ތިނަދޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލު ގުޅިގެން ތަރައްގީއަށް ޓަކައި މަސައްކަތްކުރަން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ ފަހުމުނާމާގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އަދި ތިނަދޫ ސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރު ސައުދު އަލީއެވެ. އެ ފަހުމުނާމާގައި ސޮއިކުރީ އެކަމަށް ޓަކައި ސިޓީ ކައުންސިލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ފަހުމުނާމާއަކީ ދެ ސިޓީ ގުޅިގެން ކުރެވިދާނެ ވިޔަފާރީގެ މަސައްކަތްތަކާއި އަދި ދެ ސިޓީ ޕްރޮމޯޓު ކުރެވިދާނެ ކަންކަމާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންތައް ދިރާސާކޮށް ބެލުމަށް ޓަކައި ސޮއިކުރެވޭ ފަހުމުނާމާއެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން، ދެ ކައުންސިލުގެ ހިންގުން ހަރުދަނާކުރުމާއި މުވައްޒަފުންނަށް ކުރިއެރުން ހޯދުން ފަދަ ކަންކަމަކަށް ވެސް ފަހުމުނާމާގައި އަލިއަޅުވާލާފައެވެ.
އެގޮތުން، އެ ކައުންސިލުގެ މުވައްޒަފުން އަނެއް ކައުންސިލަށް ފޮނުވައިގެން އިދާރީ ގޮތުން މަސައްކަތް ކުރުމުގައި ރަނގަޅު ކަންތައްތައް ދެނެގަނެ، އެގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް މަސައްކަތްކުރެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ރާއްޖެ ތަރައްގީކުރެވޭނީ ކައުންސިލުތައް އެކައްޗެއް ކިޔައިގެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި އެ ފަހުމުނާމާއަކީ ކައުންސިލްތައް ގުޅިގެން ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މޭޔަރު ސައުދު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު ވިޔަފާރީގެ މަރުކަޒު ކަމަށްވާ ހަވަރު ތިނަދޫއާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެވުނު މި ފަހުމުނާމާއަކީ ވަރަށް ތާރީހީ ފަހުމުނާމާއެއް ކަމަށެވެ.
އެ ފަހުމުނާމާއަކީ ދެ ސިޓީގެ ރައްޔިތުންނަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ފަހުމުނާމާއެއް ކަމަށާއި އިދާރީ ހިންގުމުގައި ހިޔާލާ މަޝްވަރާ ނެރުމަށް ޓަކައި ދޮރުތައް ހުޅުވައި، ކުރިއަށް އޮތްތަނުގައި އެފަދަ ފަހުމުނާމާތައް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދާރީ ހިންގުމުގައި ދިމާވާ ގޮންޖެހުންތައް، ކައުންސިލުތައް ބަދަލުވާ ހާލަތްތަކުގައި ވެސް ދެމިއޮންނާނެ ގޮތަށް އެ ފަހުމުނާމާއިން އެޅޭ އެ ފާލަންތައް ދިގު މުއްދަތަކަށް ދެމިއޮންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

