ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ހަމައެކަނި ސަރުކާރުން އިމާރާތްތަކެއް އެޅުން ނޫން ކަމަށާއި، އަމާޒަކީ އަމިއްލަ ފަރާތްތަކާއި ބޭންކުތައް މެދުވެރިކޮށް ރައްޔިތުން ބާރުވެރިކުރުވައިގެން ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ހޯދޭނެ ފުރުސަތު ފަހިކޮށްދިނުންކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ”ޓޯޓަލް ސޮލިއުޝަން“ ނުވަތަ ދާއިމީ ހައްލަކީ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ އަމިއްލަ ފަރާތްތަކާއި ބޭންކުތައް ގުޅިގެން މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށްކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ރަށްރަށުގެ ބޯހިޔާވަހިކަމުގެ ހާލަތަށް މުއްތަލިބު ވިދާޅުވީ، ރަށަކުން ގޯތި ލިބިފައިވާ މީހަކަށް އެ ގޯތީގައި ގެދޮރު އެޅޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުން ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށެވެ. އޭގެ ބަދަލުގައި، މީހުންނަށް ދޫކޮށްފައި ހުރި ގޯތިތައް ނުއެޅި ހުއްޓައި ސަރުކާރުން އެ ރަށެއްގައި ފްލެޓް އަޅައި، އަދި ގޯތި އޮތުމުގެ ސަބަބުން އެ ފަރާތްތަކަށް ޝަރުތު ހަމަނުވާ ގޮތް ހެދުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.
އަބަދު ސަރުކާރުން ލޯނު ނަގައިގެން އިމާރާތް ކުރާކަމަށް ވަންޏާ އެއީ ދެމެހެއްޓެނިވި ގޮތެއް ނޫން. ސަރުކާރުން އެއް ގެ އިމާރާތް ކުރުމަށް ދާ ހަރަދުން، ރައްޔިތުން ބާރުވެރިކޮށް ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ފަސް އާއިލާއަށް ގެދޮރު ބިނާކުރުމަށް އެހީތެރިވެދެވޭނެ
މީގެއިތުރުން، ބިމުގެ ދަތިކަން ހުރި ސަރަހައްދުތަކުގައި ތަފާތު މޮޑެލްތަކަށް އިމާރާތްތައް އަޅައިގެން ހައްލު ހޯދައިދޭނެކަމަށާއި، މިގޮތުން ތައާރަފްކުރާ އެފޯޑަބަލް ހައުސިންއަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ވިދާޅުވިއެވެ. މި އަހަރުގެ ނިޔަލަށް 2،000 ހައުސިން ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ މަސައްކަތް ފަށައި، ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަމާޒު ހިފާފައިވާކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި މި 2،000 ޔުނިޓަކީ ބޭންކުތައް މެދުވެރިކޮށް ފައިނޭންސް ހޯދައިގެން ރައްޔިތުންނަށް ހެޔޮ އަގުގައި މިލްކުކުރެވޭނެ ތަންތަނެވެ. މީގެ ސަބަބުން މާލީ ތަނަވަސްކަން ހުރި ފަރާތްތަކަށް އަގުބޮޑު މާކެޓަށް ނުގޮސް، އަދި ސޯޝަލް ހައުސިންގެ ދިގު އިންތިޒާރުގައި ނުތިބެ ގެދޮރު ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވި އެވެ. އަދި ހަގީގީ ސޯޝަލް ހައުސިންއަށް ބޭނުންޖެހިފައިވާ ނިކަމެތި ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ، އޭނާ މަގާމުގައި ހުންނެވީ ހަމައެކަނި ވަކިވަކި ޕްރޮޖެކްޓްތަކެއް ހިންގުމަށް ނޫން ކަމަށެވެ. އެއަށްވުރެ ބޮޑަށް ދެމެހެއްޓެނިވި ހައްލުތައް ގެނެވޭނެ ސިޔާސަތުތައް އެކުލަވާލުމަކީ އެންމެ މުހިންމު މަސައްކަތްކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ.
އެގޮތުން، ހައުސިން ސެކްޓަރ އަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ބޭރުގެ ބޮޑެތި ލޯނުތަކަށް ބަރޯސާނުވެ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ގެދޮރުވެރިކަމަށް ފުރުސަތު ފަހިކުރުން ކަމަށްވިދާޅުވިއެވެ. މިސާލެއްގެ ގޮތުން މިދިޔަ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން 4،000 ފްލެޓް އެޅި ނަމަވެސް، މި ސަރުކާރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުތަކަށް ގެނައި ބަދަލުތަކާއެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދައުލަތަށް ދަރަނި ބޮޑުނުވާނެހެން 4،000 ޔުނިޓް އެޅުމުގެ މަގުފަހިކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

