މި ސަރުކާރުގެ ފިކުރަކީ ހަގީގަތުގައި ލާމަރުކަޒީ ނިޒާމާ ދެކޮޅު، ހުރިހާ ބާރުތަކެއް މާލެއަށް ޖަމާކޮށްގެން އަތޮޅުތައް އޮބިއަޅައިގެން ވެރިކަން ކުރުމުގެ ހުދުމުހްތާރު ފަލްސަފާއެއް ކަމަށާއި، މި ސަރުކާރުން ގެންގުޅެނީ މުނާފިގު ސިޔާސަތެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
”ސަންގުޓީވީގެ ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ވެރިކަމުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ މީގެ 30 އަހަރުގެ ވެރިކަމުން ވާރުތަވެފައިވާ ސިޔާސީ ފިކުރުގެ ބޭފުޅުން ކަމަށާއި، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި މި ސަރުކާރުގެ ވިސްނުމުގައި އަތޮޅުތައް ތަރައްގީކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި، ސަރުކާރުން ބޭނުންވަނީ އަތޮޅުތަކުގެ ރައްޔިތުން ސަރުކާރަށް ކުރުނީސްކޮށް، ސަޖިދަ ޖަހައިގެން ހުޝާމަދުކޮށްގެން ނޫނީ ކަމެއް ކޮށްނުދޭން ކަމަށް ނިޒާރު ތުހުމަތުކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނިޒާރު ވިދާޅުވީ، ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ބާރުތައް ނުލިބިގެންނާއި މާލޭ ސިޓީ ކައުންސިލަށް ހުޅުމާލެ ނުލިބިގެން ވާހަކަދެއްކެވި ނަމަވެސް، ވެރިކަމަށް ވަޑައިގެން މާލޭ ސިޓީ ކައުންސިލްގެ ބާރުތަކާއި ބިންތައް ވެސް ނިގުޅައިގެންފައިވާ ކަމަށެވެ. މިއީ ބަހާއި އަމަލާ ދިމާނުވާ، އެންމެ މުނާފިގު ސިޔާސަތު ކަމަށާއި، އުމުރުގައި ވެސް މިފަދަ މަކަރުވެރި ވެރިކަމެއް ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”ރައީސް މުއިއްޒުއަކީ ލާމަރުކަޒީ އުސޫލު ގަބޫލުކުރައްވާ ބޭފުޅެއްނޫން. ހައުސިން މިނިސްޓްރީގައި ހުންނަވާ އައްޑޫއަށް ހަދާލިގޮތަކީ އޭގެ ހެއްކެއް. އަތޮޅު ކައުންސިލުތައް އުވާލައި މުޅި ނިޒާމު ފުނޑާލާފައި މިއޮތީ. މިހެން އޮބި އަޅައިގެން އަތޮޅުތައް ތަރައްގީއެއް ނުކުރެވޭނެ،“ އަލީ ނިޒާރު
މީގެ އިތުރުން، މި ސަރުކާރުން އަތޮޅު ކައުންސިލުތައް އުވާލިކަމަށް ބުނާއިރު ހަމައެކަނި އުވާލީ ކައުންސިލު ރައީސްގެ މަގާމުކަމަށާއި ކައުންސިލުތަކަށް ސިޔާސީ ބޭފުޅުން އައްޔަނުކުރައްވާ ބަރާބަރަށް އެތަންތަން ފަންކްޝަން ކުރާކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒުއަކީ ކަންކަން ބައްލަވާ ބޭފުޅެއްނަމަ މިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަން ނުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލާމަރުކަޒު ކޮށްގެން ނޫންގޮތަކަށް އަތޮޅުތައް ތަރައގީ ނުކުރެވޭނެކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
ކައުންސިލިތަކަށް ކިރިޔާވެސް ބާރެއް ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށާއި އަދި ލާމަރުކަޒީ ނިޒާމަކީ ރައީސް ޔާމީންއަށްވެސް އެނގިވަޑައިގަންނަވާ ނިޒާމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންވެސް ވެރިކަމަށް ވަޑައިގެންނެވިނަމަ އެ ނިޒާމު ނުވެސް އޮންނާނެކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ އިރުތުން ކޮންމެ ދުވަހަކީވެސް ކައުންސިލުތަކަށް ބިރުވެރި ދުވަހެއް ކަމަށާއި އެހެންނަމަވެސް ގައުމުގެ ރައީސަކަށް ވުމުން ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
”ހެދިފައި ހުރި ގާނޫނުތަކާއި ކަންކަމަށް ބަލާއިރު އެހެނެއް ނެހެދޭނެ. ހަގީގަތަކީ ރައީސަކަށް ލިބޭ އިހްތިޔާރެއް ނޫން ރައްޔިތުންގެ ނުރުހުމުގައި ގާނޫނުތައް ފާސްކޮށްގެން ރައްޔިތުންގެ މައްޗަށް އަމުރުކުރުމަކީ. އެގޮތަށް އެހެން ކަންކުރަންޏާ ހަމަ ސޯމާލިއާގައި ކަންކަން ކުރާހެން މިތާވެސް ކަން އެކުރަނީ،“ ނިޒާރު
އޭނާ ވަނީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެކޭ ވިދާޅުވެ ރައްޔިތުންނަށް މުޅި ނިޒާމު އޮލުވާލި ރައީސަކު ރައީސް ޑރ. މުއިއްޒު ފިޔަވައި މިހާތަނަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ކޮންމެވެސް ވަރަކަށް ކައުންސިލުތަކަށް ދަތިތަކެއް ކުރި ނަމަވެސް މުޅި ނިޒާމު ފުނޑާނުލައްވާކަމަށާއި މުޅި ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑާލީ ރައީސް ޑރ. މުއިއްޒުކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ފަދަ ކުރިއެރުމުގެ ފުރުސަތު އޮތް ތަންތަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އައްޑޫން ރައްޔިތުންގެ މަޖިލީހަށް ހޮވިފައި ތިއްބެވި ޕީއެންސީގެ މެންބަރުންނަކީ ވެސް އައްޑޫގެ ވިސްނުމުގައި ތިއްބެވި ބޭފުޅުން ނޫން ކަމަށާއި، އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ވެރިމީހާއަށް ބާރު ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގައި އެސްއެމްއީތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި މައާފްކުރަން ސަރުކާރުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވަމުން މޭޔަރު ވިދާޅުވީ، އެއީ ސަރުކާރުން ދީފައިވާ ބިންތަކެއް ނޫން ކަމަށާއި، އެއީ ސިޓީ ކައުންސިލުން ދީފައިވާ، އަދި ކައުންސިލްގެ އާމްދަނީ ބިނާވެފައިވާ ބިންތަކެއް ކަމަށެވެ. އެހެންކަމުން ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމަށް ސަރުކާރުން ބާރުގެ ބޭނުންކޮށްގެން އަރައިގަތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރު ވަނީ މިއީ އެއްވެސް ގޮތަކަށް ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ކުރެވޭނެ ކަންކަމެއް ނޫންކަމަށް ތަކުރާރުކުރައްވާފައެވެ. އަދި ރައީސް ޑރ. މުއިއްޒުއަކީ ބަހާއި އަމަލާއި އެއްވެސް ވަރަކަށް ދިމާނުވާ ބޭފުޅެއްކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

