ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު ސައުދާ ދެކޮޅަށް ހެކީންގެ ގޮތުގައި ރައީސް އޮފީސް، އެލްޖީއޭ އަދި ކައުންސިލްގެ މުވައްޒަފުން

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް އޭނާއާ ދެކޮޅަށް ދައުލަތުން ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހަޅައިފިއެވެ.

ސައުދުގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައަކީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގެ ބޭނުމުގައި، އެ ރަށުގެ އާބާދީގެ އަދަދުތަކާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ދޮގު އަދި ސައްހަނޫން މައުލޫމާތުތަކެއް ހުށަހަޅާފައިވާކަމަށް ބުނާ މައްސަލައެކެވެ. ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާތައް އިއްވުމުން ސައުދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފައެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިތައް ވެސް ހާމަކޮށްފައެވެ.

އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ތިނަދޫ ކައުންސިލުން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވި ލިސްޓަށް ޑީއެންއާރުން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓަކާއި ސިޓީގެ ދަރަޖަ ހޯދުމަށް ޓަކައި ކައުންސިލުން އޭރު ނިންމި ނިންމުންތަކުގެ ލިޔެކިޔުންތަކާާއި ތިނަދޫ ކައުންސިލުން އޭރު ދައުލަތުގެ އިދާރާތަކާއެކު ލިޔުމުން ކޮށްފައިވާ މުއާމަލާތްތައް ވެސް ހިމެނެއެވެ.

އޭގެ އިތުރުން ތިނަދޫ ކައުންސިލްގެ އޭރުގެ މެންބަރުންނާއި މުވައްޒަފުންނާއި ތިނަދޫ ކައުންސިލާ އޭރު މުއާމަލާތްކުރަމުން ދިޔަ ރައީސް އޮފީހުގެ މުވައްޒަފުންނާއި އެލްޖީއޭގެ މުވައްޒަފުންނާއި ސައްހަ ނޫން ކަމަށް ބުނާ ލިސްޓުގައި ހިމެނޭ ބައެއް މީހުންނާއި ސައުދު މީގެ ކުރިން މީޑިއާއަށް ދީފައިވާ ދެ ބަޔާނެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅިއެވެ.

މިއަދުގެ އަޑުއެހުމުގައި، މި މަހު 25ގެ ކުރިން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް އަދި 29ގެ ކުރިން ދިފާއީ ހެކި ހުށަހެޅުމަށް ސައުދަށް ފުރުސަތު ދީފައިވެއެވެ. ދެން މި މައްސަލައިގައި އަޑުއެހުމެއް ބާއްވާނީ ޑިސެމްބަރު 13 ވަނަ ދުވަހުއެވެ.

ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބަޔާންކުރާ ކުށްތަކުގެ އަސާސީ އަދަބު އެއްކޮށްލުމުން އަންނަނީ ޖުމުލަ 2 އަހަރާއި 1 މަސްދުވަހުގެ ޖަލު ހުކުމެކެވެ. އެގޮތުން، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅިފައިވާއިރު، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ 31 އޮގަސްޓް 2023ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: