ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުން ކުރި ޙުކުމަށް އިޙްތިރާމްކުރަން، ކުންފުނިން ލޯނު ނުދެއްކިޔަސް އަމިއްލަ ޚަރަދުގައި ފައިސާ ދައްކާ ހަލާސް ކުރާނަން: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނަކާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް، ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރައްވައި ފައިސާ ޚަލާޞްކުރައްވާނެ ކަމުގެ ޔަޤީންކަން ހުޅުމާލޭ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ދެއްވައިފިއެވެ.

މެންބަރު ޑރ. ޝަމްހީދު މިކަން ހާމަކުރެއްވީ ސިވިލް ކޯޓުގެ ޙުކުމާ ގުޅިގެން، ދާއިރާގެ ރައްޔިތުންނަށާއި އާންމު ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަތާ 7 އަހަރު

ޑރ. ޝަމްހީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ އެމަނިކުފާނުގެ ކުރީގެ ރަޙްމަތްތެރިންތަކަކާ އެކު ވިޔަފާރި ކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. ނަމަވެސް، ކުންފުނި ހިންގުމުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، އެ ކުންފުނީގެ އެންމެހައި ހިންގުމުގެ ކަންކަމާ ދުރުގައި ހުންނަވާތާ މިހާރު ހަތް އަހަރު ވެދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ މައްސަލައިގައި ހިމެނޭ ލޯނަކީ ކުންފުނީގެ ބައެއް ޙިއްޞާދާރުންގެ އަމިއްލަ ބޭނުމަށް ނެގުމަށް މަސައްކަތްކުރި ލޯނެއް ކަމަށާއި، ނަމަވެސް އެ ލޯނު ދޫކުރެވެން އޮތީ އެމަނިކުފާނުގެ ގެރެންޓީއާ އެކުގައި ކަމަށްވާތީ، އެ ބޭފުޅުންނަށް އެހީތެރިވުމުގެ ހެޔޮ ނިޔަތުގައި ގެރެންޓީ ދެއްވީ ކަމަށް ވިދާޅުވިއެވެ.

ލޯނު ނުދެއްކުމުން އަމިއްލަ ޚަރަދުގައި ފައިސާ ދެއްކުން

ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ލޯނު ނެގި ހިސާބުން ފެށިގެން ކުންފުނިން އެ ފެސިލިޓީއަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާކަން އެނގުމުން، ކުންފުނި ހިންގުމުގައާއި ފައިނޭންސް ކަންކަމުގައި ޒިންމާވެގެން ތިބި ފަރާތްތަކާ ވާހަކަދައްކައިގެން ފައިސާ ދެއްކުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް، ކުންފުނީގެ ކަމާބެހޭ ފަރާތްތަކުން އެ ފައިސާ ދައްކާފައި ނުވާތީ، ޑރ. ޝަމްހީދު އަމިއްލަ ހައިސިއްޔަތުން އެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް އެ ލޯނަށް ފައިސާ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަ ކޯޓަށް ހުށަހެޅުމުންވެސް ކުންފުނި ހިންގަން ތިބި އިސް ފަރާތްތަކުން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، ކޯޓަށް ޖަވާބުދާރީވެފައި ނުވާކަންވެސް ހާމަކުރެއްވިއެވެ.

ޝަރީޢަތުގެ އަޑުއެހުމަށް ޙާޟިރުވާން އަންގާފައިނުވޭ

ކޯޓުގެ މަރުޙަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ފާހަގަކުރެއްވީ، މި މައްސަލަ ކޯޓުން ނިންމުމުގެ ކުރިން އެމަނިކުފާނަށް ކޯޓަށް ޙާޟިރުވުމަށް އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށެވެ. އަދި މައްސަލަ ނިންމިކަން އެނގިވަޑައިގަތީ ކޯޓުން ފޮނުވި އީމެއިލެއްގެ ޒަރީޢާއިން ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ ލޯނު ނެގި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން، އެ ލޯނަށް ގެރެންޓީ ދީފައިވާ މެންބަރު ޑރ. ޝަމްހީދު ހިމެނޭހެން ޖުމްލަ 5 ފަރާތެއްގެ މައްޗަށެވެ.

ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ފެސިލިޓީގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ތެރެއިން 244,826.52 ޔޫއެސް ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 ޔޫއެސް ޑޮލަރު ހިމެނޭހެން ޖުމްލަ 281,474.28 ޑޮލަރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭންކަށް ދައްކައި ޚަލާސްކުރުމަށެވެ. އަދި މި ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެންމެން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޤާނޫނީ ޒިންމާ އަދާކުރެއްވުމާއި ސިޔާސީ ބޭނުން ހިފުން

ޑރ. ޝަމްހީދު ވިދާޅުވީ، މިއީ އެމަނިކުފާނުގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތަކުން ރެކިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ކޯޓުގެ ޙުކުމާ އެއްގޮތަށް އެ ދަރަނި ދައްކައި ޚަލާޞްކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް އެމަނިކުފާނު އެރުއްވިއެވެ.

މީގެއިތުރުން، މި ކުންފުނީގެ ވެރިން އަދި މިއަދު މިކަމުގައި އިސްކޮށް ތިއްބެވި ފަރާތްތަކަކީ އެމަނިކުފާނާ ސިޔާސީ ގޮތުން ވާދަވެރި ކެންޑިޑޭޓަކަށް ތާޢީދުކޮށްގެން މަސައްކަތްކުރަމުންދާ ފަރާތްތަކެއްކަން ފާހަގަކުރައްވަމުން، މިފަދަ އަމިއްލަ މަސްލަޙަތު ހުރި ކަންކަން ސިޔާސީ ކަންކަމަށް ބަދަލުކޮށްގެން އަބުރު ނަގާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: