ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބާރުވެރިކުރުވުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ނިޒާމެއްކަމަށާއި އެއީ ރައްޔިތުންގެ ކިބައިން ބާރުތައް އަތުލުމެއް ނޫންކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކޮށް ބެލެހެއްޓުމަށްޓަކައި ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މޭޔަރު އާޒިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްތަކުން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ބޭނުންވާ ބާރުތަކާއި، ވަސީލަތްތަކުގެ އިތުރުން މިނިވަންކަން އެ ކައުންސިލްތަކަށް ލިބިދޭންޖެހޭކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ ދުސްތޫރީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް، ނިގުޅައިގަނެފައިވާކަމަށާއި އޭގެ ތެރޭގައި ބިމާއި ބަޖެޓުގެ އެހީ ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަގްބަލާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީ އަލުން ވެރިކަމާ ހަވާލުވުމުން، ކައުންސިލްތަކުގެ ކިބައިން އަތުލާފައިވާ ހައްގުތަކާއި ވަސީލަތްތައް އަނބުރާ އިއާދަކޮށްދީ ކައުންސިލްތަކަށް ބާރުތަކާއި، ޒިންމާތަކާއި، މިނިވަންކަން ފަހިކޮށްދީ ކައުންސިލްތައް ބާރުވެރިކުރުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
އާޒިމް މިހެން ވިދާޅުވެފައިވާއިރު، ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ ދަށުން 14 ބިމެއް ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ކެބިނެޓުގެ ނިންމުމަކުން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހުއެވެ. އޭގެ އިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެއްވެސް ކައުންސިލަރަކު ދެކޮޅު ހެދުމަކީ މަނާ ކަމަކަށް ހަދާފައިވާއިރު، ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވެސް ގާނޫނު ބަދަލުކޮށްފައިވެއެވެ.

