ރަސްމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ ބިޔަ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ޕްރޮޕަޓީތައް ވިއްކަނީ މުއްދަތު ހަމަނުވާ ނުވަތަ ”ހުސްނުވާ 99 އަހަރު“ ގެ އުސޫލުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ވިއްކާލުމުގެ ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު 21 ގައި ސޮއިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ދީނީ އިލްމުވެރިންނާއެކު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއްކަން އިތުބާރު ހުރި މަސްދަރުތަކުން މިހާރު ވަނީ ކަށަވަރުވެފައެވެ.
ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އިންވެސްޓަރުން ގަންނަ މުދަލުގެ އަގު ވެއްޓޭ ގޮތަށް ނުވަތަ ޑިޕްރިޝިއޭޓްވާ ގޮތަށް އޮންނަ ނަމަ، މުއްސަނދި އިންވެސްޓަރުން އެ މަޝްރޫއަކަށް ފައިސާ ހަރަދު ނުކުރާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ގާނޫނުގެ ތެރެއިން ހަމަޖައްސައިދެނީ އެ މުއްދަތު އަބަދުވެސް އައު ކުރެވޭނެ ހާއްސަ އިންތިޒާމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އެ 99 އަހަރު އަޅުގަނޑު މިދެންނެވީތާ، އެއީކީއެއް މީހެއްގެ މުދަލެއް އެއްވެސް ބަޔަކު އިންވެސްޓެއް ނުކުރާނެ އެ މުދަލަކީ ޑިޕްރިޝިއޭޓްވާ އެއްޗެއް ނަމަ. އެހެންވީމަ، ވާންޖެހެނީ ޑިޕްރިޝިއޭޓް ނުވާ މެކޭނިޒަމެއް މި ގެނެސްދެނީ،“ މުއްތަލިބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިތުރު 99 އަހަރު ލިބޭނެ ގޮތެއް ނެތި ރިއަލް އެސްޓޭޓްގެ ބޮޑު ވިޔަފާރިއެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، 99 އަހަރަށް ދޫކޮށްފައިވާ ބިމެއް ނުވަތަ ވިލާއެއް އެހެން ފަރާތަކަށް ވިއްކާލާ ކޮންމެ ހާލަތެއްގައި ވެސް ކުރީގެ ލީސް ބާތިލުކުރެވޭނެ އެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުން ވަކި ފީއެއް ނެގުމަށް ފަހު އާ ލީސްއެއް ދޫކުރާނެއެވެ. މީގެ މާނައަކީ، އެ ޕްރޮޕަޓީއެއް ގަންނަ އާ ފަރާތަށް އެ ބިމުގެ 99 އަހަރުގެ މުއްދަތު އަލުން ގުނަން ފެށުމެވެ.
”އޭތި ވިއްކާލާ ހާލަތުގައި ސަރުކާރުން ފީއެއް ނަގާފަ، ސަރުކާރުން އެއްބަސްވާ މީހަކަށް އާ ލީސްއެއް ދޭނީ،“ މުއްތަލިބް ވިދާޅުވި އެވެ.
މިގޮތަށް ޕްރޮޕަޓީގެ މުއްދަތު ހުސްނުވާ ގޮތަށް އެކަކު އަނެކަކަށް ބަދަލުކުރެވުނު ނަމަވެސް، މިއީ ދަރިދަރިކޮޅަށް ވާރުތަވާ ގޮތަށް ދޫކުރާ ތަންތަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަސްމާލޭގެ އެއްވެސް ޕްރޮޕަޓީއެއްގެ މިލްކުވެރިކަން އަނެކަކަށް ބަދަލުކުރެވޭނީ ސަރުކާރުގެ ފުރިހަމަ ހުއްދައާ އެކު ކަމަށާއި، ދައުލަތަށް ނޭނގި އެއްވެސް ޓްރާންސްފާއެއް ނުހިނގާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ކޮންމެ މުއާމަލާތެއްގައި ސަރުކާރަށް ’އާނއެކޭ‘ ނުވަތަ ’ނޫނެކޭ‘ ބުނުމުގެ ފުރިހަމަ ބާރު އޮންނާނެ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.
ހުސްނުވާ 99 އަހަރަށް ރަސްމާލެއިން ޕްރޮޕަޓީ ލިބޭނެ ކަމަށް މި މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ވެބްސައިޓުގައި ޖެހުމަށް ފަހު ފަހުން އެ ލިޔުން ބަދަލުކުރި މައްސަލައާ މެދު އިލްމުވެރިން ސުވާލު އުފެއްދެވުމުން، މިނިސްޓަރު ވިދާޅުވީ މާކެޓިން އުކުޅެއްގެ ގޮތުން ޕްރޮމޯޝަނަލް މެޓީރިއަލްތަކުގައި ލިޔާ ލިޔުންތަކާއި އަސްލު ގާނޫނީ އެއްބަސްވުމާ ތަފާތުތަކެއް ހުންނާނެ ކަމަށެވެ.
މީގެ އިތުރުން، މިވަރުގެ ބޮޑު މަޝްރޫއެއް ސިއްރުން ކުރިއަށް ގެންދަން ޖެހުނު ސަބަބާ މެދު އިލްމުވެރިން ކަންބޮޑުވުން ފާޅުކުރެއްވުމުން މުއްތަލިބު ވިދާޅުވީ، މިކަން ސިއްރުކުރީ ކޮރަޕްޝަނަށް ޖާގަ ނުދިނުމަށާއި މެދުވެރިންގެ ދައުރު ނައްތާލުމަށް ކަމަށެވެ. އެގޮތުން، ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލްއައްބާރާ އެކު ސަރުކާރުން ސީދާ ވާހަކަދައްކަމުން ދަނީ އެއްވެސް އެޖެންޓަކު މެދުވެރިނުކޮށް ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއަކީ 31 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލެ ތަރައްގީކޮށް ނިމުމުން ހިންގާ ކޮންމެ މުއާމަލާތަކުން ނުވަތަ ޓްރާންސެކްޝަނަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ މުއާމަލާތަކުން 10 އިންސައްތަ ސަރުކާރަށް ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ލީކްވި އޯޑިއޯގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

