ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 އަހަރު ތެރޭ އެންމެ ރައްޔިތަކަށް ވެސް ރަސްމާލެއިން ވަޒީފާއެއް ނުލިބޭނެ: އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ ރައްޔިތަކަށް ވެސް ރަސްމާލެއިން ވަޒީފާއެއް ނުލިބޭނެ ކަމަށާއި ސަރުކާރުން ބުނާ މިންވަރަށް އާމްދަނީވެސް ނުލިބޭނެކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ”މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ“ މަޝްރޫއުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ރަސްމާލެ މަޝްރޫއުއިން 20 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ބޮޑު ދޮގެއްކަމަށާއި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވެސް އެ މަޝްރޫއިން ދިވެހި އެންމެ ރައްޔިތަކަށް ވެސް ވަޒީފާއެއް ނުލިބޭނެ ކަމަށާއި އެކަމަށް ލިޔެ ސޮއިކޮށްދޭން ވެސް ތައްޔާރުކަމަށް އޭނާ ވިދާޅުވިއެވެ.

”އެއްބަސްވުން ރައްޔިތުންނަކަށް ނުފެނޭ، އެއްބަސްވުމުގަ އޮތް އެއްޗެއް ނުފެނޭ. ރޯބުހުތާން ދޮގު އެ ހަދަނީ. ކުރިޔަށް މި އޮތް 10 އަހަރުގަ ވެސް ރާއްޖޭގެ އެންމެ ރައްޔިތަކަށް ވެސް އެތަނުން ވަޒީފާއެއް ނުލިބޭނެ. އަޅުގަނޑުމެން ލިޔެ ސޮއިކޮށްފަ ދޭނަން. އެންމެ ވަޒީފާއެއް ވެސް ކުރިޔަށް މިއޮތް 10 އަހަރު ތެރޭ ރަސްމާލެއަކުން ނުލިބޭނެ ދިވެހި ރައްޔިތަކަށް. ދެން ކޮން ވިހި ބިލިޔަނެއްގެ ވާހަކަތޯ މި ދައްކަނީ؟“ އަލީ ނިޒާރު

މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންނަށް ވަގުތުން ވަގުތަށް މަންފާ ލިބޭނެ ފަދަ އިންވެސްޓްމަންޓްތައް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، އައްޑޫން ގޫގުލްއަށް ބިން ދިނީ ކުއްޔަކަށްތޯ ނުވަތަ ހިލޭތޯ އަދި ކޮން ކަހަލަ އެއްބަސްވުމެއްގެ ދަށުންތޯ ސާފުނުވާ ފަދައިން، ރަސްމާލެ މަޝްރޫއުގައި ވެސް ކަންކަން ހިނގަމުންދަނީ އެފަދަ ގޮތަކަށް ކަމަށެވެ.

މިއީ އެންމެ ދުވަހަކު ވެސް ހަނު ތިބެންވާނެ ވަރުގެ ކަމެއް ނޫން ކަމަށާއި، މިހާ ސީރިއަސް ގައުމީ ބޮޑު މައްސަލައެއްގައި ސިޔާސީ ބޭފުޅުންނާއި ރައްޔިތުން މަޑުން ތިބޭތީ ހައިރާންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ހަމަ އައްޑުއިން ގޫގުލަށް ބިން ދިން ގޮތަށް ދީގެން އެ ތިބެނީ އެއްބަސްވުމެއް ނޭނގެ، ދިން ގޮތެއް ނޭނގެ، ކުއްޔަކަށް ތޯ ހިލޭ ތޯ ދިނީ ނޭނގެ، ރަސްމާލެވެސް އޮތީ އެހެން. އަޅުގަނޑު ހިތަށް އަރާ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މި މަސައްކަތް ކުރައްވާ ބޭފުޅުން މި ތިއްބެވީ ކޮން ގޮތަކަށް ބާއޭ. ރަސްމާލެ މައްސަލައަކީ އެންމެ ދުވަހަކަށްވެސް އޭގަ ބަސް ނުބުނެ ތިބެންވާ ހާލަތެއް ނޫން،“ އަލީ ނިޒާރު

ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެންނަން އެންމެން ވެސް އެދޭކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ، މިއީ ހަމައެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުވަތަ ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސާލިހާއި، އަބްދުﷲ ޔާމީން ނުވަތަ މުޙައްމަދު ނަޝީދުގެ އެކަނި ގައުމެއް ނޫން ކަމަށެވެ.

މިއީ އެންމެހައި ދިވެހި ރައްޔިތުންގެ ގައުމު ކަމަށާއި، ހަތަރު ފަސް މީހަކަށް މުޅި ގައުމުގެ ކަންކަން އެކަނި ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމުގައި ހުންނަ ފަސް އަހަރުގެ ބާރުގައި ރައްޔިތުންނާއި މަޝްވަރާނުކޮށް، ހިތުހުރި ގޮތަކަށް ގާނޫނުން ބޭރުން ބިން ނުވިއްކޭނެ ކަމަށާއި، ހުރިހާ އެއްބަސްވުމެއް ވެސް ރައްޔިތުންނަށް ހާމަކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި ޒަޔަނިސްޓުންނާ އޮތް ގުޅުމާމެދު ވެސް ނިޒާރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، ފަލަސްޠީނުގެ މައްސަލައާއި މުސްލިމުންނާ މެދު އެ ކުންފުނީގެ ވެރިން ދެކޭ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮތްއިރު، ރާއްޖެއާ އެންމެ އެކަށޭނަ ސިޔާސަތެއްގެ ތެރެއިން ކަންކަން ހިނގާތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރަސްމާލެ ހިއްކާފަ އެތަނުން 500 ހެކްޓަރުގެ ބިން ހިލޭ ސާބަހަށް އަޕް ފްރަންޓުކޮށް ބައިރުފިޔާވެސް ނުލިބި ސަރުކާރުން ބަޔަކަށް ދިނުމަކީ ރާއްޖެ މިހާރު އޮތް އިގްތިސާދީ ހާލަތުގައި ހަމަވިސްނޭ އިންސާނަކު ގަބޫލުކުރަންޖެހޭ ކަމެއް ނޫންކަމަށާއި އަދި ރައީސް ޑރ. މުއިއްޒު އެކަން ކުރައްވައިފިނަމަ ރައީސް މުއިއްޒުގެ ވިސްނުން ނުވަތަ ސިކުނޑި ހަމަޖެހޭތޯ ބަލަންޖެހޭކަމަށް ވިދާޅުވެ އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ރަސްމާލެ މަޝްރޫއުއަކީ ގައުމީ ބޮޑު މައްސަލެއްކަން ފާހަގަކުރައްވާ އޭނާ ވަނީ މިކަމުގައި އެއްވެސް ރައްޔިތަކު ބަސް ނުބުނެ ހިމޭނުން ނުތިބުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: