ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި ބާއްވާ ހާއްސަ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މި އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00އާ ހަމައަށެވެ.
ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެމްބަރުން އިންތިހާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެމްބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރެކެވެ.
ސިޓީ ކައުންސިލްތަކަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށް ދަނީ ބާކީ އޮތް ދެ މަގާމު ކަމަށްވާ ރަށު ކައުންސިލްތަކުގެ މަންދޫބާއި އަންހެނުންގެ ކޮމިޓީތަކުގެ މަންދޫބު ހޮވުމަށެވެ.
އެލްޖީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވާއިރު ކިޔޫގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވެރިކަންކުރާ މާލޭގައި ހުންނަ އެލްޖީއޭގެ އޮފީހުގެ އިތުރުން، އަތޮޅުތަކުގެ ސަރުކާރު ހިދުމާތު މަރުކަޒުތަކާއި ސ. ހުޅުދޫ އިޖުތިމާއީ މަރުކަޒު ހިމެނޭ ގޮތަށް ޖުމްލަ 19 މަރުކަޒެއްގައެވެ.
މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 807 ފަރާތަކަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން 625 ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 182 ރައީސުންނެވެ. މި ދެ މަގާމުގެ ވޯޓުލުން ވެސް ކުރިއަށް ދަނީ އެއް ފޮށްޓަކަށް ނަމަވެސް، އޮޅުންތަކެއް އެރިޔަނުދިނުމަށްޓަކައި ދެ މަގާމަށް ދޫކުރާ ވޯޓު ކަރުދާސް ފާހަގަކުރެވެނީ ތަފާތު ދެ ކުލައަކުންނެވެ.
ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދާނެ ގޮތާ ގުޅޭގޮތުން އެލްޖީއޭއިން ބުނެފައިވަނީ، ވޯޓުލުން ނިންމައި ފޮށިތައް ބަންދުކުރާތާ ބައިގަޑިއިރު ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށެވެ. އަދި އިންތިޖާބުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާންކުރި ނަމަވެސް، ރަސްމީ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 3 ވާ އާދީއްތަ ދުވަހުއެވެ.

