އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ދާއިމަށް މަނާކުރުމަށް އަދި އިސްރާއީލުގެ މީހުންނަށް ރާއްޖޭގައި އިންވެސްޓްކުރުން މަނާކުރުމަށް ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ހަބަރު އިސްރާއީލުގެ މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
މީގެ ކުރިން އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށްފައިވަނީ އޮކްޓޯބަރު 7 އަށް ފަހު އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓާލަން ދެނެވެ. އެހެންނަމަވެސް، ދާއިމަށް އިސްރާއީލުގެ ޕާސްޕޯޓު މަނާވާނެ ގޮތަށް އިމިގްރޭޝަންގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު، އެކަން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާނުކޮށްފައެވެ.
އޭގެ އިތުރުން، ސަރުކާރުން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުއަށް އިންވެސްޓްކޮށްގެން ރާއްޖޭގައި ވަޒަންވެރިވުމަށް ޒަޔަނިސްޓުންނަށް މަގުފަހިވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ، އަލަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ ދަށުން އިންވެސްޓަރުންގެ ކޭވައިސީ ސްކްރީން ކުރާނެ ކަމަށާއި އިސްރާއީލުގެ މީހުންނަށް ރާއްޖޭގައި އިންވެސްޓްނުކުރެވޭނެ ކަމަށެވެ.
އެ ހަބަރުތައް އިސްރާއީލުގެ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު، އިސްރާއީލުގެ އެންމެ ބޮޑު ނޫސްތަކުގެ ތެރޭގައި ހިމެނޭ ޓައިމްސް އޮފް އިސްރާއީލް އަދި ދަ ޖެރޫސަލެމް ޕޯސްޓުން ވަނީ އެ ހަބަރު ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ގަތުލުއާންމު ހުއްޓާލަންދެން ޕާސްޕޯޓު މަނާކޮށްފައި އޮތް ނަމަވެސް، މިހާރު ދާއިމަށް ޕާސްޕޯޓު މަނާކުރަން އުޅޭކަމަށް ޓައިމްސް އޮފް އިސްރާއީލުގެ ސުރުހީގައި ފާހަގަކޮށްފައިވެއެވެ.
ދަ ޖެރޫސަލެމް ޕޯސްޓުން އެކަމާ ގުޅިގެން ޝާއިއުކުރި ހަބަރުގެ ސުރުހީގައި ދާއިމަށް ޕާސްޕޯޓު މަނާކުރުމާއި އިސްރާއީލު މީހުންނަށް ރާއްޖޭގައި އިންވެސްޓުކުރުން މަނާކުރާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެހެން ޕާސްޕޯޓެއްގައި އެތެރެވާ އިސްރާއީލު މީހުން ވެސް ސްކްރީންކުރާނެ ކަމާއި އިސްރާއީލު މީހުންނަށް ރާއްޖޭގައި އިންވެސްޓްނުކުރެވޭނެ ކަމަށް ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވާކަން ޖެރޫސަލެމް ޕޯސްޓުގައި ރިޕޯޓުކޮށްފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ގަތުލްއާންމެއް ކަމަށާއިި އެއީ ދިވެހީން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަން ވެސް ދަ ޖެރޫސަލެމް ޕޯސްޓުން ފާހަގަކޮށްފައިވެއެވެ.
ޑިސެމްބަރު 2023 ގައި އިސްރާއީލުން ވެސް ވަނީ ރާއްޖެއަށް ޒިޔާރަތްނުކުރަން އާންމުންނަށް އަންގައި އެޑްވައިޒަރީއެއް ނެރެފައެވެ. އެ އެޑްވައިޒަރީގައި ބުނެފައިވަނީ ޣައްޒާގެ ”ހަނގުރާމަ“ އާ ގުޅިގެން ރާއްޖޭގައި އިސްރާއީލާ ދެކޮޅަށް ފާޅުކުރަމުންދާ ޝުއޫރުތައް އިތުރުވެފައިވާކަމަށެވެ.

