އިދިކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫއާ ދެކޮޅުހަދަނީ އެ ޕްރޮޖެކްޓުން ރައްޔިތުންނަށް ލިބެން އޮތް ފައިދާގެ ބޮޑުކަމުން، 2028 ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވަން މަގުފަހިވާނެތީ ކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަރީރު އަދި މިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއު ހިންގަން އޭނާ ތާއީދުކުރައްވާ ސަބަބުތަކުގެ ލިސްޓެއް ހާމަކުރައްވާ މަހްލޫފް އެކްސްގައި ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުމާއެކު އެއީ ބޭކާރު ވެލިގަނޑެއް ކަމަށާއި ދިރިއުޅެން ދާނެ މީހަކު ނުވާނެކަމަށް އަދި ބޭކާރު ހަރަދެއްކަމަށް ބުނި ނަމަވެސް، މިއަދު މުޅި ރާގު ބަދަލުވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ބަޔަކު ދައްކާ ސިޔާސަ ވާހަކަތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ލީޑަރުން ބިރުގަންނަނީ އެ ޕްރޮޖެކްޓުގެ ބިޔަކަމާއި އަދި ރައްޔިތުންނަށް އޮތް ފައިދާގެ ބޮޑުކަމުން، 2028 ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވަން މަގުފަހިވާ ބޮޑު ސަބަބަކަށް އެ މަޝްރޫއު ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަޝްރޫއަށް ފުރުސަތު ދޭންޖެހޭ ސަބަބުތައް ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ، އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރެވޭ ވަރުގަދަ ނިންމުމެއް އެބައޮތް ކަމަށާއި ޔަހޫދީންނަށް ރަސްމާލެއިން އެއްވެސް ތަނެއް ނުގަނެވޭ ކަމަށެވެ. އަދި އެ މީހުންނަށް ވިޔަފާރިއެއް ނުކުރެވޭކަމަށާއި ރަލެއް އޫރުމަހެއް ނުވިއްކޭ ކަމަށާއި ކެސީނޯ އެއް ނެހެދޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އެ މަޝްރޫއު ހަވާލުކުރީ މުސްލިމް ގައުމެއްގެ މުސްލިމް ވިޔަފާރިވެރިޔަކާ އަދި ގާބިލުކަން ހުރި ބިޔަ ބޮޑު ކުންފުންޏަކާ ކަމަށާއި ދިވެހި ދައުލަތުގެ މިލްކެއް ދޭން ހަމަޖެހިފައިވަނީ ކުއްޔަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނުގައި ހިނގާނީ ރާއްޖޭގެ ގާނޫނާއި ގަވައިދު ކަމަށް ވިދާޅުވިއެވެ.
އެ މަޝްރޫއަކީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި އެ މަޝްރޫއިން 50،000 ވަޒީފާ އުފެދިގެންދާނެ ކަމަށާއި ދިވެހިންނަށް އެތައް ބިލިއަން ރުފިޔާގެ ކޮންސްޓްރަކްޝަން މަސައްކަތް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ދިވެހީންނަށް ވެސް އިންވެސްޓްކޮށް ވިޔަފާރިކުރެވޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
އޭގެ އިތުުރުން، އެ މަޝްރޫއުގެ ތެރެއިން 5000 ފްލެޓު އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ދައުލަތަށް ވަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޮޑު ލުޔަަކަށް ވާނެ ކަމަށާއި ޑޮލަރު ރޭޓު ރަނގަޅުވުމުން ތަކެތީގެ އަގު ހެޔޮވާނެ ކަމަށެވެ. ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވުމުން، ތަރައްގީގެ މަޝްރޫއުތައް އިތުރުވެ، އާންމު ރައްޔިތުމީހާގެ އާމްދަނީ އިތުރުވެ އަދި ދިރިއުޅުން ތަނަވަސްވެެގެންދާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
އިދިކޮޅުގެ ހަމައެކަނި ބޭނުމަކީ އެކަމަށް ހުރަސްއެޅުން ކަމަށާއި އެ މަޝްރޫއު ކޮންމެހެންވެސް ކުރިއަށް ގެންދަންޖެހޭކަމަށް މަހްލޫފް ވިދާޅުވިއެވެ.

