ރަސްމާލޭގައި ހިންގާ މަޝްރޫއުއާއި ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް 57 މެމްބަރުންގެ ތާއީދާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާގެ ނަމުގައި ހިންގާ ރަސްމާލޭ މަޝްރޫއަކީ ދިވެހި ރައްޔިތުންގެ މުއްސަނދިކަމަށް އުނިކަން ލިބޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ އެ މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން އެއްވެސް އަމަލީ މަސައްކަތެއް ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެ ގަރާރުގައި ސަރުކާރަށް ގޮވާލާފައެވެ. އެ ގާރާރު ހުށައެޅުއްވީ ކޮލަމާފުށީ ދާއިރާގެ ރައީސް މަހުފޫޒް ސައީދެވެ.
އެ ގާރުގެ މަސައްކަތް ކުރެއްވުމަށް ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. އެގޮތުން އެ ކޮމިޓީގައި ހިިމެނެނީ:
- މުހައްމަދު ރާއީ
- އަހުމަދު ސަލީމް
- މާޒް ސަލީމް
- މައުރޫފް ޒާކިރު
- އަމީން ފައިސަލް
- ފާތިމަތު ޒަހިއްޔާ
އެމްޑީޕީގެ ގައުމީ މަޖިލީހުން ހުށައެޅި ގަރާރަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ސީދާ ހަރަކާތަށް ނިކުންނާނެ ކަމަށްވެސް އެ ޕާޓީގެ ގަރާރުގައި ވެއެވެ.
އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދޫކުރުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ބޮޑު ހިޔާނާތެކެވެ.
އެމްޑީޕީން ފާހަގަކުރި ގޮތުގައި އެ މަޝްރޫއު ހަވާލުކުރުމުގައި ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ވަނީ ހަދާފައެވެ. އެގޮތުން އެއްވެސް ބިޑުކުރުމުގެ ދައުވަތަކާ ނުލައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން ބިންތައް ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރާ ކޮންމެ ފަހަރަކު ކުލީގެ މުއްދަތު 99 އަހަރަށް އާވާ ގޮތަށް އޮތުމަކީ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ދާއިމީކޮށް މިލްކުކޮށްދިނުން ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެމްޑީޕީގެ ގަރާރުގައި ސިފަކޮށްފައިވެއެވެ.
މި މައްސަލައިގައި އެމްޑީޕީން ވަނީ ސަރުކާރަށް މުހިންމު ތިން ކަމަކަށް ގޮވާލާފައެވެ. އެއީ:
- މި މަޝްރޫއުގެ ވިޔަފާރީގެ އެއްބަސްވުންތަކުގެ ތަފްސީލު އާންމުކުރުން
- މިފަދަ ބޮޑު މަޝްރޫއަކާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމްއެއް ނެގުން
- އެ ޕާޓީން ގޮވާލާފައިވަނީ އެފަދަ ވޯޓެއްގެ ނަތީޖާ ލިބުމުގެ ކުރިން، އެ ބިމުގެ މައްޗަށް އެއްވެސް ފަރާތެއްގެ ހައްގެއް އުފަންވާނެ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުން
އެ ގާރަރަށް ތާއީދު ކުރައްވާ ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ ރިފަރެންޑަމްއަކަށް ނުދާ ކަމަށް ވާނަމަ މަގުތަކަށްވެސް ނިކުންނަން ޖެހޭ ކަމަށް ވިދާޅުވެ، ޝުއޫރުފާޅުކުރައްވައިފައެވެ.

