އެމްޑީޕީ އަކީ އެންމެ ފަރުދެއް ނޫން ކަމަށާއި އެކަން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިން ސާބިތުކޮށްދީފި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް ބަހުސްކުރައްވަމުން ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ދެއްކެވި ވާހަކަތަކަށް މީކާއީލް މިއަދު ވަނީ ރައްދު ދެއްވައިފައެވެ. ޝުޖާއު ވިދާޅުވެފައިވަނީ އެމްޑީޕީއަކީ އެ މީހުން ބޭނުންނުވާ ކަމެއް، މި ގައުމުގައި ހަރުދަނާކަންމަތީގައި ހިންގުމަށް ޓަކައި ގެންނަ ކޮންމެ އިސްލާހަކާ މި ދެކޮޅުވާނެ ބައެއް ކަމަށާއި އެއީ އަޖައިބެއް ނޫން ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، ޝުޖާއު ދެއްކެވި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، އެމްޑީޕީއަކީ އެންމެ ފަރުދެއް ނޫން ކަމަށާއި ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިން އެކަން ސާބިތުކޮށްދީފި ކަމަށެވެ.
”އެމްޑީޕީއަކީ އެންމެ ފަރުދެއް ނޫން، އެމްޑީޕީއަކީ އާންމު މެމްބަރުންގެ ޕާޓީއެއް. އިއްޒަތްތެރި ރައީސް ރޭގައި ބޭއްވުނު ގައުމީ މަޖިލީހުގެ ބައްދަލުވުމުން އަޅުގަނޑުމެން. އެކަން ސާބިތުކޮށްދީފިން،“ މީކާއިލް
ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީން ތެދުވާނެ ކަމަށާއި ބަސް ބުނާނެ ކަމަށާއި އިހުތިޖާޖު ވެސް ކުރާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި އެ އެމްޑީޕީ ދެމިއޮންނާނީ އެ ޕާޓީގެ އާންމު މެމްބަރުންނާއި ދިވެހި ރައްޔިތުންނާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަދަކީ މަޖިލީހަކަށް ހުށަހެޅި ގަރާރަކަށް ބަހުސް ނުކޮށް އެ ގަރާރު ބޭރުކޮށްލަން ވޯޓުދިން ފުރަތަމަ ދުވަސް ކަމަށާއި އެހެންކަމުން މިއީ ތާރީހީ ދުވަހެއް ކަމަށެވެ. ބޭރުގެ މަހުޖަނެއްގެ ނުފޫޒަށް ގައުމު ސޮއްސާލަން ދެކޮޅުވާ ސަބަބަކީ އެއީ ކަަމަށާއި މިއަދު އޭނާގެ ނުފޫޒު މަޖިލީހަށް ވެސް ފޯރާފައިވާ ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ.
ތައުލީމުގެ ބިލާ ގުޅޭގޮތުން މީކާއިލް ވިދާޅުވީ، މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު ހުށަހެޅުމުގައި ދެ މަގްސަދެއް އެބައޮތް ކަމަށާއި އެ ދެ މަގްސަދު ވެސް ގުޅެނީ ރަސްމާލެ މަޝްރޫއާ ކަމަށެވެ. ފުރަތަމަ ކަަމަކީ ރަސްމާލެ މަޝްރޫއުގެ ވާހަކަ އޮއްބާލަން ދެބޯގެރި ދުއްވުން ކަމަށާއި ދެވަނަ މަސްގަދަކީ ސަރުކާރާ ގުޅިގެން ދީން ނިވާފަތްގަނޑަކަށް ހަދައިގެން އުޅޭ ޖަމިއްޔާއެއްގެ އަޑު ކަނޑުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯމް ސްކޫލިން ތައާރަފްކުރަން ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހަޅުއްވާފައިވާ ތައުލީމުގެ ގާނޫނުގެ އިސްލާހަކީ އަންހެން ކުދިން މަދަރުސާއަށް ނުފޮނުވައި ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުން ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރަސްމާލެ މަޝްރޫއާ މެދު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލަން އެމްޑީޕީން ފާސްކޮށްފައިވާއިރު، އެކަން ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ގޮވާލައިފައެވެ.

