ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގައި ހޯމް-ސްކޫލިން ތައާރަފްކުރުން: ގެންނަން އުޅެނީ ކޮން ބަދަލެއް؟

ޝަހީދު އަލީ ސްކޫލް ހުޅުވުން ރައްމިޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ވަކި ކުއްޖަކު ބާކީނުކޮށް، އެންމެން ޝާމިލުވާ ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދޭ ނިޒާމަކަށް ހެދުމަށްޓަކައި ސަރުކާރުން މިހާރު ދަނީ މުހިންމު ޤާނޫނީ އަދި އިޖުރާއީ އިޞްލާޙުތަކެއް ގެންނަމުންނެވެ. މިގޮތުން، ތަޢުލީމުގެ ޤާނޫނަށް ހުށަހެޅިފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ ގޭގައި ބައިތިއްބައިގެން ކިޔަވައިދިނުން ނުވަތަ ހޯމް-ސްކޫލިން ޤާނޫނީ ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ރަސްމީކޮށް ތަޢާރަފުކުރުމެވެ.

މި ބަދަލާއެކު ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙުގައި ވަނީ ވަރަށް ފުޅާ ބަހުސެއް އުފެދިފައެވެ. އެއްބަޔަކު މިކަން ދެކެނީ ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް ތަޢުލީމީ ޙައްޤު ކަށަވަރުކޮށްދޭ އުންމީދީ ފިޔަވަޅެއްގެ ގޮތުގައެވެ. ނަމަވެސް، އަނެއް ބަޔަކު ފާޅުކުރަނީ މި ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައި، ކުދިން މުޖުތަމަޢުން އެކަހެރިވެދާނެ ކަމުގެ ސީރިއަސް ކަންބޮޑުވުންތަކެކެވެ.

ބިލުގެ މައިގަނޑު މަޤްޞަދާއި ސަރުކާރުގެ ތަޞައްވުރު

ތަޢުލީމުގެ ޤާނޫނަށް ހުށަހެޅިފައިވާ މި އިޞްލާޙުގެ މައިގަނޑު އަސާސަކީ، އެކި ސަބަބުތަކާ ހުރެ އާދައިގެ މަތިން ދުވަހުން ދުވަހަށް ސްކޫލަށް ޙާޟިރުވެގެން ތަޢުލީމު ޙާޞިލުކުރުމަށް ނުކުޅެދޭ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ ޤާނޫނީ ހަމައެއް ޤާއިމުކުރުމެވެ.

މީގެ ތެރޭގައި ދާއިމީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހިފައިވާ ކުދިންނާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ދަރިވަރުން ހިމެނެއެވެ. މިފަދަ ކުދިންނަށް ރަސްމީ ސްކޫލް މާޙައުލަށް ދިއުން ދަތިވުމަކީ އެކުދިން ތަޢުލީމީ ނިޒާމުން ބޭރުވެ، ޖާހިލުކަމުގައި ތިބެންޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އިޞްލާޙީ ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ، ތަޢުލީމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ރަސްމީކޮށް ހޯމް-ސްކޫލިންގ  ޕްރޮގްރާމެއް ތަޢާރުފުކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ޝަރުޠުތަކާއި އުޞޫލުތައް ޤާނޫނުގައި ސާފުކޮށް ކަނޑައަޅައި، ދަރިވަރުންގެ ތަޢުލީމީ ޙައްޤު ފުރިހަމައަށް ކަށަވަރުކޮށްދިނުމަކީ މި ބިލު ހުށަހެޅުމުގެ މަގުސަދެކެވެ.

މީގެއިތުރުން، މަދުރަސީ ތަޢުލީމުގެ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ސާފުކޮށް ބަޔާންކުރުންވެސް މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުއްޖާގެ ޢުމުރުގެ ވީހާވެސް ޅަފަތުގައި އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް، އެހެން ކުދިންނާ އެއްވެސް ތަފާތުކުރުމެއް ނެތި ތަޢުލީމު ޙާޞިލުކުރެވޭނެ އެންމެ ރަނގަޅު މާޙައުލެއް ޤާއިމުކުރަންވާނެއެވެ.

އެގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބަޔާންކުރާ އުޞޫލުތައް ނަގަހައްޓައި، ދައުލަތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މި ބިލުން ލާޒިމުކުރެއެވެ. ހަމައެއާއެކު، އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމުގެ އިތުރުން މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ޤާނޫނުގެ މަޤްޞަދުތަކުގެ ތެރެއަށް އިތުރުކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ދަރިވަރުން ސްކޫލަށް ފޮނުވުމުގައި ބެލެނިވެރިން އަދާކުރަންޖެހޭ އަސާސީ ޒިންމާތައްވެސް މި ބިލުގެ ދަށުން އިތުރަށް ހަރުދަނާކޮށްފައިވެއެވެ. އެގޮތުން، ސްކޫލަށް ފޮނުވާއިރު ކުއްޖާއަށް ރަނގަޅު ކާނާ ލިބިފައިވާކަމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރިކަމާއި، އަދި ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ބެލެނިވެރިންގެ ޒިންމާތަކުގެ ތެރެއަށް އިތުރުކުރެވޭ ކަންކަމުގެ ތެރޭގައި:

