”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026“ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މި މައުރަޒު މިރެއިން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ. މިއަހަރުގެ މައުރަޒު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މިއީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދީ މާކެޓުގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
މި މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މައުރަޒުގެ ވާދަކުރުމުގެ ބައިގައި 6،000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ރަޖިސްޓަރީ ކޮށްފައިވާއިރު، 1،000 އަށްވުރެ ގިނަ އުފެއްދުންތެރިންގެ މަސައްކަތްތައް މި މައުރަޒުން ފެނިގެންދާނެއެވެ. މީގެ ތެރޭގައި 419 ފަރާތަކުން 4،404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2،400 އުފެއްދުމާއި އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ އިސްނަގައިގެން ބައިވެރިވެފައެވެ. މައުރަޒުގައި ދައްކާލާ ޖުމްލަ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތަކެވެ.
މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1،695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނެނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ. އެއީ 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ގިނަ އަދަދެއްގެ މޮޅެތި އުފެއްދުންތައް ފެނިގެންދާނެއެވެ.
މައުރަޒުގެ ވާދަކުރުމުގެ ބަޔަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އިނާމުދިނުމުގެ ރަސްމިއްޔާތުގައި 298 އެވޯޑެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ހޮވުނު 95 ފަރާތާއި، ތިންވަނައަށް ހޮވުނު 82 ފަރާތުގެ އިތުރުން މުޅި މައުރަޒުގެ އެންމެ މަތީ ޝަރަފު ކަމަށްވާ ”ރަން 5 ވަނަ“ ހިމެނެއެވެ.
އެކި ފަންތިތަކުން އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނައިން ލިބިފައިވާތީ، ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށްފައެވެ.

