ރަސްމާލެ މަޝްރޫއުން ބޭރުގެ ފަރާތްތަކަށް ބިން ދޫކުރާ މައްސަލައިގެ އަސްލަށް ވަޑައިގަތުމުގެ ބަދަލުގައި، ދީނީ އިލްމުވެރިން އެތަނުން ލިބޭނެ ކަމަށް ބުނާ 5،000 ހައުސިންގ ޔުނިޓުގެ ދިފާއުގައި ވާހަކަދެއްކެވުމަކީ ލަދުވެތި ކަމެއް ކަމަށާއި، ވާޖިބު އަދާނުކުރެއްވޭނަމަ ރުޤްޔާ ކޮށްގެންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޔަކަށް އަޅުވައިދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެއިން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއް ބޭރުގެ ވިޔަފާރިވެރިންނަށާއި ޒަޔަނިސްޓު ނުފޫޒު އޮތް ފަރާތްތަކަށް ދޫކޮށްލަން އުޅޭއިރު، ދީނީ އިލްމުވެރިން މިކަމުގެ ނުރައްކާތެރިކަން ހާމަކުރުމުގެ ބަދަލުގައި އިގްތިސާދީ މަންފާތަކެއްގެ ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ބިމުގައި ޣައިރު ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން ސެޓްލްމަންޓް ހަދައި ވަޒަންވެރިވުމަކީ ގައުމީ އަދި ދީނީ ބޮޑު ނުރައްކަލެކެވެ. އެހެންކަމުން މިފަދަ ކަންކަމުގައި އިލްމުވެރިން ފާޅުގައި ބަސްވިދާޅުވާން ޖެހޭނެ ކަމަށާއި، ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި އިލްމުވެރިން އިސްނަންގަވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ޔާމީން ވަނީ އިލްމުވެރިންގެ ދައުރާމެދު ސުވާލު އުފައްދަވާފައެވެ.
”އަޅުގަނޑު ހަމަ އިލްމުވެރިންނަށް ދަންނަވާލަން އޮތީ، އެ ބޭފުޅުންގެ މަސައްކަތްޕުޅު، އެ ބޭފުޅުންގެ ޒިންމާ އަދި އެ ބޭފުޅުންގެ ވާޖިބު އަދާކުރައްވަން ބޭނުންފުޅު ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުޤްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ،“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރަސްމާލެއަކީ ދިވެހި ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމަނިކުފާނުގެ ވެރިކަމުގައި ރޭވި މަޝްރޫއެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކާ އެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ރައީސް މުއިއްޒަށް ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
އެހެންކަމުން މިފަދަ ހައްސާސީ މައްސަލަތަކުގައި ހުރިހާ ދިވެހި ރައްޔިތުންނާއި ދީނީ އިލްމުވެރިން ސަރުކާރު ޒިންމާދާރުކުރުވަން ތެދުވަންޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

