އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައިކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު، އަދި އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު ހައްޔަރުކޮށް ލޯންޗުގައި ފުލުހުން އޭނާ ގެންދިޔައީ ކޮން ތަނަކަށް ކަން ހާމަކުރެވެން ނެތް ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
”ސަންގުން“ ސުވާލުކުރުމުން ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ އޭނާ ގެންދިޔަ ތަނެއް ހާމަކުރެވެން ނެތް ކަމަށާއި، މިވަގުތު އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.
އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު ގެންދިޔައީ ދޫނިދޫއަށެވެ. އެހެންކަމުން އޭނާއަށް ބަނދުގެ މުއްދަތުވެސް މާދަމާ ޖަހާނެ ކަމަށް ބެލެވެއެވެ.
ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. 2028 ގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޓިކެޓަށް ކެމްޕެއިން ވެސް ކުރައްވަމުން ގެންދަވާ ޝާހިދުގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ފެންމަތިވީ މިރޭގެ ވަގުތެއްގައެވެ. އަދި ޝާހިދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ގެ ބަލައިފާސްކުރުމަށް ފަހު އެވެ.
ފުލުހުން މީޑިއާތަކަށް ބުނެފަައިވަނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ބުނީ، މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ހައްޔަރުކުރަން އުޅޭކަމުގެ އަޑުތަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަތެވެ.