  • މުދައްރިސުންނަށާއި، ސްކޫލުގެ އިސްފަރާތްތަކަށާއި، ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމުގެ މާތް އަޚްލާޤު ދަރިންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރުން
  • ސްކޫލް މާޙައުލުގެ އަމާންކަން ގެއްލޭފަދަ ނުވަތަ ކިޔެވުމަށް ހުރަސްއެޅޭފަދަ އެއްވެސް ޢަމަލެއް ނުކުރުމާއި، އެފަދަ ކަންކަމުން ދުރުހެލިވުމަށް ބާރުއެޅުން

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި އިޞްލާޙުތަކުގެ ސަބަބުން، ޞިއްޙީ ނުވަތަ ނަފްސާނީ ސަބަބުތަކާހުރެ އާދައިގެ މަދުރަސީ ނިޒާމުގެ ތެރެއިން ކިޔެވުމަށް ދަތިވާ ކުދިންނަށް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު އުނގެނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި މިއީ ތަޢުލީމީ ނިޒާމު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް ޒަމާނީ ޙައްލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

މި ބިލަކީ އެއްވެސް ޙާލެއްގައި ސްކޫލުތަކުގެ ބެލުމުގެ ދަށުން ބޭރުން ކުދިން ދޫކޮށްލުމަށް ހުށަހަޅާފައިވާ ބިލެއް ނޫނެވެ. އޭގެ ބަދަލުގައި، ހޯމް-ސްކޫލިން ކުރިއަށްދާނީ ރަސްމީ ސްކޫލެއްގައި ކުއްޖާ ރަޖިސްޓްރީވެ، އެ ސްކޫލެއްގެ މޮނިޓަރިންގ އޮނިގަނޑާއި ޤައުމީ ތަޢުލީމީ މަންހަޖުގެ މިންގަނޑުތަކާ އެއްގޮތަށެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވެސް ވިދާޅުވެފައިވަނީ، މި ބަދަލުގެ ޙަޤީޤީ ބޭނުމަކީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި މިހާރުވެސް ނުރަސްމީކޮށް ހިނގަމުންދާ ކަންކަން ހުއްޓުވައި، ދައުލަތުގެ ފުރިހަމަ ބެލެހެއްޓުންތެރިކަމުގެ ދަށުން ރައްކާތެރި ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

އުފެދިފައިވާ ފާޑުކިޔުންތަކާއި ސިޔާސީ ބަހުސް

މި ބިލާ ގުޅިގެން އެންމެ ހަރުކަށި ފާޑުކިޔުމެއް އަމާޒުކުރެއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެ މަނިކުފާނު މި ބިލު ސިފަކުރެއްވީ ”ޖާރިޔާ ބިލް“ އެއްގެ ގޮތުގައެވެ. ރައީސް ނަޝީދުގެ މައިގަނޑު ކަންބޮޑުވުމަކީ، ހޯމް-ސްކޫލިންގެ ނިވަލުގައި އަންހެން ކުދިން ސްކޫލަށް ފޮނުވުން ހުއްޓުވައި، މުޖުތަމަޢުން އެކަހެރިކުރުމަށް ހަރުކަށި ފިކުރުގެ ފަރާތްތަކަށް ފުރުޞަތު ހުޅުވިދާނެ ކަމުގެ ބިރެވެ. މިފަދަ ނިޒާމެއްގެ ނާޖާއިޒު ބޭނުން ހިފައި، ދަރިވަރުން އަސާސީ ތަޢުލީމުން މަޙްރޫމުކޮށް، ގޭތެރޭގެ މަސައްކަތްތަކަށާއި އިޖުތިމާޢީ ގޮތުން ދަށު ދަރަޖައަކަށް ވައްޓާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފާނެ ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވަމުން ސަރުކާރަށް ތާޢީދުކުރާ ބޭފުޅުން ވިދާޅުވަނީ ހޯމް-ސްކޫލިންއަކީ ވަކި ޖިންސަކަށް ޚާއްޞަކޮށްގެން ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށް ގެންނަ އިޞްލާޙެއް ނޫން ކަމަށެވެ. މަޖިލީހުގެ ބަހުސްގައި ފާހަގަކުރެވުނު ގޮތުގައި، ގޭގައި ކިޔަވައިދިނުމަކީ ހަރުކަށި ފިކުރަށް މަގުފަހިވާނެ ކަމެއް ކަމަށް ބަލާނަމަ، އެއީ ހަމަ އެފަދައިން ލާދީނީ ވިސްނުންތަކަށް ވެސް މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން މައްސަލައަކީ ގެންގުޅޭ ފިކުރު ނޫން ކަމަށާއި، އަޞްލު ކާމިޔާބީ ބިނާވެފައި އޮންނަނީ އެކަން ދައުލަތުން ރެގިއުލޭޓްކޮށް ބަލަހައްޓާ ހަރުދަނާކަމުގެ މައްޗަށް ކަމަށް ބަހުސްގައި މެންބަރުން ފާހަގަ ކުރެއްވިއެވެ.

