ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފަރެންޑަމްއަކަށް ގޮވާލަން އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކުރުމުން ރައީސް ޔާމީންގެ ޝުކުރު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމަށް ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ފްްރަންޓް އޮފީސް ޖަލްސާގައި، އެމްޑީޕީ ގައުމީ މަޖިލީހުން ރިފަރެންޑަމްއަކަށް ދާން ގޮވާލަން ނިންމިކަން އިއުލާނުކުރުމުން ރައީސް ޔާމީން ވިދާޅުވީ، އެއީ ވަރަށް އުފާވެރި ހަބަރެއް ކަމަށާއި ޕީއެންއެފްއާއި ދިވެހި ރައްޔިތުންގެ ފަރާތުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހިފެހެއްޓުމެއް ނެތް މަރުހަބާ އާއި ޝުކުރު އަރުވާ ކަމަށެވެ.

އެމްޑީޕީގެ ލީޑާޝިޕްގައި ތިބި ބައެއް މީހުން ހިމެނޭހެން، ހަމަ ގަބޫލުކުރާ ވަރަށް ބައިވަރު މީހުން އެ ޕާޓީގައި ވެސް އެބަ ތިބި ކަމަށާއި ވަރަށް ގިނަ މެމްބަރުން ރައީސް މުހައްމަދު ނަޝީދު އެ މަޝްރޫއާ ގުޅޭގޮތުން ދައްކަވާ ވާހަކަތައް ގަބޫލުނުކުރާ ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންނަމަވެސް، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ނޮވެމްބަރު ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެއްވުމުގައި އިސްކޮށް ވާހަކަ ދައްކަވާނެ ބޭފުޅަކަށް ރައީސް ނަޝީދަށް ދައުވަތު ދެއްވަންވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރަސްމާލޭގެ ބިން ބޭރުގެ ފަރާތްތަކަށް ދިނުން ފަދަ ކަމެއް ކޮށްފައި މާ ގިނަ ދުވަހަކު ރައީސް މުއިއްޒަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށާއި ދުނިޔޭގައި ފިއްލަވަން ވަޑައިގަންނަވާނެ ތަނެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ހަގީގަތުގައި ގައުމަށް ގައްދާރުވުމަކީ އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށް ވިދާޅުވެ އެފަދަ ކަންކަން ނުކުރުމަށް އެދިވަޑައިގަތެެވެ.

”އަޅުގަނޑުމެން ވެސް ފޮރިން އިންވެސްޓްމެންޓަކަށް ނޫނެކޭ ނުބުނަމޭ، އަޅުގަނޑުމެން ނޫނެކޭ މި ބުނަނީ މި މަޝްރޫއުގައި އެތަނަށް ޔަހޫދީން ގެނެސް އެތަނަށް ވަޒަންވެރިކޮށް، އަޅުގަނޑުމެންގެ ބާރެއް ނުހިނގާ ގޮތަށް އެތަނެއް ނުދެވޭނޭ، ކުއްޔަކަށް ވެސް ނުދެވޭނޭ، ނުވެސް ވިއްކޭނޭ އެއްގޮތަކަށް ވެސް ނުދެވޭނޭ،“ ރައީސް ޔާމީން

އޭގެ އިތުރުން، އެހެން ދީންތަކަށް ނަފްރަތު އުފެދޭ ވާހަކަ ދެއްކުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލަކީ ބަލައިގަންނަންޖެހޭ ބިލެއް ނޫން ކަމަށާއި އެ ބިލުން ފުއްދަން އުޅޭ ހަމައެކަނި ބޭނުމަކީ ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވާނެތީ އެމީހުންނާ ދޭތެރޭގައި ދައްކާނެ ވާހަކަތަކަށް ހުރަސްއެޅުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ދިވެހީން ގަބޫލުކުރާ ހުރިހާ އުސޫލުތަކާ ހިލާފު ބިލެއް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބި ގިނަ މެމްބަރުންނަކީ ދީނީ އަދި ވަތަނީ ކަންކަމަށް އިސްކަން ދެއްވާ ޕީއެންއެފްއާ އެއް ފިކުރެއްގެ މީހުން ކަމަށް ވިދާޅުވެ، މިއީ ސާބިތުވެ ތިބެންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވެރިޔަކު ހަމަ މަގުން ކައްސާލައިގެން ދަންޏާ ހަމަ މަގަށް އަޅުވަން އަދި ގާނޫނީ ޒިންމާ އަދާކުރަން ތިބި ބަޔަކީ މަޖިލީހުގެ މެމްބަރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ އަގުލަބިއްޔަތުން ރަސްމާލެ މަޝްރޫއާ މެދު ފެންނަ ފެންނަ ނުފެންނަ ވޯޓެއް ނަގާކަން ކަށަވަރުކުރަން ފާސްކޮށްފައިވާއިރު، އެކަން ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުންނަން ވެސް މެމްބަރުން ވަނީ ގޮވާލައިފައެވެ. އަދި އެ މަޝްރުއާ ގުޅިގެން ހަރަކާތްތައް ރޭވުމަށް ގައުމީ މަޖިލީހުގެ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: