ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ”ރަސްމާލެ“ މަޝްރޫޢުގެ ދަށުން، ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް (ރެފަރެންޑަމް) ނެގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މަޖިލީހަށް މި ޤަރާރު ހުށަހެޅީ، މިފަދަ ބިޔަ މަޝްރޫޢެއް ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދިނުމުގައި ދިވެހި ރައްޔިތުންގެ ސީދާ ބަހެއް އޮންނަންޖެހޭނެ ކަމަށް ބުނެއެވެ.
މި ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ދުސްތޫރީ ބާރުގެ ދަށުންނެވެ.
މަޖިލީހަށް ހުށަހެޅި ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ޢާންމު މުހިންމު ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި، މަޖިލީހުގެ ޤާނޫނު ހެދުމުގެ ޢާންމު އިޚްތިޞާޞްގެ ތެރެއިން މުހިންމު ނިންމުމެއް ނިންމުމުގައި ރައްޔިތުންގެ ސީދާ ޚިޔާލު ހޯދަން ފެންނަނަމަ އެފަދަ ވޯޓެއް ނެގުމަށް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވާކަން ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 253-5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، މިފަދަ ޢާންމު ވޯޓެއް ނެގުމަށް ފާސްކުރަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ޤަރާރަކުން ކަމަށް ވުމާއެކު، މި ޤަރާރަކީ ޤައުމީ މިފަދަ ބޮޑު މައްސަލައެއްގައި ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ސީދާ ބަސް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ހުށަހެޅި ޤަރާރެއް ކަމަށް އިދިކޮޅުން ބުނެއެވެ.
ސަރުކާރުން ފުށިދިއްގަރު ފަޅުން ހިއްކާފައިވާ ބިމުގައި ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ ގެ ނަމުގައި ބިޔަ މަޝްރޫޢެއް ހިންގުމަށްޓަކައި، 21 ސެޕްޓެމްބަރު 2026 ގައި ދުބާއީގައި އީގަލް ހިލްސް ކުންފުންޏާއެކު ވަނީ ވިޔަފާރީގެ ޝަރުޠުތަކުގެ އެއްބަސްވުމެއް (ކޮމާޝަލް ޓާމްސް އެގްރީމަންޓް) ގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ތަފްޞީލުތައް ހާމަވެފައިވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 15 އޮކްޓޫބަރު 2026 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިޔުމުން ދެއްވި ޖަވާބާ ގުޅިގެންނެވެ. އެ ޖަވާބުން ހާމަވާ ގޮތުގައި:
- ބިމުގެ ބޮޑުމިން: މި މަޝްރޫޢު ހިންގުމަށްޓަކައި ގާތްގަނޑަކަށް 500 ހެކްޓަރުގެ ބޮޑު ބިމެއް ކަނޑައަޅާފައިވެއެވެ.
- ދޫކުރާ މުއްދަތު: ބިން ދޫކުރަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއިން ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު ކަމުގައިވާ 99 އަހަރުގެ މުއްދަތަށެވެ.
- ދައުލަތަށް ލިބޭ މަންފާ: މި މަޝްރޫޢުން ދިވެހި ދައުލަތަށް ނުވަތަ ސަރުކާރަށް ލިބުމަށް ހަމަޖެހިފައިވަނީ ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ އެންމެ 4 އިންސައްތައާއި، ވިއްކާ ޔުނިޓްތަކުގެ އަގުގެ 10 އިންސައްތައެވެ.
މި ތަފްޞީލުތައް ޢާންމުވުމާ ގުޅިގެން ސިޔާސީ މައިދާނުގައާއި ޢާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދިފައެވެ. ޚާއްޞަކޮށް ޤައުމުގެ އަގުހުރި ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދޫކޮށްލާއިރު، ދައުލަތަށް ލިބޭ މާލީ މަންފާ ނިސްބަތުން އިންތިހާއަށް ކުޑަވުމަކީ ދިވެހި އިޤްތިޞާދަށާއި ޤައުމީ މަޞްލަޙަތަށް ގެއްލުންހުރި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.
މީގެ އިތުރުން، ދިގު މުއްދަތަކަށް ބޭރުގެ ވިޔަފާރި މަޞްލަޙަތުތަކަށް މިހާ ބޮޑު ސަރަޙައްދެއް ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އަސަރުކޮށްފާނެ ކަމެއް ކަމަށާއި، ޖީލުތަކަކަށް ދެމިގެންދާނެ މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ ރައްޔިތުންގެ ސީދާ ރުހުމާއެކު ކަމަށް ޤަރާރުގައި ވަކާލާތުކޮށްފައިވެއެވެ.

