އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލުން އަގްސާ މިސްކިތަށް ވަދެގަތް މައްސަލަ ރާއްޖޭގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުން އަލް އަގްސާ މިސްކިތަށް ވަތް މައްސަލަ ކުށްވެރިކޮށް ނެރިފައިވާ ބަޔާނުގައި ރާއްޖޭގެ ސަރުކާރުންވަނީ އެ އަމަލުގައި އިސްރާއީލުގެ އޮފިޝަލުން ބައިވެރިވާކަމުގެ މައްޗަށްވެސް އަލިއަޅުވާފައެވެ. އަދި އެ އަމަލު ހަރުކަށި އިބާރާތުން ކުރާކަމަށް ބުނެފައިވެއެވެ.
ބަޔާނުގައިވާގޮތުން އެ އަމަލު ހިންގުމުގައި އެ ގައުމުގެ ދެ މިނިސްޓާަރުންނާއި މަޖިލީހުގެ މެމްބަރުން ހިމެނެއެވެ. އެހެންކަމުން އެއީ މުޅި މުސްލިމު އުންމަތަށްވެސް އެންމެ މުހިންމު އެންމެ މާތް އެއްތަންކަމަށްވުމުން އެއީ އެ ގައުމުން ހިންގާފައިވާ އިންތިހާއަށް ނޭދެވޭ އަމަލެއް ކަމަށްވެސް ސިފަކޮށްފައިވެއެވެ.
ސަރުކާރުންވަނީ އިސްރާއީލުގެ ޖަރީމާތަކާއި ގުޅިގެން ވަރަށް ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި އަގްސާއަށް އެކި ފަހަރުގެ މަތިން އިސްރާއީލުން ވަދެގަނެ ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އުންމީދުތަކަށްވެސް ހުރަސްއެޅިގެންދާކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ ސަރުކާރުކާރާއި ރައްޔިތުންގެވެސް ފުރިހަމަ އެއްބާރުލުން ޕަލަސްތީނާއިއެކު އޮތްކަން ބަޔާނުގައި ހިއްސާކޮށްފައިވެއެވެ. އަދި ބައިނަލްއަގުވާމީ ދުނިޔެއިން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލާފައިވާ ގޮވާލުން އަލުން ތަކުރާރުކުރާކަމަށްވެސް ބުނެފައިވެއެވެ.