ބެލެހެއްޓުމުގެ ނިޒާމާއި ގޮންޖެހުންތައް

ހޯމް-ސްކޫލިން ފަދަ ނިޒާމެއް ކާމިޔާބުކަމާއެކު ހިންގުމަށްޓަކައި އެންމެ ނާޒުކު ދައުރެއް އަދާކުރާނީ ދައުލަތުގެ ފަރާތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މޮނިޓަރިންގ އުޞޫލުތަކެވެ. ހަމައެކަނި ބެލެނިވެރިޔާ ބޭނުންވާ ކޮންމެ ހިނދެއްގައި ކުއްޖާ ސްކޫލުން ވަކިކޮށް ގޭގައި ބެހެއްޓުމުގެ ހުއްދަ ދިނުމަކީ ނުރައްކާތެރި ދޮރެއް ހުޅުވިދާނެ ކަމެކެވެ. އެހެންކަމުން، ހޯމް-ސްކޫލިންއަށް ހުއްދަ ދެވޭނީ ޞިއްޙީ ނުވަތަ ނަފްސާނީ ޚާއްޞަ ސަބަބުތަކެއް މެޑިކަލް ބޯޑަކުން ނުވަތަ ކަމާބެހޭ ފަންނީ ކޮމިޓީއަކުން ވަޒަންކުރުމަށްފަހު ކަމުގައި ވާންޖެހެއެވެ.

މީގެއިތުރުން، ގޭގައި ކިޔަވަމުންދާ ކުދިން ޤައުމީ މަންހަޖުގެ ލަނޑުދަނޑިތައް ޙާޞިލުކުރަމުންދާ މިންވަރު ދެނެގަތުމަށްޓަކައި މުއްދަތުން މުއްދަތަށް އިމްތިޙާނުތަކާއި އެސެސްމަންޓްތަކުގައި ބައިވެރިކުރުވުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އަދި ސްކޫލް މާޙައުލުން ލިބޭ އިޖުތިމާޢީ ތަޖުރިބާތަކާއި ކުޅިވަރުގެ ފުރުޞަތުތައް މިފަދަ ކުދިންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް ކުއްޖާގެ ޝަޚްޞިއްޔަތު ފުރިހަމައަށް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މޮނިޓަރިންގ ނިޒާމު ބަލިކަށިވެއްޖެނަމަ، ހެޔޮ ނިޔަތުގައި ފަށާ މި މަސައްކަތުގެ ނަތީޖާ މުޅިން އިދިކޮޅަށް އެނބުރިދިއުމުގެ ފުރުޞަތު ބޮޑެވެ.

ތަޢުލީމުގެ ޤާނޫނަށް ހޯމް-ސްކޫލިންގެ ބައި އިތުރުކުރުމަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް އަންނާނެ ވަރަށް ބޮޑު އިންޤިލާބީ ބަދަލެކެވެ. މިއީ ޒަމާނުއްސުރެ އާދައިގެ ސްކޫލް މާޙައުލުން ބޭރުވެ، ތަޢުލީމީ ފުރުޞަތު ގެއްލިފައި ތިބި ނުކުޅެދުންތެރިކަން ހުންނަ އެތައް ކުދިންނަކަށް ލިބިގެންދާނެ އައު ދިރުމެކެވެ. ހަމައެއާއެކު، މުޖުތަމަޢުގައި އުފެދިފައިވާ ސިޔާސީ އަދި ފިކުރީ ކަންބޮޑުވުންތަކަކީ ވެސް ފަސޭހައިން ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ.

މި ބަދަލުގެ ޙަޤީޤީ ކާމިޔާބީ ގުޅިފައިވަނީ، ޤާނޫނު ތަންފީޛުކުރުމަށް ހަދާ ގަވާއިދުތަކުގެ ހަރުދަނާކަމާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެން ހިންގާ ފާރަވެރިވުމުގެ ނިޒާމެއްގެ މައްޗަށެވެ. އެއްވެސް ކުއްޖަކު ތަޢުލީމީ ޙައްޤުން މަޙްރޫމު ނުވާނެކަން ކަށަވަރުކުރުމާއެކު، ނާޖާއިޒު ފައިދާ ނެގުމުގެ ހުރިހާ ދޮރުތަކެއް ބަންދުކޮށްގެން މެނުވީ މި އިޞްލާޙުގެ ފުރިހަމަ މަންފާ ޤައުމަށް ޙާޞިލެއް ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: