ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އެ އޮތޯރިޓީން ހަމަކޮށްފިއެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލްޖީއޭގެ ބޯޑަށް އިންތިހާބުކުރަންޖެހޭ 2 މެމްބަރުން ހޮވުމަށްޓަކައި ބޭއްވި އިންތިހާބުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. ބޯޑަށް އިންތިހާބުކުރާ ދެ މަގާމަކީ ރަށު ކައުންސިލަރުންގެ މެމްބަރު އަދި ޑަބްލިޔުޑީސީގެ މެމްބަރުގެ މަގާމެއް ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނެ ގޮތްވެސް އެލްޖީއޭއިން ވަަނީ ހިއްސާކޮށްފައެވެ. މި އިންތިހާބުގައި 19 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ. އެ ވޯޓި ފޮށިތައް ހުންނާނީ ކޮންމެ އަތޮޅެއްގައި ގާއިމުކޮށްފައިވާ ހިދުމާތު މަރުކަޒުގައި ކަމަށާއި އެހެންނަަމަވެސް އައްޑޫ ސިޓީގެ ވޯޓު ފޮށި ހުންނާނީ އައްޑޫ ހުޅުދޫގައި އަދި ކ. އަތޮޅުގެ ވޯޓު ފޮށި ހުންނާނީ މާލޭގައި (އެލްޖީއޭގައި) ކަމަށް ވަނީ ބުނެފައެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެއެވެ. ދެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށާއި އިންތިޚާބުގެ ވަގުތީ ނަތީޖާ ހޮނިހިރު ދުވަހުގެ ރޭ އިއުލާންކުރާނެ އެލްޖީއޭއިން ވަނީ ބުނެފައެވެ.
އަންނަ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާނެއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެވެ.

