ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ކުޅިއަށް ސިމެންތި ފެން އެޅި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން މިނިސްޓްރީއަށް ހުށަހަޅައިފި

ގދ. ތިނަދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީގެ ދެކުނު ސަރަހައްދުގައި އޮންނަ ކުޅީގެ ތެރެއަށް ގާނޫނާއި ގަވާއިދާ ޚިލާފަށް، ކެމިކަލް ފެނާއި ސިމެންތި ފެން އަޅާފައިވާ މައްސަލައެއްގައި، ކުޅިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައި ފިޔަވަޅު އެޅުމަށް ތިނަދޫ ސިޓީ ކައުންސިލުން އެ މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހަޅަން ނިންމާފައިވާކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.

މިކަމުގެ މައުލޫމާތު ހޯދުމަށް ”ސަންގުން“ ގުޅުމުން ސައުދު ވިދާޅުވީ، ތިނަދޫ ކުޅިއަކީ އެރަށު ދެކުނު ސަރަހައްދުގައި އޮންނަ ތަނެއް ކަމަށާއި މިބާވަތުގެ ޤުދުރަތީ ތަންތަން ހިމާޔަތް ކުރުމަކީ ރަށުގެ އާންމު ރައްޔިތުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ތިނަދޫ ސިޓީ ފަދަ އާބާދީ ބޮޑެތި ރަށްރަށުގައި ޤުދުރަތީ މުއްސަނދިކަން ނައްތާލުމުގެ ޖާގަ ރަށުގެ އެއްވެސް ރައްޔިތަކު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫ ސިޓީ ދެކުނު ސަރައްދުގައި އޮތް ކުޅީގެ ތެރެއަށް ކެމިކަލް ފެނާއި ސިމެންތި ފެން އަޅައި ކުޅިއަށް ގެއްލުންދޭ މައްސަލަ ބަލަމުންދާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން މިދިޔަ ހަފްތާގައި ވަނީ ކައުންސިލުގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ހާމަކޮށްފައެވެ. އަދި އެ ޕޯސްޓާއެކު ކައުންސިލުން ވަނީ ވީޑިއޯ ވެސް ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި ކުޅީގެ ތެރެއަށް ފެން ދާ ގޮތަށް ދޫކޮށްފައިވާ ފެންހޮޅިއެއް ފެންނައިރު އެ ފެން ހޮޅި ދޫކޮށްފައިވަނީ ކޮންސްޓްރަކްޝަން ސައިޓަކުންނެވެ. އަދި ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުޅި ތެރެއަށް ނުރައްކާތެރި ކެމިކަލް ހުރި ފެންތަކާއި ސިމެންތި އެކުލެވިފައިވާ ފެން އެޅުމުގެ ސަބަބުން މައްސަލަ ރަށުގެ ކައުންސިލާ ހިއްސާކޮށްފައިވާކަމަށް ސައުދު ވިދާޅުވިއެވެ.

ސަންގަށް މައުލޫމާތުދެއްވަމުން ސައުދު ވިދާޅުވީ ރަށުގެ ކުޅި ސަރަހައްދުގައި 50 ޔުނިޓުގެ ހައުސިންގ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ޕޮރޮޖެކްޓެއް ހިންގަމުންދާ ކަމަށެވެ. އަދި އެ ކުޅިއަށް ގެންލުންތަކެއް ދެމުންދާ ކަމަށް ބުނެ އާންމު ފަރާތަކުން ކުރި ޝަކުވާއަކާ ގުޅިގެން ރަށު ކައުންސިލުގެ ޓީމުން އެތަން ބަލާ ފާސްކުރިއިރު ޕްރޮޖެކްޓް ކުރިއަށް ގެންދާ ފަރާތުން ކެމިކަލް ފަދަ ތަކެއްޗާއި ސިމެންތި ފެން ޑީވޯޓާކުރަމުންދާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އެފަދަ ކުޅިތަކާއި ޗަސްބިންތައް ހިމާޔަތްކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ތަންތަނުގައި ޕޮރޮޖެކްޓެއް ހިންގާނަމަ އެ ޕްރޮޖެއްޓެއް ހަވާލުކުރާ ފަރާތްތަކުން ރަށުގެ ކައުންސިލުން ދުރާލާ ހުއްދަ ނަގައިގެން ކުރަންޖެހޭނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ހުއްދައެއް އެފަރާތުން ނަގާފައިނުވާ ކަމަށް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ، މިފަދަ ޤުދުރަތީ ތަންތަން ހިމާޔަތްކުރުމަށް ރަށުގެ އެންމެހާ ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ތިނަދޫގެ ޒުވާނުން އެކަން އެގޮތަށް ގެންދިއުމަށް ދޫނުކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިތަންތަން ސެކިއާރ ކުރުމަށް ޓަކައި މަސައްކަތް ކުރަމުން މިދަނީ. އަދި ތިނަދޫ ކަހަލަ އާބާދީ ބޮޑު ރަށެއްގައި އެގޮތަށް ހުންނަ ޤުދުރަތީ މުއްސަނދިކަން ނައްތާލަން އެއްވެސް ބަޔަކަށް ޖާގައެއް ދޭން ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ. އަދި ވަކިން ހާއްސަކޮށް ތިނަދޫގެ ޒުވާނުން ބޭނުމެއް ނުވޭ،“ ސައުދު

ސައުދުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، އެ މައްސަލާގައި ކަމާ ގުޅުންހުރި މުއައްސަސާތަކާއި ހިއްސާކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރު އެ މައްސަލަ ދެނެގަނެ އެންވަޔަރަމަންޓު މިނިސްޓްރީއަށް ހުށައަޅާފައިވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ސަރުކާރުން ވިޔަސް އަމިއްލަ ފާރާތްތަކުން ވިޔަސް މިފަދަ ޕްރޮޖެކްޓުތައް ހިންގާއިރު ތިމާވެއްޓާ ރައްޓެހި ކަންކަމާ ބީރައްޓެހި ކަންކަން ހުންނާނެތީ އެކަންކަން ބަލަންޖެހޭނެ ކަމަށެވެ. އެހެންކަމުން އެއްވެސް ބަޔަކު ޕޮރޮޖެކްޓެއް ހިންގިޔަސް ހިމާޔަތްކުރެވިފައިވާ މިފަދަ ކުޅިތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އަމަލުކުރުމަށް މީގެ ކުރިންވެސް ކައުންސިލުން އަންގާފައިވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވަނީ ޤާނޫނުތަކުގައި ކަނޑައެޅިގެން މިފަދަ ޤުދުރަތީ ތަންތަނަކީ ވަރަށް ބޮޑަށް ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށާއި އެފަދަ އަމަލެއް ހިންގުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ތަކުރާރުކުރައްވާފައެވެ.

މިހާރުވެސް ތިނަދޫގެ އިތުރު ކުޅިއެއް ކައިރީގައި އިޤްތިސާދީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށާއި އެހެންނަމަވެސް އެތަނުގައި ޑީވޯޓަރިންނާއި މިފަދަ ކުޅިއަށް ގެއްލުންވާ ފަދަ އެއްވެސް ބާވަތެއްގެ ކަމެއް ނުހިނގާ ކަމަށް ވިދާޅުވެ، އޭނާ ވަނީ މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ކުރި ތުހުމަތު ތަކުރާރުކުރައްވާފައެވެ.

އޭގެ އިތުރުން، ކައުންސިލުގެ ލީގަލް ޑިޕާޓްމަންޓުން އެ މައްސަލަ މިހާރު ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މިފަދަ އަމަލުތަކަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވެ، ތިމާވެށި ހަލާކުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: