ރަސްމާލެ މަޝްރޫއު ހިންގަން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި މިންވަރުގެ ސަބަބުން މަޝްރޫއު ހުއްޓާލަން ދަތިވާނަމަ، ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެ މަޝްރޫއު ހިންގަން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި މީހުން ގިނަކަމުން އަދި ފައިސާ ނެގިލެއް ގިނަކަމުން އެ މަޝްރޫއު ހުއްޓާލެވޭކަށް ސަރުކާރަށް ނެތް ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ އިސްވެރިންނަށް އަދި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރަށް ވެސް އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެކަން މިހާރު ގަބޫލުކުރެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
”އެހެންނަމަވެސް، އެ މީހުންނަށް ގަބޫލުކުރެވޭ އިނގޭތޯ، އަލްއައްބާރަށް ވެސް އޭނާއަށް ވެސް ގަބޫލުކުރެވޭ އިނގޭތޯ މި މަސައްކަތެއް މިގޮތަކަށް ނުހިންގޭނެކަން ދިވެހިރާއްޖެއަކު. މުއިއްޒު ކިތަންމެ ބޭނުންފުޅުވިޔަސް މިކަމަށް ނުކުރެއްވޭނެކަން އެބަ އެނގިވަޑައިގަންނަވާ،“
ޔާމީން ވިދާޅުވީ، އެ މަޝްރޫއަށް ދުވަހަކު ވެސް ޕީއެންއެފްގެ ތާއީދެއް ނުލިބޭނެ ކަމަށެވެ. ވެރިކަމުގައި ހުންނަވައިގެން ރައީސް ޑރ. މުއިއްޒު ކޮންމެ ކަމެއް ކުރެއްވިޔަސް، އެ މަޝްރޫއު ހިންގާނަމަ ދެން ރިޔާސީ ގޮނޑިކޮޅު ހުވަފެނުން ވެސް ނުފެންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ފައިސާ ނަގިލެއް ގިނަކަމުން އެ މަޝްރޫއު ހުއްޓާލަން ދަތިވާކަމަށް ވަންޏާ އޮތް އެންމެ ރަނގަޅު ގޮތަކީ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ވޯޓެއް ނަގައިފިނަމަ ދިވެހި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެ ކަމަށާއި އެހިސާބުން ރައީސް މުއިއްޒަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، އެކަމުގައި އެމަނިކުފާނު ދެއްވާ ހަކީމީ ބޭހަކީ އެއީ ކަމަށް ޔާމީން ވިދާޅުވިއެވެ.
”ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ދިވެހި ރައްޔިތުން ބުނާނެ ނުފެނެއޭ. އޭރަށް ދެން ނެތެއް ނޫންތޯ މުއިއްޒަށް ކޮށްދެވޭނެ ކަމެއް. އެއީ މުއިއްޒަށް އަޅުގަނޑު އަރުވާ ފޯމިއުލާ، ހަމަ ހަކީމީ ބޭސް މި ދެއްވީ. މި ބޭސް ހިއްޕަވައިގެން މުއިއްޒު ހަމަޖެހިލައިގެން އުޅުއްވާ.“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެ މަޝްރޫއާ ދެކޮޅު ގަރާރެއް ފާސްކޮށްފައިވާތީ، އެމްޑީޕިއާ ޕީއެންއެފްއާ މިހާރު ތިބީ އެއް ގަލަކަށް އަރައި ކަމަށެވެ.
”އޭނައާ (ރައީސް ނަޝީދާ) ދެކޮޅަށް އެމީހުންގެ ގައުމީ މަޖިލީހުން އެ ފާސްކުރީ އެންމެން އެ ފާސްކުރީ ބޮޑު އަގުލަބިއްޔަތުން އެ ފާސްކުރީ މިކަމާ ދެކޮޅަށް. އެހެންވީމާ އެމްޑީޕިއާ އަޅުގަނޑުމެންނާ މިތިބީ މި މައްސަލައިގައި އެއްގަލަކަށް އަރައި،“
ރަސްމާލޭގެ މައްސަލައިގައި އެންމެ ވަރުގަދައަށް ނޫނެކޭ ބުނި މީހުންނަކީ ޕީއެންއެފް ކަމަށާއި، އެކަމާ ދެކޮޅަށް ތެދުވާ އެންމެނަށް ވެސް ޕީއެންއެފްއިން މަރުހަބަ ކިޔާނެކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން އެކަމުގައި ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲގެ ވިސްނުންފުޅާ ވެސް އެއްގޮތް ކަމަށާއި އޭނާއަށް ވެސް މަރުހަބާ ދަންނަވާކަމަށް ވިދާޅުވިއެވެ.

