ޚިލާފަށް ފިޔަވަޅު އަޅާ ބައެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން އެކަމަކީ މިއަދު ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ހުތުރެގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ސައުދު ވިދާޅުވީ ސިޔާސީ ގޮތުން ބިރުން ތިބިގެން މިއަދު ކުރިއެރުމެއް ނުލިބޭނެކަމަށާއި މިކަމުން އަރައިގަނެވޭނީ ހުރިހާ ކައުންސިލުތަކުން އެކައްޗެއް ކިޔައިގެން ކަމަށެވެ.
”ސިޔާސީ ގޮތުން ބިރުން ތިބިގެން މިއަދު ކައުންސިލުތަކަށް ކުރިއެރުމެއް ނެތް. އަޅުގަނޑުމެން އެބަޖެހޭ ބިރު ފަހަނައަަޅައިދާން. މިކަމުން އަރައިގަނެވޭނީ ހުރިހާ ކައުންސިލުތަކުން އެކައްޗެއް ކިޔައިގެން،“ ސައުދު
ސައުދު ފާހަގަކުރެއްވީ ލާމަރުކަޒި ނިޒާމު ދިވެހިރާއްޖެއަށް ގެނެވުނީ ސިޔާސީ ބޭފުޅުންގެ ވަރަށް ބުރަ މަސައްކަތުން ކަމެވެ. އެހެންކަމުން، ހިފެހެއްޓި އޮބިއެޅިފައި އޮތް އޮތުން ނިމުމަކަށް ގެނެވިފައިވާއިރު އަނެއްކާވެސް ކައުންސިލުތަކުގެ ބާރު ކަނޑުވަން މި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެއްޗެކޭވެސް ނުބުނެ ތިބުމުގެ ފުރުސަތެއް އަދި ވަގުތެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިރުތުންވެސް މި ސަރުކާރުން ސިޓީސް މިނިސްޓްރީއެއް އުފެއްދީ ކޮންމެހެން ކައުންސިލުތަކަށް އެއްބާރުލުން ދީ ބާރުވެރިކުރުވާކަށް ނޫންކަމަށާއި މިނިސްޓްރީއެއް އުފެއްދުމުގެ ބޭނުމަކީ ކައުންސިލުތަތަކުގެ ބާރު ކަނޑުވާލައި. ”ސައިޒުކުރުން“ ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ސައުދު އިތުރަށް ވިދާޅުވީ، ސިޓީސް މިނިސްޓްރީ ވުޖޫދުވެގެން އައިއިރުވެސް އެއީ ބާތިލު މިނިސްޓްރީއެއްކަން އެނގޭ ކަމަށެވެ. އަދި މާ ގިނަ ދުވަހަކު ސިޓީސް މިނިސްޓްރީ ދެމި ނޯންނާނެކަމުގެ ވާހަކަތައް ކައުންސިލުތަކުން ދައްކަ ދައްކާ ތިއްބާ ފެނުނީ މިނިސްޓްރީ އުވާލިތަން ކަމުގައި އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ގާނޫނުގައި ސަރީހަކޮށް ލިޔެފައިވާ އަކުރުތަކާއި ފިލިތަކަށް އެއްވެސް ބެލުމެއް ނެތި ވަޒީފާތަކެއް ދިނުމުގެ ނިޔަތުގައި މިނިސްޓްރީތަކެއް އުފެއްދިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ދައުލަތަށް ބުރަބޮޑުވެ ރައްޔިތުންނަށް ދަތިއުނދަގޫތަކާއި ކައުންސިލުތަކަށް ގޮންޖެހުންތަކާ ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

