ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލައްބާރަކީ މިހާރު ޒަޔަނިސްޓުންނާ ގުޅުމެއް އޮތް ބޭފުޅެއް ނޫން: މިނިސްޓަރު މުއްތަލިބު

ފޮޓޯ އޭއައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުނި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިޒްރޭލާއި ޒަޔަނިސްޓުންނާ މިހާރު އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އޭނާގެ ދިފާއުގައި ވާހަކަ ދައްކަވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވިކަން ހާމަވީ ދީނީ އިލްމުވެރިންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުތަކެއްގެ ސައްހަ އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭއްވި އެ ބައްދަލުވުމުގައި ދީނީ އިލްމުވެރިން ވަނީ އަލައްބާރަކީ މާޒީގައި އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތްގުޅުމެއް ބޭއްވި އަދި ޔަހޫދީ އާއިލާތަކާއެކު މުސްލިމުންނަށް ވެސް އުޅެވެންޖެހޭނެ ކަމަށް ފާޅުގައި ވާހަކަދައްކަވާފައިވާ ބޭފުޅަކަށް ވުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ޒަޔަނިސްޓުންގެ މައްސަލައިގައި އޭނާއާ ސީދާ ސުވާލުކުރެއްވި ކަމަށާއި، އެފަދަ ގުޅުންތަކެއް އޮތީ މާޒީގައި ކަމަށާއި މިހާރު އެފަދަ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އަލައްބާރު ވިދާޅުވި ކަމަށެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން އަލައްބާރާމެދު އިދިކޮޅު ފަރާތްތަކާއި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އުފެދިފައިވަނީ، 2005 ވަނަ އަހަރު އިޒްރޭލުގެ އިސްވެރިންނާ އޭނާ ސިއްރަށް ބައްދަލުކުރައްވައި ގާޒާގެ ބައެއް ބިންތައް ގަތުމަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. މީގެ އިތުރުން އިޒްރޭލާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އޭނާ ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގައި އޭނާ ހިންގާ ބިޔަ މަޝްރޫއުތަކާ މެދު އޮތް ޝައްކުތައް ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ދިވެހިރާއްޖެއަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ވިސްނުން ގެންގުޅޭ ގައުމެއް ކަމަށާއި، ރާއްޖެއިން ޒަޔަނިސްޓުންނަށް ޕްރޮޕަޓީ ގަނެވިދާނެ ފަދަ އެއްވެސް ފުރުސަތެއް ފަހިވުމަކީ ދިވެހިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން އަލައްބާރަށް ސީދާ ދަންނަވާފައިވާނެ ކަމަށެވެ.

އަލައްބާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ އޭނާގެ އީމާރު ކުންފުނީގެ ހަރަދުގައި ފަލަސްތީނުގެ ގާޒާގައި 20،000 ހައުސިން ޔުނިޓު އެޅުމުގެ ބިޔަ މަސައްކަތެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އަލައްބާރާއެކު މިހާތަނަށް ކުރެވުނު މުއާމަލާތްތަކުން އެނގިގެންދިޔައީ އޭނާގެ ހަގީގީ ބޭނުމަކީ އިންވެސްޓްކުރާ ގައުމުތަކުގެ ހާލަތު ރަނގަޅުކޮށް ބަދަލުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމާލެ ހިލޭ ދޫކޮށްލަން މަސައްކަތްކުރަމުން ދާއިރު، މުސްތަގުބަލުގައި ލިބޭ އާމްދަނީން ކެނޑޭ އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އެޅުމަށް އަލައްބާރު އެއްބަސްވެވަޑައިގަތީ އަމިއްލަ ތަޖުރިބާގެ ސަބަބުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެގޮތުން އަލައްބާރަކީވެސް އެއް ކޮޓަރިއެއްގެ ތެރޭގައި އަށް ބެއިންނާއެކު އުޅެ ބޮޑުވި ބޭފުޅަކަށް ވުމުން، އާދައިގެ ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑަށް އިހުސާސްކުރެއްވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި އާންމުން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ނުފޫޒެއް ނުވަތަ ހަންފެތުރުމުގެ އެއްވެސް ނިޔަތެއް އަލައްބާރުގެ ނެތް ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ޝައްކުތަކެއް އޮތްނަމަ އިލްމުވެރިން ސީދާ އަލައްބާރާ ވާހަކަ ދެއްކެވުމަށްވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

މީގެ އިތުރުން، މި ބިޔަ މަޝްރޫއަކީ ނުފޫޒު ފޯރުވުމަށް ނުވަތަ ނާޖާއިޒު މާލީ ފައިދާއެއް ހޯދުމަށް ހިންގާ ކަމެއް ނޫން ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި މަޝްރޫއާ ގުޅިގެން ސަރުކާރަށް ނުވަތަ އެއްވެސް މިނިސްޓަރަކަށް ހަދިޔާއެއްގެ ގޮތުގައިވެސް އެއްވެސް އެއްޗެއް ދީފައި ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: