ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި އެ މަޝްރޫއާ ޒަޔަނިޒަމާއި އިސްލާމް ދީން ގުޅުވައި ދައްކާ ވާހަކަތަކީ ސާބިތު ހިފޭ ގޮތެއްގައި ދައްކާ ވަހަކަތަކެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕަރސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލަން ފާސްކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ހުންނެވީ އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި ނަމަވެސް ބައެއް ބޭފުޅުން އެ މަނިކުފާނުގެ ނަން ގެންނެވުމުން އެ މައުލޫއަށް އެއްޗެއް ދަންނަވަން ޖެހުނީ ކަމަށެވެ.
އެގޮތުން އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ހާމަކުރައްވައިފައެވެ.
”އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނުއްވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަށް ޖެހޭ އެބަ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،“ ރައިސް ނަޝީދު
އެ މަޝްރޫއުގެ ދަށުން 99 އަހަރަށް ބޭރު މީހުން ވަޒަންވެރިވުމުން ރާއްޖެއަށް ވާނެ ގޮތާ މެދު އުފައްދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ 300 އަހަރު ކުރިން ރާއްޖެ އައި ތިން ނައުގެ ތެރެއިން އެއް ނައު ހޯރަފުއްޓަށް މަޑުކުރި ކަމަށެވެ. އަދި އެމަނިކުފާނަށް އެނގިވަޑައިގަންނަވާފައިވާ ގޮތުންނަމަ ގައުމީ މަޖިލީހުގައި އިންނެވި ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމަކީ އެ ނައުއިން ރާއްޖެ އައި މީހުންގެ އާއިލާ މީހެއް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ، ޖަލްސާގައި ތިއްބެވި ހުރިހާ އެންމެނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ ފަހުރުވެރި ދިވެހި ދަރީން ކަމަށެވެ.
ރަސްމާލެ މަޝްރުއާއި ޒަޔަނިސްޓުންނާ ގުޅުވައި އަދި ދީނާ ގުޅުވައި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެމަނިކުފާނު ވަނީ މުސްތަގުބަލުގައި ވެދާނެ ކަމަށް ހީވާ ކަމަކާ ގުޅުވައިގެން ޖަލްސާގައި ސާބިތުނުހިފޭ ވާހަކަތައް ނުދެއްކެވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އޭގެ އިތުރުން، އެ މަޝްރޫއާ އިސްލާމް ދީނާއި ޒަޔަނިޒަމްއާ ގުޅުވައި ދައްކާ ވާހަކަތަކަކީ ސާބިތުހިފޭ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު އަނެއްކާ ވެސް ދަންނަވާނަން ސާބިތު ނުހިފޭ ވާހަކަ ނުދެއްކެވުމަށް، އިސްލާމް ދީނާ ގުޅުވައި މި ޕްރޮޖެކްޓާއި އަދި ޒަޔަނިޒަމްއާ މި ޕްރޮޖެކްޓާ ގުޅުވައި ތި ދައްކަވާ ވާހަކަތަކަކީ ސާބިތުހިފޭ ވާހަކަތަކެއް ނޫން. މި ޕްރޮޖެކްޓާ ގުޅިގެން ރާއްޖޭގެ، އިސްލާމް ދީން ނުވަތަ ދިވެހީންގެ ދީނީ އަގީދާއަށް އަންނަންވީ އެއްވެސް ބަދަލެއް ސާބިތުހިފޭ ގޮތުގައި އަޅުގަނޑުމެންނަށް ފާހަަގަކުރެވޭކަށެއް ނޯންނާނެ،“ ރައީސް ނަޝީދު
ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވެވަޑައިގެންނެވި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވެސް އެ މަޝްރޫއާ ދެކޮޅަށް ހިޔާލު ފާޅުކުރެއްވިއިރު، އޭގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލް އަދި އަބްދުﷲ ޝާހިދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ އަގުލަބިއްޔަތުން އެ މަޝްރޫއާ މެދު ފެންނަ ފެންނަ ނުފެންނަ ވޯޓެއް ނަގާކަން ކަށަވަރުކުރަން ފާސްކޮށްފައިވާއިރު، އެކަން ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުންނަން ވެސް މެމްބަރުން ވަނީ ގޮވާލައިފައެވެ. އަދި އެ މަޝްރުއާ ގުޅިގެން ހަރަކާތްތައް ރޭވުމަށް ގައުމީ މަޖިލީހުގެ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ.

