ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓު ބޭންކޮށްފައިވާކަމަށްވުމުން އެ ގައުމުގެ ފަތުރުވެރިން އިންޑިއާއަށް ދިއުމަށް އިސްރާއީލުގެ އެމްބަސީއިން އިލްތިމާސްކޮށްފި އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުންދަނީ ދިވެހިރާއްޖެއިން ކުއްލި ގޮތަކަށް އިސްރާއީލާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މަސްރަހަށް އަންނަމުންދާ ބަދަލުތައް ރިޕޯޓުކުރަމުންނެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު އެ ގައުމުގެ ޕާސްޕޯޓު ބޭންކޮށްފައިވާކަމަށްވުމުން ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ފޭބުމަށް އެ ގައުމުގެ ހާރިޖީ ވުޒާރާއިން ބަޔާނެއް ނެރުނުއިރު، މިހާރު އިންޑިއާގައި ހުންނަ އިސްރާއީލުގެ އެމްބަސީއިންވަނީ ރާއްޖެއަށް ދަތުރުކުރުމުގެ ބަދަލުގައި އިންޑިއާގެ ބީޗުތައް ބަލާލުމަށް ޒިޔާރަތްކުރުމަށް އެދިފައެވެ. އަދި އެ ގައުމުން އިސްރާއީލުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާކަމަށްވެސް ބުނެފައިވެއެވެ.
އެމްބަސީއިން ވަނީ ޒިޔާރަތްކުރަން އެންމެ ރަނގަޅު ބައެއް ސަރަހައްދުތައްވެސް އެކްސް މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެގޮތުން ގޯއާ އަންދަމަން އާއި ނިކޮބާރ އައިލެންޑްސްގެ އިތުރުން ލަކްޝަދީޕާއި ކެރަލާއަކީވެސް ރީތި ތަންތަންކަމަށް ފާހަގަކޮށްފައިވާއިރު، އެތަންތަނުގެ ބީޗުތަކުގެ ފޮޓޯތައްވެސް ސޯޝަލްމީޑީއާގައި ހިއްސާކޮށްފައިވެއެވެ.
އެ ގައުމުން ބުނެފައިވާގޮތުން މިހާރު އިސްރާއީލުގެ ފަތުރުވެރިންނަށް ރާއްޖެ އެތެރެވުންވަނީ މަނާކޮށްފައެވެ. އެހެންކަމުން ބައެއް އިންޑިއާގެ ބީޗުތަކުގެ ފޮޓޯތައް ހިއްސާކޮށް އެ ގައުމުންވަނީ އެތަންތަނުގައި އެ ގައުމުގެ ރައްޔިތުންނާއިމެދު އިހުތިރާމާއިއެކު އަމަލުކުރާނެކަމަށާއި އެންމެ ފުރިހަމައަށް މެހެމާންދާރީވެސް އަދާކުރާނެކަމަށެވެ. އެ ގައުމުންވަނީ ހާރިޖީ މަސައްކަތްތަކުގެ ތެރެއިން މުއައްޒަފުން ޒިޔާރަތްކޮށްފައިވާ ތަންތަންވެސް ޕޯސްޓުގައި ޝާއިއުކޮށްފައެވެ.
މިއީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމުމާއިއެކު އެ ގައުމުން ފަށާފައިވާ މަސައްކަތްތަކެކެވެ. އެހެންނަމަވެސް އިސްރާއީލުގެ ގިނަ ރައްޔިތުންނަކީ ޑުއަލް ޕާސްޕޯޓު ހޯލްޑަރުންކަމަށްވުމުން އަނެއް ޕާސްޕޯޓުގެ ބޭނުން ހިފައި އެތެރެވެވޭނެކަމަށްވެސް ބައެއް ފޯރަމްތަކުގައި ބުނަމުންދާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ ސަރުކާރުންވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމުގެ ގޮތުން ގާނޫނީ އިސްލާހުތައް ގެންނަން ނިންމާފައެވެ. އަދި މި މަސައްކަތްތައް ކުރުމަށްޓަކައި ހާއްސަ ކޮމިިޓީޢެއް އެކުލަވާލުމުގެ އިތުރުން ފަލަސްތީނުން ރާއްޖޭގެ ފަރާތުން ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަންދޫބެއް ކަނޑައެޅުމަށްވެސް ރައީސް މުއިއްޒުވަނީ ނިންމަވާފައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ގައުމީ ފެންވަރުގައި ފަންޑު ރެއިޒްކުރުންވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މީގެ ދުވަސްތަކެއް ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަަށް ހަމާސް ޖަމާއަތަށް ހުށައަޅާފައިވާ ޑީލެއް ތަފްސީލު ކޮށްދެއްވާފައިކަންވެސް ފާހަގަކުރެވެއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުންވެސް ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާ ޣައްޒާއިން ފޭބުމުގެ މަގުވެސް ކޮށިގެންދާނެކަމަށް ބައިޑެން ފާޙަގަކުރެއްވިއެވެ. އަދި ދެމެހެއްޓިނިވި ގޮތެއްގެ މަތިން ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށްވެސް މަގުފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

