ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު އުފެދުމުގައިވެސް އޮޅުވާލުން، ހުއްޓުވަން ޖެހޭ : ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލަން ސަރުކާރުން ރާވާފައިވާ ވިސްނުން ވަގުތުން ދޫކޮށްލައި، އެ މަޝްރޫއު އެއްކޮށް ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރަސްމާލޭގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މި މުޅި މަޝްރޫއަކީ ފެށުނީއްސުރެ ރައްޔިތުންނަށް އޮޅުވާލައިގެން ކުރިއަށްގެންދާ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އެގޮތުން އެތަނުގެ ނަމުން ފެށިގެން އެ މަޝްރޫއަށް ހަރަދުކުރަމުންދިޔަ ގޮތް ވެސް އޮތީ ރައްޔިތުންނަށް ސިއްރުކޮށްފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބަޖެޓު ފާސްކުރިއިރު ހިމަނާފައި ނުވާ ބޮޑެތި އަދަދުތަކެއް އެ މަޝްރޫއަށް ހޭދަކުރަމުންދާ ކަމުގެ ކަންބޮޑުވުން ޝާހިދު ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ގާނޫނާ ހިލާފަށް އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ނެތް އެތައް ހަރަދެއް އެ މަޝްރޫއުގެ ތެރެއިން ކޮށް، ގާތްގަނޑަކަށް 800 މިލިއަން ޑޮލަރާ ހަމައަށް ރައްޔިތުންގެ ފައިސާ ވަނީ އެ ފަޅަށް އަޅާފައެވެ.

މިފަދަ ބޮޑު ހަރަދެއް ކުރަމުންދަނީ އެއްވެސް ދެފުށް ފެންނަ އުސޫލެއް ނެތި، ދައުލަތުގެ މާލިއްޔަތަށް ނުކަތާ ވަރަށް ކަމަށާއި މިއީ ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ޝާހިދު ސިފަކުރެއްވިއެވެ.

މި މަޝްރޫއު ފެށުމުގައި ސަރުކާރުން ދެއްކި ބަހަނާއަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ވިޔަސް، ހަގީގަތަކީ އެއީ ނޫން ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ދައުލަތުގެ ބޮޑެތި މާލީ ވަސީލަތްތަކެއް ބޭކާރުކުރުމަށްފަހު، އެންމެ ފަހުން އެ ބިން ބޭރުގެ ވިޔަފާރިވެރިއަކަށް ވިއްކާލަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަނެ، ގައުމީ މިފަދަ ބޮޑެތި އެސެޓްތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދޭންޖެހޭނީ ރައްޔިތުންނަށް ހަގީގީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓާލައި، އެތަން ވިއްކާލުމުގެ ވިސްނުން ދޫކޮށްލުމަށް އިދިކޮޅު މައި ޕާޓީގެ ފަރާތުން އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: