ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދަ ނެތި ކައުންސިލްތަކަށް މުވައްޒަފުން ނުނަގަން އެ އޮތޯރިޓީން ކައުންސިލްތަކަށް އަންގައިފިއެވެ.
އެ އޮތޯރިޓީން ކައުންސިލްތަކަށް އެގޮތަށް އަންގާފައިވަނީ ސެޕްޓޭމްބަރު 1 ވަނަ ދުވަހު ހުރިހާ ކައުންސިލުތަކަށް ފޮނުވި ސިޓީއެއްގައެވެ. އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުއްވި އެ ސިޓީ ”ސަންގަށް“ ލިބިފައިވާއިރު، އެ ސިޓީގައި ވަނީ އެއްވެސް ކަމަކަށް މުވައްޒަފުން ނަގަންވާނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.
އެ ސިޓީގައި ވާގޮތުން އެ ފިޔަވަޅު އަޅަން ނިންމާފައިވަނީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުންނެވެ.
އެގޮތުން، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށް ކައުންސިލްތަކުން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކަށާއި، ކައުންސިލް ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ނުވަތަ ވަގުތީ މަޝްރޫއެއް ހިންގުމަށް ބޭނުންވެގެން ނުވަތަ ކަނޑައެޅި ވަކި މުއްދަތަަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް ”ކޮންޓްރެކްޓް އެމްޕްލޯއިމެންޓް“ އަދި ”ވޭޖް އެމްޕްލޯއިމެންޓް“ ވަޒީފާތަކަށް މީހުން ނަގަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށްފަހު ކަމަށް އަންގާފައިވެއެވެ.
އޭގެ އިތުރުން، ވަގުތީ ބޭނުންތަކާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓެންސީ، އަދި އެ ނޫނަސް އުޖޫރަދޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާނުކުރަންވާނީ އެ އޮތޯރިޓީގެ ހުއްދަ ހޯދައިގެން ކަމަށް އެ ސިޓީގައިވެއެވެ.
އެލްޖީއޭގެ ހުއްދައާ ނުލައި ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭ ގޮތަށް ހަދާފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލުތަކުގެ ބިންތައް އަތުލެވޭ ގޮތަށް، އަދި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ކައުންސިލަރުން ދެކޮޅު ހެދުން މަނާކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ތަސްދީގުކުރައްވައިފައެވެ.
ހަރަދުކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ނެގުމުގެ ބާރު އެލްޖީއޭއިން އަތުލާފައިވާއިރު، ސަރުކާރު ކުންފުނިތަކުން ވެސް 14،000 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކުރަން ޕީސީބީން ނިންމާފައިވާއިރު، ސިޔާސީ މަގާމުތަކަށް އަދިވެސް މީހުން ނަގަމުންދާތީ އެކަމާ ގުޅިގެން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

