ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވުމަށް ތާއީދުކުރާކަމަށް ބުނާ ވާހަކަ ސަލަފުން ދޮގުކޮށްފި

ޖަމްޢިއްޔަތުއްސަލަފްގެ އިސް ބޭފުޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުވަން އެ ޖަމްއިއްޔާއިން ތާއީދުކުރާކަމަށް ބައެއް ނޫސްތަކުން ފަތުރާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ދިރާސާކޮށް، ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް ފޮނުވާފައިވާ އިލްތިމާސްގައި، ރަސްމާލެ މަޝްރޫއު އާއި އަދި އެފަދަ ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއާގުޅޭ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭކަމަށް 8 ކަމެއް ވަނީ ބަޔާންކޮށް ފާހަގަކޮށްފައެވެ.

އެ އިލްތިމާސާ ގުޅޭގޮތުން، ”ޝަރުތުތަކާއެކު އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން ސަލަފު ޖަމިއްޔާއިން ތާއީދުކޮށްފި“ މި ސުރުހީގެ ދަށުން ނޫހެއްގައި ޝާއިއުކުރި ހަަބަރަކާ ގުޅިގެން އެ ޖަމްއިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުވަން އެ ޖަމްއިއްޔާއިން ތާއީދުކުރާކަމަށް ބައެއް ނޫސްތަކުން ފަތުރާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ސަރުކާރަށް ކުރި އިލްތިމާސަކީ ތަރައްގީގެ ކޮންމެ މަޝްރޫއެއްގައި ވެސް ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަން ކަށަވަރުކުރަންޖެހޭނެ ކަމަށާއި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ޖާގަ ދެވިގެން ނުވާނެ ކަމުގެ އިލްތިމާސެވެ.

ޖަމްޢިއްޔަތުއްސަލަފުގެ އިލްތިމާސް އާންމުކޮށްފައި ވަނީ، ސަރުކާރުން އިއުލާންކޮށްފައިވާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންދަނިކޮށް، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްއިއްޔާއިން އެ މަޝްރޫއުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިއުލާންކުރިތާ އެއް މަސް ފަހުންނެވެ.

އެ ޖަމްއިއްޔާގެ އިލްތިމާސްގައި ޣައިރު މުސްލިމުން އަޅުކަންކުރާ ތަންތަން ބިނާކުރުމާއި، އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި އެހެން ދީންތައް އުނގަންނައިދިނުމަކީ ކަނޑައެޅިގެން މަނާ ކަންކަން ކަމުގައި ކަނޑައެޅުމަށް ގޮވާލާފައިވެއެވެ. އަދި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ސީދާކޮށް ވެސް ނުސީދާކޮށް ވެސް އެ މަޝްރޫއުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެކަން ކަށަވަރުކުރުމަށް ވެސް ގޮވާލާފައިވެއެވެ.

ހާއްސަ އިގްތިސާދީ ސަރަހައްދުތަކުގައި ހިންގޭ މިފަދަ މަޝްރޫއުތަކުގައި ހިންގޭ އެންމެހާ ހަރަކާތްތަކަކީ އިސްލާމީ އުސޫލުތަކާ ހިލާފުނުވާނެ ކަންކަން ކަން ކަށަވަރުކުރަން ހާއްސަ މޮނިޓަރިންގެ ނިޒާމެއް ގާއިމްކުރުމަށް ވެސް އެ ޖަމްޢިިއްޔާއިން ގޮވާލާފައިވެއެވެ. އަދި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، ދީނީ، އިޖްތިމާއީ، އަދި ސަގާފީ އޮނިގަނޑަށް އަންނާނެ ބަދަލުތައް ވަޒަންކުރުމަށް ވެސް ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކުން ރައްކާތެރިވުމަށް ވަކި ގައުމެއްގެ ބަޔަކަށް ބިން ދޫކުރެވޭނެ ކޯޓާއެއް ކަނޑައެޅުމަށް ވެސް އެދިފައިވެއެވެ. އަދި މަޝްރޫއުގެ މަންފާ ދިވެހި ވިޔަފާރިތަކަށާއި ރައްޔިތުންނަށް ލިބޭނެ ގޮތަކަށް މަޝްރޫއު ބައްޓަންކުރަން އެދިފައިވެއެވެ.

މިފަދަ އެއްބަސްވުންތަކަކީ ދިވެހި ރައްޔިތުން އޭގައި މެހިގެންދާ ރާއްޖޭގެ މުސްތަގްބަލާ ސީދާ ގުޅިފައިވާ މަޝްރޫއުތަކަކަށް ވާތީ ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާތަކާއި، ވަކިވަކި އަފްރާދުން ފާޅުކުރާ ހިޔާލުތަކާއި މަޝްވަރާ ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށް ވެސް އެދިފައިވެއެވެ.

އެ ޖަމްޢިއްޔާގެ އިލްތިމާސްގައި ވަނީ، އިގްތިސާދީ މަންފާއަކީ މުޖްތަމައުގެ އަސާސްތަކާއި މަސްލަހަތު ގުރުބާންކޮށްގެން ހޯދާ އެއްޗަކަށް ވެގެންނުވާނެ ކަމަށާއި، ބޭނުންވަނީ ޒިންމާދާރުކަމާއެކު ހުޅުވާލެވިފައިވާ، ބޭރުގެ ތަޖުރިބާ އާއި ރައުސްމާލުގެ ފައިދާ ލިބޭ ގައުމުގެ އިސްތިގްލާލު ދިވެހީންގެ ބާރުގެ ދަށުގައި އޮންނާނެކަން ކަށަވަރުވާ ހަރުދަނާ ތަރައްގީގެ ތަސައްވުރެއް ކަމަށެވެ.

އެ ޖަމްއިއްޔާގެ ތަރުޖަމާނު ޝައިހް ހަސަން ފިކުރީ މީގެ ކުރިން އެކްސްގައި ވިދާޅުވީ، މި މަހުގެ 25 ވަނަ ދުވަހު އެ ޖަމްއިއްޔާގެ ހުށަހެޅުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުމުން، އެކަންކަމަށް ރިއާއަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: